ޚަބަރު

ނ. މަނަދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށައިފި


  • މި ޚިދުމަތް ފައްޓަވައިދެއްވީ ވަޒީރު އަލީ އިޙްސާން

  • މިހާތަނަށް 11 އަތޮޅަކަށް މި ޚިދުމަތް މިވަނީ ފުޅާކުރެވިފައި

  • މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ އަމާޒެއް

ނ. މަނަދޫގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ފަށައިފިއެވެ.

މި ޚިދުމަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނ. މަނަދޫގައި ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާނެވެ.


ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ގޮތުން އެ ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތަކެވެ. އެމަނިކުފާނުގެ މި ސިޔާސަތުގެ ދަށުން މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމުގެ މަސައްކަތް މިދިޔަ ނޮވެމްބަރުމަހުގެ 16 ވަނަ ދުވަހު ވަނީ އިފްތިތާޙްކުރައްވާފައެވެ.

އަތޮޅުތަކުގެ އެކި ސަރަޙައްދުތަކުގައި މި ޚިދުމަތް ފަށަމުން އަންނައިރު މާލޭގެ އިތުރުން ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ އިތުރުން ވިލިމާލޭގައިވެސް ޕާސްޕޯޓްގެ ޚިދުމަތް ވަނީ ދޭން ފަށާފައެވެ. މަނަދޫގައި މި ފެށުނު ޕާސްޕޯޓުގެ ޚިދުމަތާއެކު މިހާރު ޖުމްލަ 11 އަތޮޅަކަށް މި ޚިދުމަތް ފުޅާކުރެވިފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއެވެ.

މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ އަމާޒެއްކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއެވެ. ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޕާސްޕޯޓާއި އައިޑީކާޑް ހެއްދުމުގެ ޚިދުމަތް ދެމުން އަންނައިރު މެލޭޝިއާގައި ދިވެހިރާއްޖޭގެ ޕާސްޕޯޓާއި އައިޑީކާޑު ހަދައިދިނުމުގެ ޚިދުމަތްވެސް ވަނީ ފަށާފައެވެ. މިއީ ބޭރު ޤައުމެއްގައި މި ޚިދުމަތް ފެށި ފުރަތަމަ ޤައުމެވެ.