ދިވެހި ފިލްމު "ސޮރީ"ގެ 50 ޝޯވ އޮލިމްޕަހުގައި ދެއްކުމުގެ ކާމިޔާބީ ފާހަގަކުރުމަށް ޚާއްސަ ހަރަކާތްތެއް ބާއްވައިފިއެވެ. މިހަރަކާތް ބޭއްވީ އޮލިމްޕަހުގައެވެ. މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަދި ޕްރޮޑިއުސަރ ފާޠިމަތު ނަހުލާގެ ފިލްމު "ސޮރީ" ރިލީޒްކޮށްފައިވަނީ ޖޫން މަހުގެ 17 ވަނަ ދުވަހުއެވެ.
"ސޮރީ"އަކީ ނަހުލާގެ ފިލްމު އުފެއްދުމުގެ މަސައްކަތުން ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު އެޅުވި ފިލްމެކެވެ. މި ފިލްމުގައި ނަހުލާގެ އެންމެ ހަގު ދަރިފުޅު ލާލި އަދި މާމަ ދަރިފުޅު އެވްލީގެ މުހިއްމު ދައުރެއް ފެނިގެންދެއެވެ. ލޯބީގެ އަސަރުގަދަ ވާހަކައަކަށް ބިނާކޮށް އުފެއްދި މި ފިލްމަކީ މުޖުތަމަޢުއަށް އިބްރަތްތެރި މެސެޖުތަކެއް ދޫކޮށްލާ ފިލްމެކެވެ.
އޮލިމްޕަހުގައި ފިލްމު ރިލީސްކުރި ހިސާބުން ފެށިގެން ކޮންމެ ޝޯއެއްވެސް ވަނީ ހައުސް ފުލްވެފައެވެ. އެގޮތުން މާލެއާއި އަތޮޅުތަކުގެ އިތުރުން ރާއްޖެއިން ބޭރުގައިވެސް ސޮރީގެ ޝޯތަކެއް ވަނީ އަޅުވާފައެވެ. ސޮރީ ފިލްމު ރިލީސްކުރިފަހުން މިހާތަނަށް ކާމިޔާބު 50ޝޯ ވަނީ ބާއްވާފައެވެ.
މި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން އޮލިމްޕަހުގައި ޚާއްސަ ހަރަކާތެއް ކުރިއަށްގެންގޮސްފައިވާއިރު މި ހަރަކާތުގައި ސޮރީގެ ސޮޕްންސަރުންނާއި އަދި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް ވަނީ ހަދާނީ ފިލާ ހަވާލުކޮށްފައެވެ.
ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ފިލްމު ޕްރޮޑިއުސާރ އަދި ޑައިރެކްޓަރ ފާތިމަތު ނަހުލާ ބުނީ ފިލްމު މިހާ ކާމިޔާބުކަމާއެކު ގެންދެވިފައި މިވަނީ އާންމުންގެ ލޯތްބާއި އެއްބާރުލުމުގެ ސަބަބުންކަމަށެވެ. އެގޮތުން 50 ޝޯ ބޭއްވިފައިވާއިރު މިއީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްކަމަށް ނަހުލާ ވަނީ ފާހަގަކޮށްފައެވެ.
އޮލިމްޕަހުގައި އެންމެ ފަހު ޝޯ ބާއްވާފައި ވީނަމަވެސް އާންމުންގެ ތަރުހީބާއި އެ ފަރާތްތަކުގެ އެދުމުގެ މަތިން ހުޅުމާލެ ޝުވެކް ސިނަމާގައި އޮގަސްޓު 7 އިން ފެށިގެން ޝޯތައް ކުރިއަށް ގެންދިޔުމަށް މަސައްކަތްކުރަމުންދާކަމަށް ނަހުލާ ވަނީ ބުނެފައެވެ.
"އޮލިމްޕަހުން ނެގިކަމުގައިވިއަސް އާންމުން ވަރަށް އެބަ ޓިކެޓް ހޯދަން ގުޅާ އަދި އައިސްހަދާ. އެހެންވީމަ އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ އޮގަސްޓު މަހުގެ 7 ގައި ހުޅުމާލެ ޝުވެކް ސިނަމާއަށް ވަންނަން. އޭރުން ހަމަ އެތަނުން ފިލްމު ބަލާލުމުގެ ފުރުޞަތު ފަހިވެގެން ދާނެ". ނަހުލާ ބުންޏެވެ.
ދިވެހި ފިލްމު ސޮރީގެ ކާސްޓުންގެ ތެރޭގައި ރާއްޖޭގެ ފިލްމީ ދާއިރާގައި ފާހަގަކޮށްލެވޭ މަޝްހޫރު ފިލްމީ ތަރިން ހިމެނެއެވެ. މީގެ ތެރޭގައި މަރިޔަމް އައްޒަ، ޔޫސުފް ޝަފީއުފަދަ ތަރިން ފާހަގަކޮށްލެވެ. އެހެންނަމަވެސް މުޅި ފިލްމުގައިވެސް އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބިގެންދިޔައީ ފިލްމީ ދާއިރާއަށް އަލަށް ތަޢާރަފްވި ނަހުލާގެ އެންމެ ހަގު ދަރިފުޅު ލާލި އަދި މާމަ ދަރިފުޅު އެވްލީގެ ހުނަރަށެވެ. ފިލްމު ބަލާލި ކޮންމެ މީހެއްގެ ލޮލުންވެސް ކަރުނަ ފާއްދާލީ މި ދެ ކުދިންގެ ހުނަރުން ފުރިގެންވާ ހުށައެޅުމުންނެއެވެ.
ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާ ނަހުލާ ކުރިންވެސް ވަނީ "ސޮރީ" އާމެދު އުންމީދުތަކެއް އޮޮތްކަމަށް ބުނެފައެވެ. އެއާއެކު ފިލްމުގެ ޕްރިމިއަރ ނައިޓާހަމައަށްއައިރު 19 ޝޯވގެ ޓިކެޓް ވަނީ ވިކިފައެވެ. މިއީ ނަހުލާގެ "ޔޫސުފް" އާ ބަލާއިރުވެސް އިތުރު އަދަދެކެވެ. ޔޫސުފް އެޅުވިއިރު ވިކުނީ 17 ޝޯވއެވެ. މިއާއެކު ޔޫސުފްގެ ރެކޯޑު ނަހުލާ ވަނީ މުގުރާލާފައެވެ.
ނަހުލާ މިހާރު ތައްޔާރުވަމުންދަނީ ނަހުލާގެ ފިލްމު "ގިސް" ބެލުންތެރިންނާއި ހަމައަށް ގެނައުމަށެވެ. މި ފިލްމުގައިވެސް ލާލިއާއި އެވްލީ ފެނިގެންދާނެއެވެ.