ޚަބަރު

ނިމުނު ހަފުތާ: ޤައުމީ ދުވަސް ކުލަގަދަކޮށް، ކެބިނެޓްގެ މުހިންމު ނިންމުންތަކެއް


  • ޤައުމީ ދުވަހުގެ ޖަލްސާ ބާއްވާފައިވަނީ ހޮނިހިރު ދުވަހު

  • ވަޒީރުންގެ މަޖިލީހުންވަނީ މުހިންމު ގިނަ ކަންތައްތަކެއް ނިންމަވާފައި

ނިމުނު ހަފުތާގެ ތަފާތު އެކި ދާއިރާތަކުން މުހިންމު ކަންތައްތަކެއް ހިންގާދިޔައެވެ. އެގޮތުން ރާއްޖޭގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. (15 އޮގަސްޓު) މިއަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ހަރަކާތްތައް ބާއްވާފައިވަނީ ހއ. އުތީމުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އެ ރަށަށް ވަޑައިގެންނެވީ ހޮނިހިރު ދުވަހުގެ ހެނދުނުއެވެ.

ރައީސުލްޖުމްހޫރިއްޔާ އުތީމަށް ކުރެއްވި ދަތުރުފުޅުގެތެރެއިން ވަނީ "ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި" އަދި ބޮޑުތަކުރުފާނުގެ ތާރީޚީ ޖިހާދު ކިޔައިދޭ "ވާހަކަ ވައު" ހުޅުއްވައިދެއްވާފައެވެ.

ޣާޒީ ބަންޑާރައިންގެ އަސަރުތައް ހިމާޔަތްކޮށް ދެމެހެއްޓުމަށް ސަރުކާރުން ފަށްޓަވާފައިވާ މަޝްރޫޢުގެ ތެރެއިން ހއ. އުތީމުގައި ތަރައްޤީކުރި "ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި" އަކީ ޕޯޗުގީޒުންގެ އަޅުވެތިކަމާއި އިސްތިޢުމާރީން މި ދިވެހި ޤައުމު ސަލާމަތްކޮށްދެއްވުމަށް އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޡަމް މަޝްހޫރު ނަމުންނަމަ ބޮޑުތަކުފާނު އިސްވެ ހުންނަވާ ކުރެއްވި ތާރީޚީ ޖިހާދު ރަމްޒުކޮށްދޭގޮތަށް އަދި އެ ހަނދާންތައް އައުކޮށްދޭނެ ފަރުމާއަކަށް ތައްޔާރުކޮށްފައިވާ ޚާއްސަ ބިނާއެކެވެ. މި ބިނާގައި މައިގަނޑު 6 ތަނބެއް ހިމެނެއެވެ. މި ތަނބުތައް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ގަދީމީ މިސްކިތްތަކުގެ އާކިޓެކްޗަރަށް ނިސްބަތްވާގޮތަށެވެ.

ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވި ޤައުމީ ބަޠަލު، ބޮޑުތަކުރުފާނުގެ ތާރީޚީ ޖިހާދު ކިޔައިދޭ "ވާހަކަ ވައު" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވައިފިއެވެ. މި ވާހަކަ ވައު ތަރައްޤީކޮށްފައިވަނީ އުތީމު ކަނދުވަލު މިސްކިތް ސަރަޙައްދުގައެވެ. މި ތާރީޚީ ބިނާއާ އިންވެގެން އޮތް ޤުދުރަތީ ވަލުތެރޭގައި ހަދާފައިވާ މިތަނަކީ ބޮޑުތަކުރުފާނުގެ މިނިވަންކަމުގެ ޖިހާދުގެ ވާހަކަ ކިޔައިދީ، އޭގެ މަންޒަރުތައް ސިފަކޮށްދޭ ބޯޑުތަކެއްގެ އެހީގައި، އެ ތާރީޚީ ޖިހާދު އިޙްސާސްކޮށްދޭ ތަނެކެވެ.

ޤައުމީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމުގައި ބޭއްވެވި ރަސްމީ ޖަލްސާގައި، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއަށާއި ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ އަލްއުސްތާޛް އަޙްމަދު ޝާކިރު ކަށިމާއަށް ދިވެހި ދައުލަތުން އަރުވާ ނިޝާން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތް އަރުވާފައެވެ. ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތް އަޙްމަދު ޝާކިރަށް އެރުއްވީ ހއ. އުތީމުގައި ބޭއްވި މިއަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. މި ޝަރަފު ކަށިމާ ޝާކިރަށް އެރުވީ ދިވެހި ޤައުމީ ބަހާތަކަށް އަދި ރާއްޖޭގެ ތާރީޚަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައި، އިޚުލާޞްތެރިކަމާއެކުގައި ކޮށްދެއްވާފައިވާ ޚިދުމަތްތައް އަގުވަޒަންކުރުމުގެ ގޮތުންނެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 3 ބޭފުޅަކަށާއި، ޖަމްޢިއްޔާއަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 7 ބޭފުޅަކަށާއި ކުންފުންޏަކަށް ވަނީ ދެއްވާފައެވެ. އަދި އަލްމަރްޙޫމް އިޙްސާން ޢަބްދުލްޣަނީގެ ހަނދާނަށް ޚިދުމަތުގެ ޤައުމީ އިނާމު ވަނީ އަރުވާފައެވެ.

މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ފަރާތްތައް:

* ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން މުޙައްމަދު ޢާމިރު އަޙްމަދު، ފީރޯޒްވާދީ ފަރެސްއަވަށް ހުސްނުހީނާގެ/ގދ.ފަރެސްމާތޮޑާ
* އިމާރާތް ކުރުމާއި، އިމާރާތް ފަރުމާކުރުމުގެ ދާއިރާއިން - އިބްރާހީމް ރަޝީދު، ވ. ވަސްމީރުފިޔަ
* ޞިއްޙީ ދާއިރާއިން - ސޮސައިޓީ ފޮރ ހެލްތި އެޑިޔުކޭޝަން (ޝީ)
* ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން - ނަޖުމާ ޙުސައިން، ގ. ނޫރީފެހި

ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ފަރާތްތައް:

* އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން - އަލްއުސްތާޛާ ޙައްވާ ލަޠީފް، މުޝްތަރީގެ، ގއ. ދާންދޫ
* ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން - މުޙައްމަދު ނަޞީރު، ދަނބުގެ، ހދ. ވައިކަރަދޫ
* ދިވެހި ތާރީޚުގެ ދާއިރާއިން - ކޮމާންޑް ސާރޖަންޓް މޭޖަރ ޢަބްދުﷲ ސަޢީދު، ހުޅުމާލެ ފްލެޓް ނަންބަރު 125-G-03
* ޞިއްޙީ ދާއިރާއިން - މުޙައްމަދު އަޙްމަދު، ހުޅުމާލެ ވިނަރެސް 10A-702
* އިމާރާތްކުރުމާއި، އިމާރާތް ފަރުމާކުރުމުގެ ދާއިރާއިން - ބައިސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
* މުއާޞަލާތާއި، އިންފޮމޭޝަން ޓެކްނޯލޮޖީގެ ދާއިރާއިން - އަރުޝަދު އަޙްމަދު، ފަހިވާ، ހއ.އުލިގަން
* ކުޅިވަރުގެ ދާއިރާއިން - ޢާއިޝަތު ނައުރާ، ހ. ސީޓް
* ވިޜުއަލް އާޓްސްގެ ދާއިރާއިން - އިސްމާޢީލް ޢަބްދުލްޣަފޫރު، ހ. އަރިހިޔާ

ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސްގެ ވާހަކަފުޅުގެ އުސްއަލިތައް:

ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ދެއްވި ތަޤުރީރުގައި ވަނީ ދިވެހި ރާއްޖެއާއި ދިވެހިންނާއި މަތްވެގެންވާ އިސްލާމްދީނާދެމެދު އޮތް ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. ރައީސްގެ ތަޤުރީރު ކުރިއަށްގެންދެވީ ވަރަށް ޤައުމީ ވަންތަ އަދި ޤައުމީ ދުވަސް ފާހަގަކުރާ ދުވަހުގެ ހާދިސާއަށް ބިނާކޮށް އެދުވަހު ކާބަފައިން ދެއްކެވި ޤައުމީ ވަންތަ ލޯބީގެ މައްޗަށެވެ.

