ޚަބަރު

ވ. ތިނަދޫ ކައުންސިލްގެ ރައީސްގެ މަގާމަށް ހުޅުވާލައިފި


  • ބައި-އިލެކްޝަން އޮންނާނީ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު

  • މިމަހުގެ 26ވަނަ ދުވަހާ ހަމައަށް ކުރިމަތިލުމަށް ވަނީ ހުޅުވާލައިފައި

ވ. ތިނަދޫ ކައުންސިލަށް ރައީސަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ ވ. ތިނަދޫ ކައުންސިލްގެ ރައީސް އަލީ ޝުޖާއު އެ މަގާމުން ވަކިވެފައިވާ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ އެލްޖީއޭއިން ނިންމުމާ ގުޅިގެންނެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނެއްގައި ވިދާޅުވީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނުގެ ދަށުން ބާއްވާ މި ބައި-އިލެކްޝަން އޮންނާނީ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ކަމަށެވެ. އެ މަގާމަށް ކުރިމަތިލާން އެދޭ ފަރާތްތަކަށް މިއަދުން ފެށިގެން މި މަހުގެ 26 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ. މި އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ލިޔެކިޔުންތައް ހުށަހެޅުމާއި އިދާރީ ފީ ދެއްކުން ކުރިއަށްދާނީ އީސީގެ މައި ޕޯޓަލް މެދުވެރިކޮށެވެ.


ތިނަދޫ ކައުންސިލްގެ ރައީސްގެ މަގާމު ހުސްވީ، ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި އެ މަގާމަށް އިންތިޚާބުވި އަލީ ޝުޖާއު، އިންތިޚާބުވި ޕާޓީން ވަކިވެ އެމްޑީޕީއާ ގުޅިފައިވާތީއެވެ. ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވުމަށް ފަހު، އެ ދައުރުގެ ތެރޭގައި އެހެން ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ނަމަ ގޮނޑި ގެއްލޭނެ ކަމަށް ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައި ވާތީ، އޭނާ މަގާމުން ވަކިވެފައިވާ ކަމަށް އެލްޖީއޭ އިން ކަނޑައެޅީ މިދިޔަ ޖުލައި މަހުގެ 19 ގައެވެ.

އެލްޖީއޭގެ ބޯޑު ބައްދަލުވުމުގައި ޝުޖާއުގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމައި އިލެކްޝަންސް ކޮމިޝަނަށް އެންގުމުގެ ކުރިން، ޖޫން މަހުން ފެށިގެން އޭނާ ހުރީ ސަސްޕެންޑް ކޮށްފައެވެ. އަދި އޭރުން ފެށިގެން ކައުންސިލް ހިންގުން ވަނީ އެ ކައުންސިލްގެ ނައިބު ރައީސާ ހަވާލުކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި މި ބައި-އިލެކްޝަންގެ ވޯޓު ނެގުން ކުރިއަށްދާނީ އެ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 16:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުއެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 30 ވާ ހޯމަ ދުވަހު ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.