ޚަބަރު

ރާއްޖެ-އިންޑިއާ 60 އަހަރުވީ ގާތް ގުޅުން، އެއް ޤައުމު އަނެއް ޤައުމަށް ކުރާ އިޙްތިރާމުގެ ނަމޫނާއެއް


  • ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުމަށްފަހު އެންމެ ފުރަތަމަ ގުޅުން ޤާއިމުކުރި ޤައުމުތަކުގެ ތެރޭގައި އިންޑިއާ ހިމެނޭ

  • އިންޑިއާއިން އަންނަނީ ރާއްޖޭގެ އުމްރާނީ، އިޖްތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމުގައި އެހީތެރިކަން ފޯރުކޮށްދެމުން

1965ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހަކީ ރާއްޖެއާ އެންމެ ގާތް ގުޅުމެއް އުފެދިފައިވާ އެއް ޤައުމާއެކު ޚާރިޖީ ގުޅުން ބަދަހިވެގެން ދިޔަ ދުވަހެވެ. މިއަހަރަކީ މި ގުޅުމަށް 60 އަހަރު ފުރިގެންދާ އަހަރެވެ. ނަމަވެސް ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރިކަމުގެ ގުޅުމަށް މިއަދާ ހަމައަށްވެސް އެއްވެސް ބަދަލެއް ނާދެއެވެ.

އަވަށްޓެރި އިންޑިއާއަކީ ބައިނަލްއަގުވާމީ މައިދާނުގައި ދިވެހިރާއްޖެއާއި ދިވެހިންނާ އެންމެ ބޮޑަށް ގުޅިފައިވާ އެއް ޤައުމު ކަމަށް ބުނުމަކުން ދޮގަކަށްނުވާނެއެވެ. ދެ ޤައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ބަދަހިވެގެންދިޔަތާ މިއަހަރަށް 60 އަހަރު ފުރޭއިރު އިންޑިއާއިން ވަނީ ރާއްޖޭގެ އުމްރާނީ ތަރައްޤީއާއި އިޖުތިމާއީ އަދި އިޤްތިޞާދީ ތަރައްޤީގައިވެސް މުހިންމު ރޯލެއް އަދާކޮށްފައެވެ. އަދި މިހާރުވެސް އިންޑިއާއަކީ ތަފާތު އެކި ގޮތްގޮތުން ރާއްޖޭގެ ތަރައްގީގައި މުހިންމު ބައިވެރިއެކެވެ.

ރާއްޖެއަށް ދިމާވާ ކޮންމެ ކަމެއްގައިވެސް އެންމެ ފުރަތަމަ އެހީގެ އަތެއް ދިއްކޮށްލާ އެއް ޤައުމަކީ އަވަށްޓެރި އިންޑިއާއެވެ. އެކަން ތާރީޚުގެ ތެރެއިން އެކި ދުވަސްވަރު ވަނީ ފެނިގެންގޮސްފައެވެ. އެގޮތުން، 1988ވަނަ އަހަރު ދިވެހިންތަކެއް އަޑީގައި ތިބެގެން ރާއްޖެއަށް ދިން ޢުދުވާނީ ހަމަލާގައިވެސް އިންޑިއާއިން ވަނީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. ދިވެހިންތަކެއް އަސީރުންނަށް ހަދައިގެން ގެންދިޔަ ބޯޓު ހުއްޓުވައި އެތައް ދިވެހިންނެއްގެ ފުރާނަ ސަލާމަތްކޮށްދިނީ އިންޑިއާއިން ހިންގި "އޮޕަރޭޝަން ކެކްޓަސް" ގެ ދަށުންނެވެ. އަދި ސުނާމީ އާއި މާލޭގެ ރައްޔިތުން ފެނަށް ޖެހުނު ދުވަސްވަރުވެސް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން އެއް ޤައުމަކީ އިންޑިއާއެވެ.

ފަހުގެ ތާރީޚެއްގައި ރާއްޖެއާއި މުޅި ދުނިޔެއަށްވެސް އިޤްތިޞާދީގޮތުންނާއި އިޖުތިމާޢީ ގޮތުން އެންމެ ބޮޑު އަސަރެއް ކުރީ ކޯވިޑް-19ގެ ތެރޭގައެވެ. މި ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު ހުއްޓި، ޤައުމަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނެވެ. ނަމަވެސް ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ވެކްސިން ފޯރުކޮށްދިނުމާއި އެހީ ފޯރުކޮށްދިނުމުގައި އިންޑިއާއިން އޮތީ ސާބިތުވެއެވެ. އަދި ރާއްޖޭގެ އިގްތިސާދު އަލުން އިއާދަކުރުމަށް ދެ ޤައުމުގެ ދެމެދު ދަތުރުތައް ފަށައި ރާއްޖެއަށް ބޭނުންވާ މާލީ އެހީތެރިކަންވެސް އެ ޤައުމުން ވަނީ ފޯރުކޮށްދީފައެވެ.

ރާއްޖޭގެ ސިއްޙީ ދާއިރާގައި ޓަރޝަރީ ފެންވަރުގެ ޚިދުމަތްތައް ފެށިގެންދިޔައީ އިންޑިއާގެ އެހީގައި ބުނުމަކުންވެސް ދޮގަކަށް ނުވާނެއެވެ. އެގޮތުން، ރާއްޖޭގެ ޓަރޝަރީ ބޭސްފަރުވާގެ ބިންގާ ކަމުގައި ބަލައިގަންނަ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަކީ އިންޑިއާގެ އެހީގައި ތަރައްގީކޮށްފައިވާ ހޮސްޕިޓަލެކެވެ. ސިއްޙީ ދާއިރާގެ އުމްރާނީ ވަސީލަތްތަކުގެ އިތުރުން އެ ދާއިރާއަށް ބޭނުންވާ ތަޖުރިބާކާރުންނާއި މެޝިނަރީސްފަދަ މުހިންމު ވަސީލަތްތައްވެސް އިންޑިއާއިން ދަނީ ކެނޑިނޭޅި ރާއްޖެއަށް ފޯރުކޮށްދެމުންނެވެ.

