ޚަބަރު

ޕޯޗުގަލް ވެސް މަޑުމަޑުން ފަލަސްޠީން ބަލައިގަތުމާ ދިމާލަށް


ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމާ ގުޅޭގޮތުން ޕޯޗުގަލްގެ ސަރުކާރުން އެ ޤައުމުގެ މައި ސިޔާސީ ޕާޓީތަކާއި އެ ޤައުމުގެ ރައީސް މާސެލޯ ރެބެލޯ ޑީ ސޫސައާ މަޝްވަރާކުރާނެ ކަމަށް އެ ޤައުމުގެ ބޮޑުވަޒީރު، ލުއީސް މޮންޓެނެގްރޯ ވިދާޅުވެއްޖެއެވެ.

ޕޯޗުގަލްގެ އަވަށްޓެރި ޤައުމެެއް ކަމަށްވާ ސްޕެއިންގެ ސަރުކާރުން މިދިޔަ އަހަރުގެ މެެއި މަހުގެ ތެރޭގައި ވަނީ ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގެންފައެވެ. އެ ޤައުމުން އެ ނިންމުން ނިންމާފައި ވަނީ އަޔަލެންޑާއި ނޯވޭއާއެކުގައެވެ. ސްޕެއިނުން ވަނީ ވިލާތުގެ އިއްތިޙާދަށް ނިޞްބަތްވާ އެހެން ޤައުމުތަކުން ވެސް ފަލަސްޠީނަކީ މިނިވަން ދައުލަތެއް ކަމަށް ބަލައިގަތުމަށް ގޮވާލައި ހިތްވަރުދީފައެވެ. ނަމަވެސް ފަލަސްޠީނުގެ މައްސަލައިގައި ޕޯޗުގަލުން މިހާތަނަށް އަމަލުކޮށްފައި ވަނީ ވަރަށް ފަރުވާތެރިކަމާއެކުގައެވެ. އެ ޤައުމުން ބުނަމުން ދަނީ އެ ޤައުމުން އަމަލުކުރާނީ ވިލާތުގެ އިއްތިޙާދަށް ނިޞްބަތްވާ އެހެން ޤައުމުތަކުން އަމަލުކުރާ ގޮތަށް ކަމަށެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ފަރަންސޭސިވިލާތުގެ ރައީސް އެމަނުއަލް މެޚްރޮން ވެސް ވަނީ ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ ތެރޭގައި ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި އެ ޤައުމުން ބަލައިގަންނާނެ ކަމަށް އިޢުލާނުކުރައްވައިފައެވެ. އެއާއެކު އެ ޤައުމު ވެގެންދާނީ ހުޅަނގުގެ ބޮޑެތި ޤައުމުތަކުގެ ތެރެއިން ފަލަސްޠީނުގެ މިނިވަންކަން ބަލައިގަންނަ ފުރަތަމަ ޤައުމަށެވެ. އިނގިރޭސިވިލާތާއި ކެނެޑާޢިން ވެސް މިހާރު ވަނީ ފަަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމާމެދު އެ ޤައުމުތަކުން ވިސްނަމުންދާ ކަމަށް ބުނެފައެވެ.

ޕޯޗުގަލުން ވެސް މި ގޮތަށް އަމަލުކުރުމާމެދު ވިސްނަމުންދާ ކަމަށް ބުނިއިރު، އެ ޤައުމުގެ ބޮޑުވަޒީރު މޮންޓެނެގްރޯ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ ތެރޭގައި އޮންނަ އދގެ އާންމު މަޖިލީހުގައި ފަލަސްޠީނަކީ މިނިވަން ދައުލަތެެއްގެ ގޮތުގައި ބަލަައިގަތުމާ ގުޅޭގޮތުން ގޮތެއް ނިންމުމަށް ޤައުމުގެ ރައީސާއި މައި ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އދގެ މެންބަރު ޤައުމުތަކުގެ ގޮތުގައި ހިމެނޭ 193 ޤައުމުގެ ތެރެެއިން 144 ޤައުމުން ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެއެވެ. އޭގެ ތެރޭގައި އެފްރިކާއާއި ލެޓިން އެމެރިކާއާއި އޭޝިޔާއާއި އޯޝޭނިޔާގެ ގިނަ ޤައުމުތަކާއި ޗައިނާއައި ރަޝިޔާއާއި އިންޑިޔާ ވެސް ހިމެނެއެވެ. ނަމަވެސް ވިލާތުގެ އިއްތިޙާދަށް ނިޞްބަތްވާ 27 ޤައުމުގެ ތެރެއިން ފަލަސްޠީނަކީ މިނިވަން ދައުލަތެއް ކަމަށް ޤަބޫލުކުރަނީ މަދު ޤައުމަކުންނެވެ.

އދގެ އާންމު މަޖިލީހުން ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ނުަރަސްމީކޮށް ބަލައިގަތީ 2012ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެއީ އެ މަޖިލީހުގައި ފަލަސްޠީނަށް ދީފައިވާ އޮބްސާވަރެއްގެ ދަރަޖައިން ފުރިހަމަ މެންބަރަކަށް ނުވާ ދައުލަތެެއްގެ ދަރަޖައަށް މަތިކުރުމުންނެވެ.