ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ފެއްޓެވި ވެލިދޫގެ ބިން ހިއްކުމުގެ މަސައްކަތުގައި، އެރަށުން ބިން ހިއްކާ ސަރަޙައްދަށް ވެލި އެޅުމުގެ މަސައްކަތްތައް ނިންމާލައިފިއެވެ. މި މަސައްކަތް ނިންމާފަމިވަނީ ހަފްތާއެއްހާ ދުވަހުގެ ތެރޭގައެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށީ، ޖުލައި 23 ވަނަ ދުވަހުއެވެ.
ބިން ހިއްކުމުގެ މަސައްކަތް ޢަމަލީގޮތުން އެރަށުގައި އިފްތިތާޙުކޮށްދެއްވީ އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ.
ނ.ވެލިދުއިން ހިއްކާފައިވާ ސަރަޙައްދަކީ ރަށުގައި އޮޑިދޯނިފަހަރު ބާލާ އެހެލުމަށާއި އަދި ފައިބަރު މަސައްކަތް ކުރުމަށް ހިއްކި ސަރަޙައްދެކެވެ. މި މަސައްކަތުގައި އެރަށު ފަޅުން 2.7 ހެކްޓަރުގެ ސައްޙައްދުވަނީ ހިއްކާފައެވެ.
މި މަސައްކަތް ކުރިއަށްގެންދިޔައީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. ކޮންޓްރެކްޓަރ އެމްޓީސީސީން ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ، މި މަޝްރޫޢުގައި ވެލިދުއިން ހިއްކާ ސަރަޙައްދަށް ވެލި އެޅުމުގެ ހުރިހާ މަސައްކަތްތައް މިހާރު ނިންމާފަވާކަމަށެވެ. ވެލި އެޅުމުގެ މަސައްކަތް ނިންމާފައި މިވަނީ ހަފްތާއެއްގެ ތެރޭގައެވެ. ދެން ކުރިއަށްދާނީ ހިއްކި ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތެކެވެ.
އެމްޓީސީސީން ވިދާޅުވީ ހިއްކި ސަރަޙައްދު ޙިމާޔަތްކުރުމަށް 443 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓެއް ޖަހާނެކަމަށާއި އެކަމާ ގުޅޭ މަސައްކަތްތައް ކުރިއަށްދާކަމަށެވެ.
މި މަޝްރޫޢުއަކީ ރަށުގައި އޮޑިދޯނި ގެންގުޅޭ ފަރާތްތަކަށް ލުއިފަސޭހަކުރުމާއި އަދި ވިޔަފާރިއަށް ފައިބަރު މަސައްކަތް ކުރަން ބޭނުންވާ މީހުންނަށް ރަށުގައި ތިބެގެން އެ މަސައްކަތް ކުރެވޭނެ މަގު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ. މިއީ ރަށުގެ އިޤްތިޞާދީ ކުރިއެރުމާ ވަރަށް ބޮޑަށް ގުޅިފަވާ މުހިންމު މަސައްކަތެކެވެ.
ވެލިދުއަކީ 2700އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ރަށެވެ. މި މަޝްރޫޢުއާއެކު ރަށުގެ ރައްޔިތުންނަށް ޢުމްރާނީ އަދި އިޤްތިޞާދީގޮތުން ގިނަގުނަ ކުރިއެރުންތަކެއް ލިބޭނެއެވެ.
މި މަޝްރޫޢުއަކީ 33.6 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ. މި މުޅި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފަވަނީ 7 މަސް ދުވަހުން ނިންމާގޮތަށެވެ.
ވެލިދުއަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅުގައި އިތުރު 3 މަޝްރޫޢުއެއްގެ މަސައްކަތް އެރަށުގައި ވަނީ ފަށާފައެވެ.
އެއީ ވެލިދޫގައި އަލަށް ޤާއިމުކުރާ ފުލުހުންގެ މަރުކަޒުގެ މަސައްކަތާއި ވެލިދޫ ކޮމިއުނިޓީ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގެ މަސައްކަތް އަދި ވެލިދުގައި ތަރައްޤީކުރާ ހޮސްޕިޓަލްގެ މަސައްކަތެވެ.