ދިވެހި ކާބަފައިން އަބަދުވެސް ތިބީ ޤައުމާ އެއްކޮޅަށްކަމަށާއި ޤައުމީ ލޯތްބަކީ ދިވެހީން އަބަދުވެސް އެ ރޫޙާއެކު އުފާކުރާ މަތިވެރި ލޯތްބަކަށްވާއިރު ޤައުމީ ލޯތްބާ ދިވެހީން ދުވަހަކުވެސް ވަކިނުވާނެކަންކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ޤައުމީ ބަޠަލަށް މުޅި ރާއްޖެއިން އޭރުވެސް ފުރިހަމައަށް އިޖާބަދިންކަން ފާހަގަކުރައްވާ މިސާލުޖެއްސެވީ ދިވެހިރާޢޖޭގެ މިނިވަންކަމަށް ލޮޅުންއައި ކޮންމެ ފަހަރަކުވެސް އެކަމުގެ އަޑީގައި ދިވެހިންގެ ތެރެއިން މަދުބަޔަކުނަމަވެސް ތިބިކަން ތާރީޚުން ހެކިދޭކަމެވެ.

ރައީސް ވަނީ ތަކުރުފާނުގެ ހަޔާތްޕުޅުން އެތައް ފިލާވަޅެއް ލިބިދޭކަން ފާހަގަކުރައްވާ އޭރުގެ ދިވެހީން އެ ފިލާވަޅު ލިބިގަތްކަންފާހަގަކުރައްވާފައެވެ. އަދި މިހާރުގެ ދިވެހީންވެސް އެގޮތުގައި ތިބިކަމަށާއި ޤައުމީީ ރޫޙާއި ލޯބި ދިރުވާ ޤައުމަށް ހެޔޮއެދުމަށް އަޒުމަކަށް ހެދުމަށް ރައީސް ގޮވާލެއްވިއެވެ.

(16 އޮގަސްޓު) އުތީމުގެ އިތުރުން ބާރަށުގައިވެސްވަނީ މިއަހަރު ޤައުމީ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފައެވެ. ބާރަށުގައި ޚާއްސަ ޖަލްސާއެއް ބޭއްވުމުގެ އިތުރުން ޤައުމީ ހަރަކާތްތައް ހިމެނޭ ޝޯއެއް ވަނީ ބާއްވާފައެވެ. ބާރަށުގައި ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޚާއްސަ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ.

ރާއްޖޭގެ އުތުރުން ބާރަށަކީވެސް ޤައުމީ ދުވަހުގެ ބަޠަލު ބޮޑުތަކުރުފާނުގެ ޤައުމީ ޖިހާދާ ގުޅުންހުރި މުހިންމު އާސާރުތަކަކާއި ތަރިކަތަކެއް އަދި ހަނދާންތަކެއް ހިމެނޭ ގުދުރަރީގޮތުންނާއި ސަގާފީގޮތުން ޚާއްސަ ސިފަތަކެއް ލިބިފައިވާ ރަށެކެވެ.

(20 އޮގަސްޓު) ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށްލައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް ވީހާވެސް ފުޅާ ދާއިރާއެއްގައި އެފުރުސަތު ދެއްވުމަށްޓަކައި ފަށްޓަވާފައިވާ "ރައްޔިތުންގެ އަޑު" ޕްރޮގުރާމުގެ ދެވަނަ އެޕިސޯޑް ގެނެސްދީފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، ވަކިވަކީން ކުރިއަށްގެންދެވި މި ބައްދަލުވުންތަކުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރައްޔިތުން ހުށަހެޅުއްވި ކަންކަމާމެދު މަޝްވަރާކުރައްވައި، އެފަރާތްތަކުގެ އެކިއެކި ބޭނުންތަކަށް ސަރުކާރުން ވެދެއްވެން ހުރި އެހީތެރިކަމަކީ ކޮބައިތޯ ބައްލަވާ، އެކަންކަމަށް މަގުފަހިކޮށްދިނުމަށް މަސައްކަތްކޮށްދެއްވާފައެވެ.

