ޚަބަރު

އޭސީ މިލާން އަތުން ލިވަޕޫލް ބަލިވެއްޖެ


އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއްގައި 4-2 ގެ ނަތީޖާ އަކުން އޭސީ މިލާން އަތުން ލިވަޕޫލް ބަލިވެއްޖެ އެވެ.

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އޭޝިޔާއަށް މި ދެ ޓީމުން މިހާރު ކުރާ ދަތުރުގައި އިއްޔެ ހޮންކޮންގްގައި ކުޅުނު މި މެޗުގެ 10 ވަނަ މިނިޓުގައި ރަފައެލް ލިއާއޯ ވަނީ ލަނޑެއް ޖަހާ އޭސީ މިލާނަށް ކުރި ހޯދަދީފަ އެވެ.

ނަމަވެސް އޭގެ 16 މިނިޓު ފަހުން ޕްރިމިއާ ލީގުގެ ޗެމްޕިއަން ލިވަޕޫލްގެ ސޮބޮޒްލާއީ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މި މެޗުގައި ދެވަނަ ފަހަރަށް އޭސީ މިލާނުން ކުރި ހޯދާފައިވަނީ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތްވަނަ މިނިޓުގައި ރަފައެލް ލިއާއޯގެ އެސިސްޓަކުން ރުބެން ލޮފްޓަސް ޗީކް އެވެ. އަދި އޭގެ ހަތް މިނިޓު ފަހުން މެޗުގެ 57 ވަނަ މިނިޓުގައި ނޯއާ އޮކަފޯ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފަ އެވެ.

ލިވަޕޫލް އިން މި މެޗުގައި ޖެހި ދެވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ކުޅުމުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ކޯޑީ ގެކްޕޯ އެވެ.

އަދި އޭގެ މިނިޓެއް ފަހުން ލިވަޕޫލްގެ ގޯލުކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ އޮކަފޯ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 4-2 އަށް ބަދަލުކޮށްފަ އެވެ.

މި މެޗުގައި ލިވަޕޫލްގެ ފޯވަޑް ލުއިސް ޑިއާޒް ކުޅެފައިނުވަނީ އޭނާ އެހެން ކްލަބަކަށް ބަދަލުވެދާނެކަމަށް ވާހަކަ ދެކެވޭތީ ކަމަށެވެ.

ލުއިސް ޑިއާޒް ހޯދުމަށް މީގެ ކުރިން ޖަރުމަނުގެ ބަޔާން މިއުނިކް އިން 58 މިލިއަން ޕައުންޑުގެ ފީ އެއް ހުށައެޅި ނަމަވެސް ލިވަޕޫލްއިން ވަނީ އެ ހުށައެޅުމަށް ނޫނެކޭ ބުނެފަ އެވެ.