އަހަރު ދެބައިވިއިރު މަސް އެކްސްޕޯޓް ކޮށްގެން ލިބުނު އާމްދަނީ 43 އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން އާންމުކޮށްފައިވާ ޖޫން މަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެމްއެމްއޭއިން އާންމުކުރާ ރާއްޖޭގެ އެކި ސިނާޢަތުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރާއި އަޅާ ބަލާއިރު، މަސް އެކްސްޕޯޓު ކުރި މިންވަރު ވަނީ އިތުރުވެފައެވެ.
ރާއްޖެއިން ބޭރު ކުރާ މުދަލުގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ މަހުގެ ބާވަތްތަކެވެ. މަހުގެ އެކްސްޕޯޓަށް ބަލާއިރު 6 މަސް ދުވަހު 74 މިލިޔަން ޑޮލަރުގެ އާމްދަނީއެއް މަސް އެކްސްޕޯޓްކޮށްގެން ހޯދާފައިވެއެވެ. މިދިޔަ އަހަރު ޖޫން މަހުގެ ނިޔަލަށް ހޯދިފައިވަނީ 52 މިލިޔަން ޑޮލަރެވެ. މިއީ 43 އިންސައްތައިގެ ކުރިއެރުމެކެވެ.
މަސް އެކްސްޕޯޓު ކޮށްގެން ލިބުނު އާމްދަނީ އިތުރުވެފައިވަނީ މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު އެކްސްޕޯޓު ކުރި މަހުގެ މިންވަރު އިތުރުވުމާ ގުޅިގެންނެވެ. އަހަރުގެ ފުރަތަމަ 6 މަސް ދުވަހު 44,877.7 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓް ކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މިދިޔަ އަހަރު މިމުއްދަތުގައި އެކްސްޕޯޓުކޮށްފައިވަނީ 26,850.8 މެޓްރިކް ޓަނެވެ. މިއީ 67 އިންސައްތައިގެ ކުރިއެރުމެކެވެ.
މިދިޔަ އަހަރާއި އަޅާބަލާއިރު، މަސް އެކްސްޕޯޓް ކުރި މިންވަރު އިތުވެފައި މިވަނީ، ރާއްޖޭގެ މަސްވެރިކަން މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާބަލައިއިރު ރަނގަޅު ވުމުންނެވެ.
ރާއްޖޭގެ މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުކޮށް ސިނާޢަތުން އިޤްތިޞާދުގައި ހިއްސާކުރާ މިންވަރު އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. މިކަން ކުރުމަށް މަސް ޕްރޮސެސިން ކެޕޭސިޓީ އިތުރުކޮށް މަސް ރައްކާކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ސަރުކާރުގެ އަމާޒަކީ 3 އަހަރު ތެރޭގައި މަސް ޕްރޮސެސިން ކެޕޭސިޓީ 9 ގުނަ އިތުރު ކުރުން ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.