"ރައްޔިތުންގެ އަޑު" ސިލްސިލާގެ ދެވަނަ އެޕިސޯޑްގައި ރައީސް ދެއްކެވި ވާހަކަފުޅުގެ އުސްއަލިތައް:

-2028 ވަނަ އަހަރު މާލެ ސަރަހައްދުގައި އުޅޭ ގިނަ މީހުންނަށް ދާއިމީ ބޯހިޔާވަހިކަން ހަމަޖެހިގެންދާނެކަމަށް ވިދާޅުވި
-މޯލްޑިވްސް 2.0އާއެކު އައިޓީ ދާއިރާއިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށްވެސް ފުރުޞަތުތައް ފަހިވެގެންދާނެކަމަށް ވިދާޅުވި

(16 އޮގަސްޓު) އާދީއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ޢާންމުން ހޭލުންތެރިކުރުމާއި، ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމާ ގުޅުންހުރި މުހިންމު ނިންމެވުންތަކަކާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމެވުންތަކެއް، ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.

ވަޒީރުންގެ މަޖިލީހުގެ ނިންމެވުންތައް:

-ގުރައިދޫ މަރުކަޒު "ސްޓޭޓް އޮފް ދި އާޓް" ފެންވަރަށް ތަރައްޤީކުރަން ނިންމުން
-ޤައުމީ ޓީމެއްގައި ބައިވެރިވެވޭނީ ދުންފަތުން ދުރުވެފައި ތިބި އެތުލީޓުންނަށް ކަމުގައި ކަނޑައެޅުން
-ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުން އިތުރަށް ހަރުދަނާކުރުމަށް ނިންމެވުން
-ސިމްކާޑުތައް ދޫކުރުމުގައި މިހާރު އަމަލުކުރާ ބައެއް އުސޫލުތައް އިތުރަށް ހަރުދަނާކުރަން ނިންމުން

މަޖިލީހުގެ މަސައްކަތްތައް:

(17 އޮގަސްޓު) ރާއްޖޭގެ ފައިނޭންޝަލް އިންފްރާސްޓްރަކްޗަރ އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން، ނޭޝަނަލް ޕޭމަންޓް ސްވިޗެއް ޤާއިމުކުރުމަށް ޤާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. މަޖިލީހުން މިގޮތަށް ފާސްކުރީ ސަރުކާރުގެ ފަރާތުން ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނަށް ހުށަހެޅި އިސްލާހު މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ބިލު ފާސްކުރަން ފެންނަކަމަށް ނިންމުމާ ގުޅިގެންނެވެ.

ބިލުގައި ޤާނޫނަށް އިތުރުކުރުމަށް ކަނޑައަޅާފައިވާ މާއްދާގައި ވަނީ ޤައުމީ ޕޭމަންޓް ސިސްޓަމްގައި ހިމެނޭ ވަކި ސިސްޓަމަކީ ނޭޝަނަލް ޕޭމަންޓް ސްވިޗުގެ ގޮތުގައި ކަނޑައެޅުމުގެ ބާރު އެމްއެމްއޭއަށް ލިބޭނެ ކަމަށެވެ. އަދި ބޭންކުތަކާއި ޕޭމަންޓް ޚިދުމަތްދޭ ފަރާތްތައް މެދުވެރިވެގެން ރާއްޖެއާއި ރާއްޖޭން ބޭރުގައި ހިންގާ ޕޭމަންޓް މުޢާމަލާތްތަކުގެ ތެރެއިން އޮތޯރިޓީން ކަނޑައަޅާ ޕޭމަންޓް މުއާމަލާތްތައް ޕްރޮސެސްކޮށް، ރޫޓްކުރަންވާނީ ނޭޝަނަލް ޕޭމަންޓް ސިވްޗެއް ގޮތުގައި ކަނޑައަޅާ ސިސްޓަމްގެ ތެރެއިން ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

