ޚަބަރު

އޮޅު ހިޔާ: އެއްފަހަރާ 100 ބުޅާ ކަރަންޓީން ކުރެވޭނެ ގޮތަށް ޖާގަ އިތުރުކުރަނީ


  • އިތުރު 70 ކޭޖު ތައްޔާރުކޮށް ވަރަށް އަވަހަށް ނިމޭނެ

  • މިވަގުތުވެސް 70އަށް ވުރެއް ގިނަ ބުޅާ ދަނީ ބަލަހައްޓަމުން

މާލެ ސަރަހައްދުގައި ވީއްލިގެން އުޅޭ ބުޅާތައް އޮޅުހިޔާއަށް ވެއްދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކަރަންޓީން ކުރާބައިގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.

ދިރޭތަކެއްޗާ ބެހޭ ވުޒާރާއިންދަނީ މާލެ ސަރަހައްދުގައި އުޅޭ ބުޅާތައް ގެންގުޅުމަށް ސަރުކާރުން ހަދާފައިވާ އޮޅުހިޔާގައި ޙިދުމަތްތައް ޤާއިމުކޮށް އެތަން ފުރިހަމައަށް ހިނގުމަށް މަސައްކަތްކުރަމުންނެއެވެ. އެގޮތުން މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ނެގުމުގެ މަސައްކަތް އެ ވުޒާރާއިން ދަނީ ކުރަމުންނެއެވެ.

ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވީ މިވަގުތު ކަރަންޓީން ގައި ތިބީ އެއްމެ ފަހުން މަގުތަކުން ނެގި 28 ބުޅާކަމަށެވެ. އެގޮތުން ބުޅާތައް ނެގުމުގެ މަސައްކަތް ކުރަމުންދާއިރު ބުޅާތައް ކަރަންޓީނު ކުރާ ޖާގަ އިތުރުކުރަން ޖެހިފައިވާކަަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އެގޮތުން އިތުރު 70 ކޭޖު ތައްޔާރުކޮށް ވަރަށް އަވަހަށް ނިމޭނެކަމަށް އެވުޒާރާއިން ވިދާޅުވިއެވެ. ކަރަންޓީން ކުރެވޭ ކެޕޭސިޓީ އިތުރުކުރުމުން އެއްފަހަރާ 100 ބުޅާ ކަރަންޓީން ކުރެވޭނެކަމަށް ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ފާހަގަކުރެއްވިއެވެ.

ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވީ ބުޅާތައް އޮޅުހިޔާއަށް ވެއްދުމަށްފަހު ޖެނެރަލް ބަޔަށްލުމުގެ ކުރިން ކަރަންޓީންކުރުމުގެ ގިނަ މަރުހަލާތަކެއް ކަޑައްތުކުރެއެވެ. ސަބަބަކީ މަގުތަކުން ގެންނަ ބުޅާތަކަކީ އެކި ބަލިތަކާއި ރޯގާތައް ޖެހި، އަދި އެކި ވަރުގެ އަނިޔާތައް ލިބިފައި ތިބޭ ބުޅާތަކަކަށް ވުމުންނެއެވެ. އެހެންކަމުން މި ފޭސްތައް ކަޑައްތުކޮށް، އާންމު ބަޔަށް ބުޅާތައް ބަދަލުކުރެވޭ މިންވަރަކުން މާލެތެރެއިން އިތުރު ބުޅާތައް ގެނެވޭނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

އެ ވުޒާރާގެ އަމާޒަކީ ހުރިހާ ބުޅާތައް ގެނެސް ކޮށިތަކަށް އަޅާލުމެއްނޫން ކަމަށާއި އޭގެ ބަދަލުގައި އެސޮރުމެންނަށް ލިބެންޖެހޭ އަޅާލުމާއި ބޭސްފަރުވާވެސް ފުރިހަމަކޮށް، އެސޮރުމެން ބެލެހެއްޓުންކަމަށެވެ. އޮޅުހިޔާގައި މިވަގުތުވެސް 70 އަށް ވުރެއް ގިނަ ބުޅާ ދަނީ ބަލަހައްޓަމުންނެއެވެ.

ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވަނީ އޮޅުހިޔާގެ ކްލިނިކަށް ބޭނުންވާ ބޭހާއި މެޑިކަލް ސާމާނު ފޯރުކޮށްދޭނެ ފަރާތެއް ހޯދަންވެސް އިއުލާންކޮށްފައެވެ. މީގެ އިތުރުން އޮޅުހިޔާއަށް ބޭނުންވާ ކެޓް ފުޑްއާއި ކެޓް ލިޓަރ ފޯރުކޮށްދޭނެ ފަރާތެއްވެސް ހޯދަން އެ ވުޒާރާއިން ވަނީ އިއުލާންކޮށްފައެވެ.

މާލެ ސަރަހައްދުގެ މަގުމަތީގައި ބުޅާތައް ގިނަވުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ގާއިމްކުރި އޮޅުހިޔާ ހުޅުއްވައި ދެއްވީ މިދިޔަ ނޮވެންބަރުމަހުގެ 2 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއެވެ. މިތަން ހުޅުވާފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައެވެ.