ޚަބަރު

އައު ޓަރމިިނަލް ހުޅުވަން ބޭއްވި ހަވާ އެރުވުމުގެ ހަރަކާތް ދުނިޔޭގެ ރެކޯޑު ފޮތަށް


  • މިކަމުގެ ލިޔުން ވަނީ ހަވާލުކޮށްފައި

  • 19 ތަނެއްގައި އެއް ފަހަރާ ހަވާ އަރުވާފައިވޭ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޕެސެންޖަރ ޓަރމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ބޭއްވި ހަވާ އެރުވުމުގެ ހަރަކާތް ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދައިފިއެވެ.

ގިނިސް ވޯލްޑް ރެކޯޑްގެ ފަރާތުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ، އެމްއޭސީލްއަށް މިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލްގެ ފުރަތަމަ އެއަރލައިންއަށް މަރުހަބާ ކިޔުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

މިއީ އެންމެ ގިނަ ސަރަޙައްދުގައި އެއްފަހަރާ ސިންކްރޮނައިޒްޑް ހަވާ އެރުމުގެ ރެކޯޑެވެ. ޓަރމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވަނީ މިއުޒިކާއެކު، އެއްފަހަރާ 19 ސަޙައްދެއްގައި ހަވާ އަރުވާފައެވެ. އެގޮތުން ހުޅުލެއާ މާލެ އަދި ހުޅުމާލެ ސަރަޙައްދު ހިމެނޭހެން ހަވާގެ ހަރާކާތް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ރެކޯޑްގެ ލިޔުން ދިވެހިރާއްޖެއާ ހަވާލުކޮށްދެއްވީ، އެޑްޖޫޑިކޭޓަރ ފޮރ ގިނިސް ވޯލްޑް ރެކޮޑްސް، އެމްބާލީ އިންކޯސީއެވެ.

އެމެއެލްއޭސީއަށް މިލިބުނީ ވޯލްޑް ރެކޯޑްގެ މުޅިން އައު ޓައިޓަލްއެކެވެ. ރެކޯޑް ހާސިލްކުރުމަށް އެންމެ މަދުވެގެން 5 ތަނުގައި ސިންކްރޮނައިޒްޑް ހަވާ އެރުވަންޖެހޭނެކަމަށް ގިނިސް ވޯލްޑް ރެކޯޑްސްއިން ކަނޑައެޅިނަމަވެސް، ރާއްޖެއިން ރެކޯޑް ފޮތަށް އެރީ 9 ތަނެއްގައި އެއްފަހަރާ ހަވައެރުވުމުގެ ހަރަކާތް ބާއްވައިގެންނެވެ.

މި ރެކޯޑް ހާސިލްކުރުމަށް ވިޓްނަސްއިންގެ ގޮތުގައި 32 މީހުން އެޓީމުގައި ބައިވެރިވެފައިވެއެވެ. މި ފަރާތްތަކުން ވަނީ، ރެކޯޑް ފޮތުގެ ގައިޑިލަން ފުރިހަމަވާކަން ކަށަވަރުކޮށްފައެވެ. ވީއައިއޭގެ ތާރީޚީ އިވެންޓް ކުރިއަށްގެންދިޔައީ ކުލަގަދަ އެތަށް ހަރަކާތްތަކާއެކުގައެވެ. އެގޮތުން ހަވައިގެ ކުޅިވަރުގެ އިތުރުން ތިއޭޓަރ ޕަރފޯމަންސްއަކާ، ލައިޓް ޝޯވއާއި، ލައިވް ޑްރޯން ޝޯވ ވަނީ ކުރިއަށްގެންގޮސްފައެވެ.