އީރާނާ ދެކޮޅަށް އެމެރިކާއިން އިޤުތިޞާދީ އަދި ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމުން، އެއީ "އިޤުތިޞާދީ ނިރުބަވެރިކަން" ކަމުގައި ސިފަކޮށް އީރާނުން އެ ކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. އީރާނުގެ ޚާރިޖީ ވުޒާރާއިން ބުނީ، މިއީ އީރާނުގެ ރައްޔިތުންނާ ދެކޮޅަށް އެމެރިކާއިން ފާއިތުވި 73 އަހަރު ގެންގުޅެމުންދާ ޢަދާވާތްތެރިކަން ދެމިއޮތުމުގެ ހެއްކެއް ކަމުގައެވެ. އަދި، ވަކިވަކި ރައްޔިތުންގެ އަސާސީ އިންސާނީ ޙައްޤުތަކަށް އަމާޒުކޮށް އަޅާފައިވާ މި ފިޔަވަޅުތަކަކީ އިންސާނިއްޔަތާ ޚިލާފު ޖަރީމާއެއް ކަމަށާއި، މި ފަދަ ފިޔަވަޅުތައް ރާވައި ތަންފީޒުކުރާ މީހުންނާ ދެކޮޅަށް ޝަރިޢަތް ހިންގައި، އަދަބު ދިނުން ޙައްޤުވާ ކަމުގައި އެ ވުޒާރާއިން ބުނެއެވެ.
އީރާންގެ ޚާރިޖީ ވުޒާރާއިން ބުނީ، އެ ޤައުމާ ދެކޮޅަށް އެމެރިކާއިން މި ވަގުތު ދެ ހަނގުރާމައެއް ކުރަމުންދާ ކަމުގައެެވެ. މި ގޮތުން ފުރަތަމަ ހަނގުރާމައަކީ ޞިހްޔޫނީންނާ ގުޅިގެން އެމެރިކާއިން ފަށާފައިވާ ޢުދުވާނީ ހަނގުރާމައެވެ. ނަމަވެސް، މި ހަނގުރާމައިގެ ދަށުން އެމެރިކާގެ ޣައިރުޤާނޫނީ އަދި އިންސާނިއްޔަތާ ޚިލާފު ޑިމާންޑްތަކަށް އީރާނު ކިޔަމަންކުރުވުމުގައި އެމެރިކާ ފޭލުވެފައިވާ ކަމުގައި އީރާނުން ބުނެއެވެ. މީގެއިތުރުން އިޤުތިޞާދީ ފިއްތުންތަކަކީ ހަނގުރާމައިގެ ދެވަނަ ފުށް ކަމަށާއި، މިއީ ދުނިޔޭގެ ޞުލްޙައާއި އަމަންއަމާން ކަމަށް އޮތް ނުރައްކަލެއް ކަމުގައި އީރާންގެ ޚާރިޖީ ވުޒާރާއިން ބުނެއެވެ. އަދި، އެމެރިކާގެ އަސްކަރީ، އިޤުތިޞާދީ، ސިޔާސީ އަދި ނަފްސާނީ ފިއްތުންތަކާ ދެކޮޅަށް ޤައުމީ މަޞްލަޙަތު ދިފާޢުކުރުމުގައި ސާބިތުކަމާއި ޢަޒުމާއެކު ދެމިއޮންނާނެ ކަމުގައި އީރާނުން ބުނެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، އީރާނާ ދެކޮޅަށް މިހާރު ފަށާފައިވާ އިޤުތިޞާދީ ފިޔަވަޅުތަކަކީ، ތާރީޚުގައި އެމެރިކާއިން އެހެން ޤައުމަކާ ދެކޮޅަށް އިޢުލާނު ކޮށްފައިވާ އެންމެ ބޮޑު އަދި ހަރުކަށި ފިޔަވަޅުތައް ކަމުގައެވެ. މިއީ، އެންމެ މަތީ ދަރަޖައިގެ ފިއްތުންތަކެއްގެ ގޮތުގައި ސިފަކުރައްވައި ޓްރަމްޕް ވިދާޅުވީ، އިޤުތިޞާދީ ފިޔަވަޅުތަކުގެ އައު ކެމްޕޭނުގެ މަޤުޞަދަކީ ހަނގުރާމައިގެ ތެރެއިން އީރާން އެކަހެރިކުރުން ކަމުގައެވެ. އަދި، އީރާނަށް ބޭރުގެ އެހީތެރިކަން ހޯދޭނެ ހުރިހާ މަގުތަކެއް ބަންދުކުރައްވާނެ ކަމަށާއި، މާލީ އިދާރާތަކާއި، ވިޔަފާރިތަކާއި، ވައިގެ ބަނދަރުތައް ނުވަތަ ސަރުކާރުގެ މުއައްސަސާތައް މެދުވެރިކޮށް އީރާނަށް އިޤުތިޞާދީ "ދިރުމެއް" ފޯރުކޮށްދޭ ޤައުމުތަކާ ދެކޮޅަށް ވެސް އިޤުތިޞާދީ ފިޔަވަޅުތައް އަޅުއްވާނެ ކަމުގައި އޭނާ އިންޒާރު ކުރެއްވިއެވެ. އަދި، އީރާނާ ދެކޮޅަށް ފިޔަވަޅުތައް ހަރުކަށި ކުރުމުގައި އެމެރިކާއާ ބައިވެރިވުމަށް ޓްރަމްޕް ވަނީ އެމެރިކާގެ އެކުވެރިންނަށް ގޮވައިލައްވާފައެވެ.