(17 އޮގަސްޓު) ކުނި މެނޭޖުކުރުމުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލު މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އެ އިސްލާހު މަޖިލީހުން ފާސްކުރީ، ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 64 މެންބަރުންގެ އިއްތިފާގުންނެވެ. ކުނި މެނޭޖުކުރުމުގެ ޤާނޫނަށް އިޞްލާޙު ހުށަހެޅުއްވީ، އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް ޝިފާޒްއެވެ. އެ ބިލު ދިރާސާކުރީ، އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީންނެވެ. އެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރީ، 65 މެމްބަރުންގެ ވޯޓާއެކު އޮގަސްޓް 12ވަނަ ދުވަހުއެވެ.

އެ ބިލުގައި ވަނީ، 50 ކޮތަޅަށްވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅުބޮނޑިން ދެ ރުފިޔާ ނެގުން ހުއްޓާލުމަށް ހިމަނާފައެވެ. ކުރިން ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި 2 ރުފިޔާ ނެގުން އިސްތިސްނާ ވަނީ ވަކި ހާލަތްތަކެއްގައި އެކަންޏެވެ. އެހެންކަމުން މިހާރު ގެނައި އިސްލާޙުގެ ސަބަބުން ޕްލާސްޓިކް ކޮތަޅުން ނަގާފީން ދައުލަތަށް ލިބޭ އާމްދަނީ ދަށްވާނެއެވެ.

ވިޔަފާރީގެ ދާއިރާ:

(17 އޮގަސްޓު) މޯލްޑިވްސް ޕްރިމިއަރ ބޭންކު ރަސްމީކޮށް އިފްތިތާޙްކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. މޯލްޑިވްސް ޕްރިމިއަރ ބޭންކްގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޚްކުރުމަށް ބާސެލޯ ނަރަންދުރަގައި ބޭއްވި ހަފުލާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މޯލްޑިވްސް ޕްރިމިއަރ ބޭންކަކީ، ދިވެހިރާއްޖޭގައި ލައިސެންސް ލިބި ހިންގަން ރަސްމީކޮށް ޚިދުމަތް ދޭން ފެށި 9 ވަނަ ބޭންކެވެ. ބޭންކުގެ ޚިދުމަތް ރަސްމީކޮށް ފަށާފައިވާއިރު މި ބޭންކުގެ ފުރަތަމަ ބްރާންޗުވެސް މިހާރުވަނީ ހުޅުވާފައެވެ. ބްރާންޗު ހުޅުވުމަށް ފަހު ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް ބޭނުންވާ ބޭންކުގެ ޚިދުމަތްތައް ދިނުމަށް އެކަމަށް ހާއްސަ މޯބައިލް އެޕްލިކޭޝަނާއި އަދި ކަސްޓަމަރުންގެ ބޭންކިން އެކި ޚިދުމަތްތައް ހޯދުމަށް ބޭނުންކުރާނެ އިންޓަރނެޓް ބޭންކިން ޕޯޓަލް މިހާރު ވަނީ އިފްތިތާޙްކޮށްފައެވެ.

(16 އޮގަސްޓު) "އެނާޖީ ސެކިއުރިޓީ އެމަޖެންސީ އެސިސްޓެންސް ޕްރޮޖެކްޓް" ހިންގުމަށްޓަކައި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް، އޭޑީބީއާއި ދިވެހި ސަރުކާރާ ދެމެދު 50 މިލިޔަން އެމެރިކާ ޑޮލަރުގެ ލޯނު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ މި މަޝްރޫޢުގެ މައިގަނޑު މަޤުޞަދަކީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ސަރުކާރުން ތެލަށް ކުރަންޖެހޭ ޚަރަދު ބޮޑުވެފައިވާ ދަނޑިވަޅެއްގައި ދައުލަތުގެ ބަޖެޓަށް ލުޔެއް ހޯދައިދިނުން ކަމަށެވެ. މި ފެސިލިޓީއަކީ، މަލްޓިލެޓަރަލް ބޭންކުތަކުން ކޮންސެޝަނަލް ފައިނޭންސިން ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހަމަޖެހިފައިވާ ފައިނޭންސިންއެކެވެ.

