ޚަބަރު

ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުވުމުގެ ކުރިން ޙަމާސުން ހަތިޔާރެއް ނުބަހައްޓާނެ


ހަތިޔާރު ތިރި ކުރުމަށް އެއްބަސްވެފައިވާ ކަމަށް ބުނާ ރިޕޯޓުތައް ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރާ މުޖާހިދުންގެ ޖަމާޢަތް، ޙަމާސުން ދޮގުކޮށްފިއެވެ. ހަތިޔާރު ތިރި ކުރުމަށް އެ ޖަމާޢަތުން އެއްބަސްވެފައިވާ ކަމުގައި ވިދާޅުވެފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްޞަ މަންދޫބު، ސްޓީވް ވިޓްކޮފެވެ. އޭނާ މި މޭރުމުން ވިދާޅުވެފައި ވަނީ ޙަމާސުން ރަހީނު ކޮށްފައިވާ އަސީރުންގެ ޢާއިލާތަކާ އެކު ބޭއްވެވި ބައްދަލުވުމެއްގައެވެ.

ވިޓްކޮފް ވިދާޅުވީ، ޙަމާސާއި ޔަހޫދީންނާ ދެމެދު ކުރަމުންދާ ނުރަސްމީ މަޝްވަރާތަކުގައި ހަތިޔާރު ތިރި ކުރުމަށް އެ ޖަމާޢަތުން އެއްބަސްވެފައިވާ ކަމުގައެވެ. ނަމަވެސް، އެ ޖަމާޢަތުން ވަނީ އެ ކަން ދޮގު ކޮށްފައެވެ. ޙަމާސުން ބުނީ، ޔަހޫދީންގެ އިސްތިޢުމާރީ ބާރާ ދެކޮޅަށް ކުރަމުންދާ ޖިހާދު ހުއްޓައިލައި، ހަތިޔާރު ތިރި ކުރަން އެއްބަސްވުމަށް އޮތީ އެންމެ މަގެއް ކަމުގައެވެ. އަދި، އެއީ ފަލަސްޠީނުގެ މިނިވަން ކަން ބަލައިގަނެ، މިނިވަން ދައުލަތެއް ޤާއިމުކޮށް، ފަލަސްޠީނުގެ ރައްޔިތުންގެ އެންމެހައި ޙައްޤުތައް ޔަހޫދީން ކަށަވަރު ކޮށްދިނުން ކަމުގައެވެ.

"[ޔަހޫދީންގެ އިސްތިޢުމާރީ ވެރިކަން ދެމިއޮތްހާ ހިނދަކު އެ ކަމާ ދެކޮޅު ހެދުމާއި ހަތިޔާރު ބޭނުން ކުރުމަކީ [ފަލަސްޠީނުގެ މުޖާހިދުންގެ] ޤައުމީ އަދި ޤާނޫނީ ޙައްޤެއް،" ޙަމާސުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. އަދި، ފަލަސްޠީނުގެ ރައްޔިތުންގެ މިނިވަން ކަން ކަށަވަރު ކުރެވެންދެން އެ ޙައްޤު ދޫކޮށްނުލާނެ ކަމުގައި އެ ޖަމާޢަތުން ބުންޏެވެ. ޙަމާސްގެ ޝަރުޠަކީ ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކޮށް، ސިޔާދަތީ މިިނިވަން ކަން ކަށަވަރު ކޮށްދިނުމާ އެކު ޤުދުސަކީ ފަލަސްޠީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅައި، އެ ކަން ބަލައިގަތުމެވެ.

2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ވަނީ ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ހިންގަން ފަށާފައެވެ. އެ ޤަތުލުޢާންމުގެ ތެރެއިން ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 60,000އަށް އުފުލިފައިވާއިރު އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންނާއި، ހިނގާބިނގާވެ ނޫޅޭވޭވަރުގެ އުމޫރުންނެވެ.

ޣައްޒާގައި ދިރިއުޅޭ 2.3 މިލިޔަނެއްހާ މީހުން ހައިހޫނުގައި ޖެއްސުމަށް ވެސް ޔަހޫދީން ދަނީ ޖާރީމާތަކެއް ހިންގަމުންނެވެ. ޣައްޒާގައި ކާބޯތަކެތި ބެހުމުގެ ހުރިހާ ބާރެއް ޔަހޫދީންގެ އަތްދަށަށް ގެންދިޔުމަށް ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފް)ގެ ނަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ގުޅިގެން ޔަހޫދީން ވަނީ ޖަމުޢިއްޔާއެއް އުފައްދާފައެވެ.

ވިޓްކޮފް ވަނީ ޖީއެޗްއެފުން ޤާއިމު ކޮށްފައިވާ އެހީ ބަހާ މަރުކަޒެއް ކައިރިއަށް ދާދިފަހުން ޒިޔާރަތް ކުރައްވާފައެވެ. ޙަމާސުން ބުނީ، އޭނާގެ ދަތުރުފުޅުގެ މައިގަނޑު އަމާޒަކީ ޣައްޒާގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ޙަޤީޤީ ހާލަތު ފޮރުވައި، އޮޅުވައިލުން ކަމުގައެެވެ. ޖީއެޗްއެފާ ގުޅިގެން ޔަހޫދީ ފައުޖުން ދަނީ ޣައްޒާގެ ރައްޔިތުން ޝަހީދު ކުރުމަށް ވެސް ޖަރީމާތަކެއް ހިންގަމުންނެވެ. މި ގޮތުން، ޖީއެޗްއެފްގެ އެހީ ބަހާ މަރުކަޒުތައް ކައިރީގައި ޔަހޫދީ ފައުޖުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 1,300އަށް އުފުލިފައިވާ ކަން އެކުވެރި ދައުލަތްތައް (އދ)ން ވަނީ ހާމަކޮށްފައެވެ.