ޚަބަރު

ފްލެޓު ލިސްޓުގައި ސޮއިކުރުން އަލުން ފަށައިފި، ލިޔެކިޔުންތައް ހަމަކުރުމަށް ސަމާލުވޭ


  • އައިޑީ ކާޑުގެ 2 ކޮޕީ ގެންދަންޖެހޭ

  • ޕަވަރ އޮފް އެޓަރނީ ނޮޓޮރައިޒްކުރަންޖެހޭ

  • ފޯމުގައި ހެކިވެރިންގެ ގޮތުގައި ހިމެނި ފަރާތްތައް އަންނަންޖެހޭ

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކުރުމަށް ވަޑައިގަންނަވާއިރު ބޭނުންވާ ލިޔެކިޔުންތަކަށް ސަމާލުވުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން އެފްޑީސީން އިލްތިމާސްކުރައްވައިފިއެވެ.

އެފްޑީސީން ވަނީ މިނިވަންދުވަހާއި ގުޅިގެން ސަރުކާރު ބަންދުވުމާގުޅިގެން އެއްބަސްވުންތަކުގައި ސޮއިކުރުން މެދުކަނޑާލުމަށްފަހު، އަލުން އެ މަސައްކަތް ފަށާފައެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ލިބުނު ފަރާތްތަކުގެ ތެރެއިން 2665 މީހެއްގެ ނަން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިންވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަނަށް އެއްބަސްވުން އެކުލަވާލުމަށްޓަކައި ފޮނުވާފައެވެ.

މިފަރާތްތަކާއެކު އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް މިދިޔަ ހަފްތާގެ ހޯމަ ދުވަހުވަނީ ފަށާފައެވެ. އަދި ހަފްތާ ބަންދާ ދިމާކޮށް އައި ރާއްޖޭގެ 60 ވަނަ މިނިވަންދުވަހާއެކު ސަރުކާރު ބަންދުވުމުން ފްލެޓު އެއްބަސްވުމުގައި ސޮއިކުރުންވެސްވަނީ މެދުކަނޑާލަފާއެވެ. މިއަދު އަލުން އެއްބަސްވުމުގައި ސޮއިކުރަންވަނީ ފަށާފައެވެ. މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހާއިހަމައަށް 92 ފަރާތަކާއެކުވަނީ އެއްބަސްވުން ޤާއިމުކޮށްފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވިދާޅުވީ، އެއްބަސްވުމުގައި ސޮއިކުރުމަށް އަންނަ ފަރާތްތަކުން ބައެއް ކަންކަމަށް ސަމާލުވަންޖެހޭކަމަށެވެ. އެގޮތުން އެގްރީމަންޓުގައި ސޮއިކުރަން އަންނައިރު އައިޑީކާޑުގެ ސާފު 2 ކޮޕީ ގެނައުމަށް އަންގާފައިވީނަމަވެސް ބައެއް ފަރާތްތަކުން ކޮޕީ ނުގެންނަކަން އެފްޑީސީން ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު އެއްބަސްވުން އެކުލަވާލާ ފަރާތްތަކުގެ އެޑްރެސް ބަދަލުވެ ނުވަތަ ނަމްބަރު ބަދަލުވެފައިވާނަމަ އެކަން ދުރާލާ އެފްޑީސީއަށް އީމެއިލްގެ ޒަރިއްޔާއިން އެނގުމަށްވަނީ އެދިފައެވެ.

މީގެއިތުރުން އެގްރީމަންޓު ހަދާ ފަރާތަށް ހާޒިރުނުވެވޭ ޙާލަތްތަކުގައި ޕަވަރ އޮފް އެޓަރނީ އެހެން ފަރާތަކަށް ޙަވާލުކުރަންޖެހޭކަމަށާއި އެއީ ނޮޓޮރައިޒްޑް ޕަވަރ އޮފް އެޓަރނީއެއްކަން ކަށަވަރުކުރުމަށް އެފްޑީސީން އިލްތިމާސްކުރައްވައެވެ. އަދި މިވީ ދުވަސްތަކުގައި އެއްބަސްވުމުގައި ސޮއިކުރުމަށް އަންނައިރު ހެކިވެރިޔާގެ ބަދަލުގައި ފޯމުގައި ހިމަނާފައިވާ ޒިންމާދާރު ފަރާތް ގެންނަކަން ފާހަގަކުރެވޭކަމަށް އެކުންފުނިން ވިދާޅުވެއެވެ.

އެފްޑީސީން ވިދާޅުވީ، މިއީ ފްލެޓު އެއްބަސްވުން އެކުލަވާލުމަށް ހޭދަވާ ވަގުތު އިތުރުވެގެންދާ ސަބަބުތަކެއްކަމަށެވެ. ބޭނުންވާ ލިޔެކިޔުންތައް ހަމައަށް ގެނެސް އިތުރު މައްސަލައެއް ދިމާނުވާނަމަ، ގާތްގަނޑަކަށް 20 މިނިޓު ތެރޭގައި އެގްރީމަންޓްގައި ސޮއުކުރުމުގެ މަސައްކަތް ނިމޭނަކަމަށް އެކޯޕަރޭޝަނުން ވިދާޅުވެއެވެ.

އެއްބަސްވުންތަކުގެ މަސައްކަތް އަވަސްކުރުމަށް ހުޅުމާލޭ ސިންތެޓިކް ޓްރެކް ސަރަޙައްދުގައި 8 ކައުންޓަރުންދަނީ ޚިދުމަތްދެމުންނެވެ. ރަސްމީ ބަންދު ދުވަސް ނޫން ކޮންމެ ދުވަހެއްގެވެސް ހެނދުނު 9 އަކުން ހަވީރު 4 ޖެހުމާހަމައަށް މިމަސައްކަތް ކުރިއަށްގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި ހުރިހާ އެއްބަސްވުމެއްގައި ސޮއިކޮށް ނިމުމަށްދަނީ މަސައްކަތް ކުރަމުންނެވެ.