(17 އޮގަސްޓު) ބ. އޭދަފުށީގައި ޤާއިމުކުރި 1.2 މެގަވޮޓުގެ ސޯލާ ޕީވީ ނިޒާމު މިއަދު ރަސްމީކޮށް އިފްތިތާޙުކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. މިއީ، ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށްގެންދާ އެކްސެލެރޭޓިންގ ރިނިޔުބަލް އެނަރޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަރޖީ (އެރައިސް) މަޝްރޫޢުގެ ދަށުން، ކުރިއަށްގެންދިޔަ މުހިންމު މަސައްކަތެކެވެ. މި ނިޒާމު ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ، މިކަމަކަށްޓަކައި އޭދަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވަޒީރު ޢަލީ ޝަރީފެވެ.

(17 އޮގަސްޓު) މެރިކަލްޗަރގެ ސިނާއަތް އިތުރަށް ތަރައްޤީކޮށް ފުޅާކުރުމުގެ ގޮތުން، އިތުރު 10 ސަރަހައްދެއް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލައްތަކާ ބެހޭ ވުޒާރާއިން ކަނޑައަޅާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. މެރިކަލްޗަރ ސިނާއަތަކީ ވަކި ސިނާއަތެއްގެ ގޮތުގައި ތަރައްޤީކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެއެވެ. އެގޮތުން އެމަސައްކަތް ކުރުމަށް ވަކި ޚާއްސަ ސަރަހައްދުތަކެއް ވަނީ ކަނޑައަޅާފައެވެ. ރާއްޖޭގެ %99 އަކީ ކަނޑުގެ ސަރަހައްދުކަމަށް ވާއިރު، މި ސަރަހައްދުތަކުން އާންމުންނަށް ލިބޭ މަންފާ އެންމެ އެދެވޭ ގޮތެއްގައި ފޯރުކޮށްދިނުމަކީ މިސަރުކާރުގެ އަމާޒެކެވެ.

(20 އޮގަސްޓު) މުދާ އެތެރެކޮށް ބޭރުކުރުން އަވަސް ކުރުމަށް، އުޅަނދެއް އެ ޤައުމަކަށް ބަނދަރު ކުރުމުގެ ކުރިން މައުލޫމާތު ބަދަލު ކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި ސަރަޙައްދީ 3 ޤައުމެއްގެ ކަސްޓަމްސް އިދާރާތަކުގައި މެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދެކުނު އޭޝިއާގެ ސަރަޙައްދީ އިޤްތިޞާދީގުޅުމުގެ ކަސްޓަމްސް ގްރޫޕުގެ 14 ވަނަ ބައްދަލުވުމުގެ ތެރެއިންނެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިންތިޒާމުކޮށްގެން މިއަހަރު ބާއްވާ ބައްދަލުވުމުގައި، ރާއްޖެ ހިމެނޭހެން ބޫޓާން، ބަންގްލަދޭޝް އަދި ނެޕާލުގެ ކަސްޓަމްސް މުއައްސާސާތަކުން އެއްބާރުލުން ދިނުމަށް ނިންމާ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

(20 އޮގަސްޓު) މަސްވެރިކަމުގެ ސިނާޢަތުގެ މަސައްކަތްކުރާ ފަރާތްތަކަށް 7 ދާއިރާއަކުން މާލީ އެހީތެރިކަން ލިބޭ "އާރުވެރި" މެޗިން ގްރާންޓް ސްކީމް އިފްތިތާޙްކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މި ގްރާންޓްގެ ދަށުން ޖުމްލަ 278 މިލިޔަން ރުފިޔާ އެކި ދައިރާތަކުން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

