ޚަބަރު

ބޭންކުތަކުން ވިޔަފާރިތަކަށް ދޫކުރާ ޑޮލަރުގެ އިންސައްތަ ބޮޑުކުރަން އެމްއެމްއޭއިން ނިންމައިފި


  • ޖޫން މަހުން ފެށިގެން ބޭންކުތަކުން އެމްއެމްއޭއަށް ވިއްކަންޖެހޭ ބޭރު ފައިސާ %60 އިން %90 އަށް ވަނީ މަތިކޮށްފައި

އިމްޕޯޓަށް ބޭނުންވާ ޓީޓީތަކާއި އެލްސީ ޕޭމަންޓުތައް ހިމެނޭ ގޮތަށް ވިޔަފާރި ބޭނުންތަކަށް އެމްއެމްއޭއިން ރާއްޖޭގެ ބޭންކުތަކަށް ދޫކުރާ ޔޫއެސް ޑޮލަރުގެ އިންސައްތަ %10 ބޮޑުކުރުމަށް އެމްއެމްއޭއިން ނިންމައިފިއެވެ.

މި ހަފްތާއިން ފެށިގެން މި ބަދަލު ގެންނަން މަރުކަޒީ ބޭންކުން ނިންމިއިރު، މި ބަދަލާ ގުޅިގެން ބޭންކުތަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިހާރު ވިއްކާ އަދަދު %40 އަށް އިތުރުކުރުމަށް މަގުފަހިވެގެން ދާނެކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.

މި އަހަރުގެ ޖޫން މަހުން ފެށިގެން ކޮންމެ ހަފްތާއަކު ބޭންކުތަކުން އެމްއެމްއޭއަށް ވިއްކަންޖެހޭ ބޭރު ފައިސާ %60 އިން %90 އަށް ވަނީ މަތިކޮށްފައެވެ. ނަމަވެސް އެމްއެމްއޭއިން ހަމާކުރާ ގޮތުގައި، ބޭންކުތަކުން އިތުރަށް މާރުކުރާ މި %30 އަލުން އަނބުރާ ބޭންކުތަކަށް ކޮންމެ ހަފްތާއަކު ދަނީ ވިއްކަމުންނެވެ. މި ބަދަލު ގެނައުމުގެ މައިގަނޑު މަޤްސަދަކީ ކޮންމެ ހަފްތާއަކު ބޭންކުތަކުން ވިއްކާ ބޭރު ފައިސާ މެދުވެރިކޮށް، މިހާރަށްވުރެ، ހަރުދަނާ އަދި އިކުއިޓަބަލް ގޮތެއްގައި، ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ބޭންކުތަކުން ހަމަޖައްސައިދިނުންކަމުގައި އެމްއެމްއޭއިން ހާމަކުރެއެވެ.

އެމްއެމްއޭއިން އިން ބޭންކުތަކަށް އަނބުރާ ދެވޭ 30 އިންސައްތަ ބޭނުންކުރަނީ ވަކި ކަންކަމެއްގައެވެ. އެގޮތުން، އާންމުންގެ އެކިއެކި ޒަރޫރީ ބޭނުން ތަކަށާއި ކާބޯތަކެތި އެތެރެކުރުން ފަދަ ކަންތަކަށް ހޭދަކުރެވެއެވެ. އަދި މި އަދަދުގެ ބޮޑު އިންސައްތައެއް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ބޭރުފައިސާގެ އެހީތެރިކަން ދިނުމަށް ބޭނުންކުރެއެވެ.

ފޮރިން އެކްސްޖޭންޗް ޤާނޫނަށް ގެނައި ބަދަލާއެކު ކުދިއަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކު މެދުވެރިކޮށް ވިއްކާ ޑޮލަރު އިންސައްތަ މިހާރު އުޅޭނީ %30 ގައި ކަމަށް އެމްއެމްއޭއިން ހާމަކުރި ތަފާސް ހިސާބުތަކުން ހާމަވެއެވެ. ނަމަވެސް މަރުކަޒީ ބޭންކުގެ އަމާޒަކީ ކުދިއަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކުތައް މެދުވެރިކޮށް ދޭ އަދަދު %50 އިންސައްތައަށް ބޮޑުކުރުމެވެ.