ބޭސްފަރުވާގެ ޚިދުމަތް ރާއްޖޭގައި ކުރިއެރުވުމަށް އެއްބާރުލުން ދިނުމުގެ އިތުރުން ރާއްޖޭން ނުލިބޭ ޚިދުމަތްތައް އެ ޤައުމުން ފަސޭހައިން ލިބިގެންދާނެ އިންތިޒާމުތައްވެސް އިންޑިއާއިން ވަނީ ހަމަޖައްސައިދީފައެވެ. އާސަންދަ ސްކީމުގެ ދަށުން އެންމެ ގިނަ އަދަދަކަށް ދިވެހިން ބޭސްފަރުވާ ހޯދަމުން އަންނަނީ އިންޑިއާއިންނެވެ.

ދިވެހި ވިޔަފާރިވެރިންނަށްވެސް އިންޑިއާއަކީ މުހިންމު ބައިވެރިއެކެވެ. މަހެއްގެ މައްޗަށް އެވްރެޖުކޮށް 600 މިލިޔަނަށް ވުރެ ގިނަ ރުފިޔާގެ މުދާ އިންޑިއާއިން ރާއްޖެއަށް އެތެރެ ކުރެއެވެ. މީގެ ތެރޭގައި ކާޑުގެ ބާވަތްތަކާއި މޭވާއާއި ތަރުކާރީ އަދި ދިރިއުޅުމަށް ބޭނުންވާ އެހެނިހެން ޒަރޫރީ ސާމާނު ހިމެނެއެވެ.

އިންޑިއާއަށް ކުރިމަތިވާ ބައެއް ކާރިސާތަކުގައިވެސް ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގާތް ރަހުމަތްތެރި ކަމުގެ ގުޅުމުގެ ވަރުގަދަކަން ހާމަވެގެންދެއެވެ. އެކި ދުވަސްވަރި އިންޑިއާގައި އުފައްދާ، ފިޔާ، އަލުވި، ގޮދަން ފަދަ ތަކެތި އުފެއްދުމުގައި ދަތިތަކާ ދިމާވެ އެފަދަ ތަކެތި އެކްސްޕޯޓް ކުރުން އެ ޤައުމުން އެއްކޮށްހެން ހުއްޓާލައެވެ. ނަމަވެސް މި ފިޔަވަޅުތަކުގެ އަސަރު އެ ޤައުމުން ރާއްޖެއަށް ވިޔަ ނުދެއެވެ. ރާއްޖެއަށް ފޯރުކޮށްދޭންޖެހޭ ކާޑުގެ ބާވަތްތަކާއި ޒަރޫރީ ސާމާނު ދެ ޤައުމުގެ ދެމެދު ވެފައިވާ އެއްބަސްވުންތަކާއެއްގޮތަށް އަބަދުވެސް އިންޑިއާއިން އަންނަނީ ފޯރުކޮށްދެމުންނެވެ.

ރާއްޖޭގެ އިންސާނީ ވަސީލަތްތައް ބިނާކުރުމުގައިވެސް އިންޑިއާއިން ދަނީ މުހިންމު ރޯލެއް އަދާ ކުރަމުންނެވެ. ރާއްޖޭގެ ތަޢުލީމީ ދާއިރާގައި އެންމެ ކުރީއްސުރެ އިންޑިއާގެ މުދައްރިސުން އަންނަނީ ޚިދުމަތް ކުރަމުންނެވެ. ސިއްޙީ ދާއިރާއިގައި އެ ޤައުމުގެ ޑޮކްޓަރުންނާއި ނަރުހުން އަންނަނީ ޚިދުމަތް ކުރަމުންނެވެ. އަދި އެކި ދާއިރާތަކުން ދިވެހިންގެ ހުނަރުތައް ތަރައްގީކުރުމަށް ތަފާތު އެކި ޕްރޮގްރާމުތައް ރާއްޖެއާއި އިންޑިއާގައިވެސް އިންޑިއާ ސަރުކާރުގެ އެހީގައި އަންނަނީ ހިންގަމުންނެވެ.

ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުމަކީ އެއް ޤައުމު އަނެއް ޤައުމަށް ކުރާ އިޙްތިރާމުގެ ރަމްޒެކެވެ. ވެރިކަމުގައި ކޮންމެ ބަޔަކު ތިބިކަމުގައިވިޔަސް ދެ ޤައުމުގެ ގުޅުމަށް ހީނަރުކަމެއް ނާދެއެވެ. އެއީ ދެ ޤައުމުން ގެންގުޅޭ ފުރިހަމަ ޑިޕްލޮމަސީ ދައްކުވައިދޭ އަލިގަދަ ހެއްކެކެވެ. ދެ ޤައުމުންވެސް މަސައްކަތް ކުރަނީ ދެ ޤައުމުގެ ރައްޔިތުންނާއި ޤައުމުގެ މަސްލަހަތު އިސްކޮށް ގުޅިގެން ބައިނަލްއަގުވާމީ މަޝްރަހުގައި އެކުގައި ކުރިއަށްދާށެވެ.