(20 އޮގަސްޓު) މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ސީއީއޯގެ މަޤާމަށް ޔަޒްމީދު މުޙައްމަދު އައްޔަންކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ޔަޒްމީދު މި މަޤާމަށް އައްޔަނުކޮށްފައިވަނީ، ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ. ޔަޒްމީދަކީ ދައުލަތުގެ މިނިވަން މުއައްސަސާތަކާއި، ޕަބްލިކް އޮޑިޓިންގް އަދި ވިޔަފާރި މެނޭޖްމަންޓްގެ ދާއިރާގެ އިސް މަޤާމުތަކުގައި 20 އަހަރަށްވުރެ ދިގު މުއްދަތެއްގެ އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ގަވަރނަންސްއާއި، އޮޑިޓިންގއާއި، އެންޓި-ކޮރަޕްޝަނާއި، އެކައުންޓިންގއާއި، ފައިނޭންސްއާއި، ހިންގުމުގެ ދާއިރާއިން ގިނަގުނަ ތަޖުރިބާ ލިބިވަޑައިގެންފައިވާ ފަންނީ ބޭފުޅެކެވެ.

އެހެނިހެން ދާއިރާތައް:

(18 އޮގަސްޓު) 330 ދިރާސާ ކަރުދާހާއެކު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ "ތެވެލި" ބައިނަލްއަޤްވާމީ ކޮންފަރެންސް ބާއްވާފައިވަނީ ނިމުނު ހަފުތާގެތެރޭގައެވެ. 2017ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރު މިކޮންފަރެންސް ބާއްވަމުން އަންނައިރު މިއީ ތެވެލި ބާއްވާ 9 ވަނަ އަހަރެވެ. "ތެވެލި ބައިނަލްއަޤްވާމީ މަހާސިންތާ 2026" ރަސްމީކޮށް އިފްތިތާޙްކޮށްފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ އޮޑިޓޯރިއަމްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދެވެ. އަދި މި ކޮންފަރެންސްގެ އެކިއެކި ސެޝަންތަކުގައި ރާއްޖޭން ބޭރުގެ ޔުނިވަރސިޓީތަކުގެ ޕްރޮފެސަރުންނާއި، ދުނިޔެއަށް މަޝްހޫރު ޢިލްމީ ދިރާސާތައް ހައްދަވާ ޕްރޮފެސަރުންގެ އިތުރުން ކުންފުނިތަކުން ހަދާފައިވާ ޢިލްމީ ހޯދުންތަކާއި، ޤައުމީ ލެވެލްގައި ހޯދާފައިވާ ހޯދުންތައް ހުށައެޅުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

(18 އޮގަސްޓު) ރާއްޖޭގެ އާބާދީއަށް އައިސްފައިވާ ބަދަލުތަކާއި ރަށްރަށުގެ ކުރިމަގާ ގުޅުންހުރި މަޢުލޫމާތު ހިމެނޭ "ޕަލްސް - އާބާދީގެ ވިންދު 2045" އެގްޒިބިޝަން ފަށާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. ނޭޝަނަލް އާޓް ގެލަރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެގްޒިބިޝަން ރަސްމީކޮށް ހުޅުވައިދެއްވީ ސިއްޙަތާއި އާއިލާއާއި އިޖުތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ ޢަލީ އާއި އ.ދ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވަނީ ހުންނަވާ މަންދޫބު، ހައި ޒަންގއެވެ.

(16 އޮގަސްޓު) ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުކަމުގެ މަޤާމަށް އަލްއުސްތާޛު އާދަމް ޝަމީމް އައްޔަނުކޮށްފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވިދާޅުވީ، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރކަމުގެ މަގާމަށް ދ. މާއެނބޫދޫ މަލާޒް، އަލްއުސްތާޛު އާދަމް ޝަމީމު އައްޔަނުކުރައްވާފައިވާ ކަމަށެވެ. އަދި އޭނާ މި މަގާމަށް އައްޔަނުކޮށްފައިވަނީ އިންޓަރވިއު ޕެނަލުން ކޮމިޝަނަށް ހުށަހަޅާފައިވާ ރިޕޯޓުގައިވާ ގޮތުގެމަތީން މި މަޤާމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވެ، އިންޓަރވިއުއިން އެންމެ މަތިން މާކްސް ހޯދާފައިވާތީ ކަމަށް ޖޭއެސްސީއިން ވިދާޅުވެއެވެ.

