ދެކުނު އޭޝިއާގެ ހަތް ޤައުމެއްގައި ކާރިސާތަކުން ސަލާމަތްވުމުގެ ޤާބިލުކަން އިތުރުކުރުމަށް ފަރުމާކޮށްފައިވާ ސައުތު އޭޝިއާ ޑިޒާސްޓަރ ރިސްކް ރިޑަކްޝަން, އެސްއޭޑީއާރްއާރް ޕްރޮގްރާމް އިފްތިތާޙުކުރުމުގެ މަތީ ފަންތީގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ. މިބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ޙަސަނާއި ސެކްރެޓަރީ ޖެނެރަލް ސޮފީނާޒް ޙަސަންއެވެ. މިބައްދަލުވުމުގައި ބައިވެރިވީ ވަރޗުއަލްކޮށެވެ.
ޔޫރަޕިއަން ޔޫނިއަން، އީ.ޔޫއިން ފަންޑުކުރާ، އެސްއޭޑީއާރްއާރް ޕްރޮގްރާމަކީ، ކޯލިޝަން ފޯ ޑިޒާސްޓަރ ރެސިލިއަންޓް އިންފްރާސްޓްރަކްޗަރ، ސީޑީއާރްއައި އާއި ޔޫރަޕިއަން ސްޕޭސް އެޖެންސީ، އީއެސްއޭ ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
އެންޑީއެމްއޭއިން ވިދާޅުވީ މިޕްރޮގްރާމުގެ ދަށުން، ސެޓެލައިޓް މެދުވެރިކޮށް ދުނިޔެ ބެލެހެއްޓުމާއި (އާތު އޮބްޒަވޭޝަން) މޫސުމީ ޚިދުމަތްތަކުގެ ބޭނުން ހިފައިގެން، ނުރައްކާތަކަށް ބިނާކޮށް ޕްލޭންކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި، ދުރާލާ އިންޒާރުދޭ ނިޒާމުތައް ހަރުދަނާކުރުމުގެ އިތުރުން ކާރިސާތަކަށް ކެތްކުރެވޭފަދަ އުމްރާނީ ވަސީލަތްތައް ޤާއިމުކުރުމަށް މަސައްކަތްކުރެވޭނެކަމަށެވެ.
މި ބައްދަލުވުމުގެ ޕެނަލް މަޝްވަރާގައި ވާހަކަދައްކަވަމުން ހިސާން ޙަސަން ވަނީ ރާއްޖޭގެ އައްސޭރިފަށުގެ ރައްކާތެރިކަމާއި، ފެންބޮޑުވުމުގެ ނުރައްކާ މެނޭޖްކުރުމާއި، މުހިންމު އުމްރާނީ ވަސީލަތްތައް ހިމާޔަތްކުރުމުގެ އިތުރުން ކާރިސާއެއް ކުރިމަތިވުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން ރާއްޖެއިން އިސްކަންދޭ ކަންކަމަށް އަލިއަޅުއްވާލައްވާފައެވެ. މީގެއިތުރުން، ޤައުމީ ފެންވަރުގައި ނުރައްކާތައް ވަޒަންކުރުމާއި ގޮތްތައް ނިންމުމުގެ ނިޒާމުތަކުގެ ތެރެއަށް ސެޓެލައިޓް މައުލޫމާތުތައް ހިމެނުމުގެ މުހިންމުކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖެއަކީ ސީޑީއާރްއައިގެ ގަވަރނިންގ ކައުންސިލްގައި އެންމެ ކުރިން ހިމެނުނު މެންބަރު ޤައުމުތަކުގެ ތެރެއިން ޤައުމެކެވެ. އަދި އެންޑީއެމްއޭގެ އެސްޖީ ސޮފީނާޒް ޙަސަން އަކީ "އިންފްރާސްޓްރަކްޗަރ ފޯ ރެސިލިއަންޓް އައިލެންޑް ސްޓޭޓްސް" (އައިއާރްއައިއެސް)ގެ ސްޓިއަރިންގ ކޮމިޓީގައި އިންޑިއާ ކަނޑުގެ ޖަޒީރާ ޤައުމުތައް ތަމްސީލުކުރައްވާ މެންބަރެވެ.
މި މުހިންމު މަޝްރޫޢު ފެށުމާ ގުޅިގެން އެންޑީއެމްއޭ އިން ވަނީ ސީޑީއާރްއައި އާއި ޔޫރަޕިއަން ޔޫނިއަން އަދި އީއެސްއޭ އަށް މަރުޙަބާ ކިޔާފައެވެ. އަދި ރައްކާތެރި މުޖުތަމަޢެއް ބިނާކުރުމަށާއި ކާރިސާތަކަށް ކެތްކުރެވޭފަދަ އުމްރާނީ ވަސީލަތްތައް ޤާއިމުކުރުމަށް ސަރަޙައްދީ ފެންވަރުގައި ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް އުންމީދުކުރާކަމަށް އެ އޮތޯރިޓީން ވިދާޅުވެއެވެ.