ޚަބަރު

އާއިލާއާއި ހޮޅުދޫ ރައްޔިތުންނަށް ރައީސް ދެއްވީ ޒަކިއްޔާގެ މަރުގެ މައްސަލާގައި އިންސާފު ހޯދައިދޭނެކަމުގެ ޔަޤީންކަން!


  • ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ހޮޅުދޫއަށް ވަޑައިގެންފައި

ނ. ހޮޅުދޫގައި ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލާގައި އިންސާފު ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްްޒު މިހެން ވިދާޅުވީ ނ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހޮޅުދޫއަށް ވަޑައިގެން ޒަކިއްޔާގެ މަރުގެ މައްސަލާގައި ކަންބޮޑުވުން ފާޅުކުރި އޭނާގެ އާއިލާއާއި އެ ރަށު ބައެއް މީހުންނާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.

ނ. ހޮޅުދޫ، ނިއުލައިފް، ޒަކިއްޔާ މޫސާ މަނިކު (50އ) ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅުނު ގެއިން މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. އަދި އޭނާގެ މަރުގެ މައްސަލާގައި މިހާތަނަށް މާބޮޑު ކުރިއެރުންތަކެއް ލިބިފައިނުވާއިރު، އެ މަރުގައި ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހުރިކަމަށް ބުނެ ހޮޅުދޫގެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހޮޅުދޫއަށް ވަޑައިގެންނެވުމުން ޒަކިއްޔާގެ އާއިލާގެ މެމްބަރުންނާއި އެ ރަށު ރައްޔިތުން ވަނީ ޒަކިއްުޔާގެ މަރުގެ މައްސަލާގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ އާއިލާއާއި ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވުމަށް ފުރުސަތު ދެއްވައި، ކަންބޮޑުވުންތައް ގާތުން އަޑު އައްސަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި އާއިލާގެ މެމްބަރުން ވަނީ ޒަކިއްޔާ މަރާލާފައިވާކަމަށް ތުހުމަތުކޮށް، އެމައްސަލާގައި އިންސާފު ހޯދައިދެއްވުމަށް އެދިވަޑައިގެންފައެވެ.

ޒަކިއްޔާގެ އާއިލާގެ ވާހަކަތައް އަޑު އެއްސެވުމަށްފަހުރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ މައްސަލާގައި ކަން ހިނގާފައިވާގޮތް ގާތުން ބައްލަަވައި، އެކަމަށް ހާއްސަ އިސްކަމެއް ދެއްވާނެކަމަށެވެ. އަދި އެ މައްސަލާގައި އިންސާފު ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވި ޔަޤީންކަމާއެކު، ޒަކިއްޔާގެ މަރުގެ މައްސާލަގައި ކަންބޮޑުވުންތައް ހިސާކުރި ފަރާތްތަކުން ވަނީ، ރައީސުލްޖުމްހޫރިއްޔާ ދެއްވި ސަމާލުކަމާއި އެކަމުގެ ދެއްވި އުއްމީދީ ޖަވާބުތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ޒަކިއްޔާ މޫސާ މަރުވެފައި އޮތްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ގުދަނެއްގެ ތެރޭގައެވެ. އަދި އޭނާގެ ކަރުގައި ޒަޚަމްތަކެއް ފެންނަން ހުރިކަމަށާއި، އޭނާގެ ހަށިގަނޑު ކައިރިން ވަޅިއެއްވެސް ފެނުނު ފުލުހުން ވިދާޅުވިއެވެ.