(17 އޮގަސްޓު) ސާކް އެސޯސިއޭޝަން އޮފް އެނެސްތީސިއޮލޮޖިސްޓްސް(ސާކް-އޭއޭ)ގެ ރައީސްކަމަށް ރާއްޖޭގެ އެނެސްތެސިއޮލޮޖިސްޓް އެންޑް ޕެއިން ސްޕެޝަލިސްޓް ޑރ.އަސްއަދު މުހައްމަދު ޝަހީދު އައްޔަންކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މިއީ ކޮންމެ 2 އަހަރަކުން އައްޔަނުކުރާ މަޤާމެކެވެ. ރާއްޖެއަށް ލިބުނު މި މަޤާމާއެކު އެނެސްތީސިއޮލޮޖީ ޚިދުމަތްތައް ސަރަހައްދީ ފެންވަރަށް ތަރައްޤީ ކުރުމުގައި ދިވެހިރާއްޖޭގެ ދައުރު ހަރުދަނާ ކުރުމަށް މުހިންމު ފުރުޞަތެއް ލިބޭނެކަމަށް ސިއްޙަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހެ ވުޒާރާއިން ވިދާޅުވެއެވެ. ޑރ.އަސްއަދު އިންތިޚާބުވެވަޑައިގަތުމަކީ ސަރަހައްދީ ގުޅުން ބަދަހިކުރުމާއި، މަޢުލޫމާތު ބަދަލުކުރުމާއި، ޚާއްޞަ ތަމްރީނާއި، އަދި ފަންނީ ކުރިއެރުމުގެ ތެރެއިން އެނެސްތީސިއޮލޮޖީ ދާއިރާ ތަރައްޤީ ކުރުމަށް ދިވެހިރާއްޖެއަށް ފުރުޞަތުތައް ފަހިވެގެންދާނެކަމެއްކަމަށް ވިދާޅުވިއެވެ. އަދި ދިވެހި ޑޮކްޓަރުންނާއި، އެނެސްތީސިއާ ޓެކްނީޝަނުންނާއި، އަދި ނަރުހުންނަށް ސަރަހައްދީ މާހިރުންނާއި މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރުމުގެ ފުރުޞަތު ބޮޑުވެގެންދާނެކަންވެސް ވަނީ ފާހަގަކޮށްފައެވެ.

(19 އޮގަސްޓު) ސަޢުދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑެންސް ޝައިޚް ޑރ. ޢަބްދުލްލަޠީފް އާލްޝައިޚްގެ ޚާއްސަ ދަޢުވަތަށް، އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސަޢުދީ ޢަރަބިއްޔާއަށް ފުރާވަޑައިގަތީ މިދިޔަ ބުދަ ދުވަހުއެވެ. މި ދަތުރުފުޅުގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއާއި ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑެންސްއާއި ދެމެދު ރަސްމީ މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކިންގު ޢަބްދުލްޢަޒީޒް އިންޓަނޭޝަނަލް ޤުރުއާން މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވަޒީރު ޑރ. ޝަހީމް ބައިވެރިވެވަޑައިގެންނެވިއެވެ.

(20 އޮގަސްޓު) މައްކާގައި ބާއްވާ ޤުރްއާން ހިތުން ކިޔެވުމުގެ ދުނިޔޭގެ އެންމެ ބޮޑު މުބާރާތުގައި ރާއްޖެ ތަމްސީލުކޮށް މުޅި ޤުރުއާން ހިތުން ކިޔެވުމުގެ ގޮފިން 4 ވަނަ ދިވެހި ދަރިވަރަކު ހޯދައިފައިވަނީ ނިމުނު ހަފުތާގެތެރޭގައެވެ. މި ފަޚުރުވެރި ވަނަ ހާސިލްކޮށްފައިވަނީ މއ. އަސާސް, އަލްޙާފިޒާ ފާޠިމަތު ޝާޔާ ޒާހިރުއެވެ. މިމުބާރާތުގެ 4ވަނައިގެ އިނާމަކަށް ކަނޑައަޅާފައިވަނީ 170000 ރިޔާލެވެ.