ޚަބަރު

ނ. އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތުގެ ބިންގާ އަޅައިފި


  • މިއީ 50 އެނދުގެ ހޮސްޕިޓަލެއް

  • މަޝްރޫޢު ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ

މިލަދުންމަޑުލު ދެކުނުބުރީ މަނަދޫގައި ހުންނަ ނ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އަޅައިފިއެވެ.

ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މަނަދޫގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައެވެ. ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް އަދި އެމްޓީސީސީގެ ސީއީއޯ އަހުމަދު ސައުދީއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު އަލްއުސްތާޛު ހުސްނީ މުބާރާކް އަދި މަނަދޫ ކައުންސިލްގެ ރައީސް އަބްދުއް ރަޙްމާން ސަބީޙުވެސް ވަނީ ބައިވެރިވެފައެވެ.

މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާއެވެ. މަނަދޫގައި ތަރައްޤީ ކުރާ އައު ހޮސްޕިޓަލަކީ 50 އެނދުގެ ހޮސްޕިޓަލެކެވެ. މި މަޝްރޫޢު އަކީ ސަރުކާރުން 187 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ. މިމަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 780 ދުވަސް ތެރޭ ނިންމާ ގޮތަށެވެ.

ޒަމާނީ ގިނަ ޚިދުމަތްތަކާއެކު ތަރައްޤީ ކުރާ މި ހޮސްޕިޓަލުގެ ސަބަބުން، މި ސަރަހައްދުގެ ރައްޔިތުންނަށާއި އެރަށުގެ ރައްޔިތުންނަށް ރަށުގައި ތިބެގެން ސިއްޙީ އެހީތެރިކަން ހޯދުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ނ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މަނަދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި މަނަދޫ ހޮސްޕިޓަލުގެ އައު އިމާރާތާއެކު އިތުރު ޚިދުމަތްތަކެއް ހޮސްޕިޓަލަށް ތަޢާރަފްކުރައްވާނެކަން ވަނީ އިއުލާން ކުރައްވާފައެވެ. އޭގެތެރޭގައި ފިޒިއޮތެރަޕީ، މެންޓަލް ހެލްތު، ސްޕީޗްތެރަޕީ ފަދަ ދާއިރާތަކުން ޚިދުމަތް ޤާއިމްކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިކަމަށް ފަންނީ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާކަން އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ރާއްޖޭގެ ސިއްޙީ ނިޒާމު ވަރުގަދަ ކުރުމުގެ މަސައްކަތުގެ ތެރެއިން ނ.އަތޮޅުގެ ސިއްޙީ ޚިދުމަތް ވަރުގަދަކުރުމަކީވެސް މުހިންމު ސިޔާސަތެއްކަމަށް ވިދާޅުވިއެވެ.

މަނަދޫ ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތް ފަށާފައިވާއިރު، އެރަށުގައި އާބާދީގައި 3000 އެއްހައި މީހުން އުޅެމުންދާކަން ތަފާސް ހިސާބުތަކުން ދައްކައެވެ.