އުމްރާއަށް މީހުން ގެންދިޔުމަށް ފައިސާ ނެގުމަށް ފަހު، އުމްރާއަށް ގެންދަން ދެކޮޅު ހެދި މައްސަލާގައި އަސްކޮއި ގްރޫޕުގެ ހުއްދަ ހިފަހައްޓައި، އެ ގްރޫޕުގެ އެއްވެސް ހިއްސާދާރެއް ހިމެނޭ ކުންފުންޏަކަށް އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ނުދޭން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނިންމަވައިފިއެވެ.
އެވުޒާރާއިން މިގޮތަށް ނިންމަވާފައިވަނީ އަސްކޮއި ގްރޫޕުން މީހުން އުމްރާއަށް ގެންދާނެކަމަށް ބުނެ، ފައިސާ ނެގި މައްސަލައެއް ފެންމަތިވެ މިމަހުގެ 24ވަނަ ދުވަހު ފުރަން ބައެއް މީހުންނާ އެންގުމަށްފަހު އެމީހުން އުމްރާއަށް ގެންގޮސްފައިނުވާ މައްސަލާގައެވެ.
މި މައްސަލާގައި އެ ކުންފުންޏަށް ފިޔަވަޅު އެޅަން ނިންމާއި ނެރުނު ނޫސްބަޔާނެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ އެ މައްސަލާގައި ފައިސާ ދައްކާފައިވާ ފަރާތްތަކުން އެމީހުންގެ ޕާސްޕޯޓާއި މުހިއްމު ލިޔެކިޔުންތައް ހޯދުމަށްޓަކައި ކުންފުނީގެ އިސްވެރިޔާއާއި ރަސްމީ ގޮތުން އެ ވުޒާރާއަށް ކޮށްފައިވާ އެއްވެސް މުޢާމަލާތަކަށް ޖަވާބު ދީފައިނުވާކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން އަސްކޮއިއަށް ފޮނުވި ސިޓީއަށް މިހާތަނަށް އެ ކުންފުނިން ޖަވާބެއް ދީފައިއެއް ނުވާކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.
އެހެންކަމުން އުމްރާއަށް މީހުން ގެންދިޔުމާއި ބެހޭ އުޞޫލާ ޚިލާފަށް އަސްކޮއި ޓްރެވަލް ސަރވިސް ޕްރައިވެޓް ލިމިޓެޑުން އަމަލުކޮށްފައިވާތީ އެ އުޞޫލްގެ ދަށުން އެ ކުންފުންޏަށް ފިޔަވަޅު އެޅުމަށް ވަނީ ނިންމާފައެވެ.
މިގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމަށް އަސްކޮއިއަށް ދީފައިވާ ހުއްދަ ހިފަހެއްޓުމަށް ނިންމައި އެކުންފުނި ޖޫރިމަނާކުރުމާއެކު، އެ ކުންފުންޏާއި އެ ކުންފުނީގެ އެއްވެސް ހިއްސާދާރެއް ހިމެނޭ އެހެން ކުންފުޏަކަށްވެސް ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ނުދިނުމަށް ނިންމާފައެވެ.
މީގެ އިތުރުން އެ ވުޒާރާއިން ވަނީ ޖުލައި މަހު ޢުމްރާ ދަތުރަށް ދުރާލާ ފައިސާ ދައްކާފައިވާ މީހުންގެ ރިފަންޑު އެފަރާތްތަކަށް އަނބުރާ ހަވާލުކުރުމަށްވެސް އަންގާފައެވެ. އަދި މައްސަލަ ތަޙްޤީގުކޮށް ޤާނޫނީ ފިޔަވަޅު އެޅުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ނިންމަވާފައިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ އެ ކުންފުންޏާ މެދު އެޅުމަށް ނިންމާފައިވާ ފިޔަވަޅުތައް އެ ވުޒާރާއިން އިދާރީ ގޮތުންނާއި ޤާނޫނީ ގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން ފަސްޖެހުމެއް ނެތިި ކުރައްވަމުން ގެންދަވާނެކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ.
އަސްކޮއި ގްރޫޕަށް ފިޔަވަޅު އެޅުމަށް ނިންމާފައިވާއިރު މީގެ ކުރިންވެސް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއި އެގްރޫޕާއި ދެމެދު ވެފައިވާ އެއްބަސްވުމާއި ޚިލާފު ވުމާއި ގުޅިގެން، އެގްރޫޕް 130،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވެއެވެ. މީގެއިތުރުން ރަމަޟާން މަހުގެ ޢުމްރާއަށް ދުރާލާ ފައިސާ ދައްކާފައިވާ ބަޔަކު އުމްރާއަށް ނުގެންދިޔަ މައްސަލައެއްގައި ރީފަންޑު ފައިސާ އަނބުރާ އެފަރާތަށް ޙަވާލުކުރުމަށްވެސްވަނީ އޭރު އަނގާފައިވެއެވެ.