ޚަބަރު

ޑްރޯން ޙަަމަލާތައް ދިފާޢުކުރަން އިނގިރޭސިވިލާތުގެ އައު ނިޒާމެއް މެދުއިރުމައްޗަށް


ގަލްފުގެ ޤައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ނަމުގައި އިނގިރޭސިވިލާތުގެ އަސްކަރިއްޔާއިން ޑްރޯން ޙަމަލާތައް ދިފާޢުކުރުމަށް އަލަށް އީޖާދުކޮށްފައިވާ ޚަރަދު ކުޑަ ނިޒާމެއް ހުޅަނގު އޭޝިޔާގެ ޤައުމުތަކަށް ފޮނުވައިފިއެވެ. އިނގިރޭސިވިލާތުގެ ވައިގެ ސިފައިންގެ (އާރްއޭއެފް) ޓައިފޫން މަރުކާގެ އަސްކަރީ މަތިންދާބޯޓުގައި ބޭނުންކުރެވޭ މި އައު ނިޒާމަށް ދީފައިވާ ނަމަކީ "އެޑްވާންސްޑް ޕްރިސިޝަން ކިލް ވެޕަން ސިސްޓަމް" (އޭޕީކޭޑަބްލިޔުއެސް) އެވެ.

އިނގިރޭސިވިލާތުގެ އަސްކަރިއްޔާއިން އޭޕީކޭޑަބްލިޔުއެސްގެ ޓެސްޓުތައް ހަދަން ފަށާފައި ވަނީ މީގެ ދެ މަހެއްހާ ދުވަސް ކުރިންނެވެ. ދިފާޢީ ވަޒީރު ލޫކް ޕޮލާޑް ވިދާޅުވީ، ގަލްފްގެ ޤައުމުތަކުގައި ހުރި އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒުތަކަށް ފޮނުވާފައިވާ ޓައިފޫން މަރުކާގެ މަތިންދާބޯޓުތަކުގައި އައު ނިޒާމު ހަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމުގައެވެ. މިއާއެކު، ޢާންމުކޮށް ބޭނުންކުރާ އަގުބޮޑެތި މިސައިލް ބޭނުންކުރުމުގެ ބަދަލުގައި، ޚަރަދު ކުޑަ އޭޕީކޭޑަބްލިޔުއެސް ނިޒާމު ބޭނުންކޮށްގެން ޑްރޯން ޙަމަލާތައް ދިފާޢުކުރުމުގެ ޤާބިލުކަން އާރްއޭއެފަށް ލިިބިގެންދާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

އޭޕީކޭޑަބްލިޔުއެސް ނިޒާމު އަމަލީ މައިދާނަށް ނެރެފައިވާއިރު، އިނގިރޭސިވިލާތުގެ ޓެސްޓް އެންޑް އިވެލުއޭޝަން ސްކޮޑްރަންގެ ޕައިލެޓުން މި ނިޒާމުގެ ޓެސްޓުތައް ކާމިޔާބުކަމާއެކު ހަދާފައި ވަނީ އެޕްރީލު މަހުއެވެ. ޕޮލާޑް ވިދާޅުވީ، އައު ނިޒާމުގެ ސަބަބުން ކުޑަ ޚަރަދަކުން ގިނަ އަދަދެއްގެ ޑްރޯން ޙަމަލާތަކެއް ދިފާޢުކުރުމުގެ ޤާބިލުކަން އާރްއޭއެފަށް ލިބިގެން ގޮސްފައިވާ ކަމުގައެވެ. ޓައިފޫން މަރުކާގެ މަތިންދާބޯޓުތަކަކީ އިނގިރޭސިވިލާތާއި ހުޅަނގުގެ ދިފާޢީ އިއްތިޙާދުގެ (ނޭޓޯ) ވައިގެ ދިފާއީ ނިޒާމުގެ "މައިބަދައިގެ" ގޮތުގައި ފާހަގަކުރައްވައި، އޭނާ ވިދާޅުވީ މި ބޯޓުތަކުން ވިލާތުގެ އިރުމަތީ ބިތާއި މެދުއިރުމަތީގެ ބައިވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިިނުމަށް ބޭނުންކުރާނެ ކަމުގައެވެ.

އޭޕީކޭޑަބްލިޔުއެސް ނިޒާމަކީ ލޭޒަރ-ޓާގެޓިންގ ނުވަތަ ލޭޒަރގެ އެހީގައި އަމާޒު ދެނެގަނެ އަމާޒަށް ވާސިލުވެވޭ ޓެކްނޮލޮޖީ ބޭނުންކޮށްގެން، "އަންގައިޑެޑް" ރޮކެޓުތަކުގެ ޤާބިލުކަން އިތުރުކޮށްދޭ ފުރިހަމަ ނިޒާމެއް ކަމުގައި އިނގިރޭސިވިލާތުގެ އަސްކަރިއްޔާއިން ބުންޏެވެ. ނޭޓޯގެ ޤައުމުތަކާއި ގަލްފުގެ ބައިވެރިން ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އިނގިރޭސިވިލާތުގެ އަސްކަރިއްޔާއިން ދަނީ ޓައިފޫން މަރުކާގެ މަތިންދާބޯޓުގެ އިތުރުން ވައިގެ ދިފާޢީ ނިޒާމުތައް ވެސް ބޭނުން ކުރަމުންނެވެ. މީގެ ތެރޭގައި، ސަޢޫދީ ޢަރަބިއްޔާގައި ޤާއިމުކޮށްފައިވާ "ސްކައި ސޭބަރ" ނިޒާމާއި، ބަހުރަޔިންގައި ޤާއިމުކޮށްފައިވާ "ލައިޓްވެއިޓް މަލްޓިރޯލް މިސައިލް" ނިޒާމު ފާހަގަކުރެއެވެ. ޓައިފޫން މަރުކާގެ މަތިންދާބޯޓުތައް 2040 ގެ އަހަރުތަކާ ހަމައަށް ބޭނުންކުރެވޭ ފެންވަރަށް ތަރައްޤީކުރުމަށް ޓަކައި، 860 މިލިޔަން އެމެރިކާ ޑޮލަރު ޚަރަދުކުރުމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ދާދިފަހުން ވަނީ ނިންމާފައެވެ.