ޚަބަރު

ކަނޑުއުޅަނދުފަހަރުގެ ހަރަކާތްތައް މޮނިޓަރކުރުމުގެ ނިޒާމެއް އިމިގްރޭޝަނުން ޤާއިމްކޮށްފި


  • ކުރިން މި މަޢުލޫމާތުތައް ހޯދަނީ ކަމާ ގުޅުން ހުރި އިދާރާތައް މެދުވެރިކޮށް

  • 30 ނޯޓިކަލް މޭލު ސަރަހައްދުގައި ދުއްވާ ހުރިހާ ކަނޑު އުޅަނދެއް ދެނެގަނެވޭނެ

ޔުނިވަރސަލް އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމްގެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަނޑުއުޅަނދުފަހަރުގެ ހަރަކާތްތައް މޮނިޓަރކުރުމުގެ ނިޒާމެއް މޯލްޑިވްސް އިމިގްރޭޝަނުން ތަޢާރަފްކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ އެ އިދާރާގެ ސީޕޯޓު ޑިވިޜަނުން ކަނޑުއުޅަނދުފަހަރުގެ ހަރަކާތްތައް ހަރުދަނާކަމާއެކު ބަލެހެއްޓޭނެ ނިޒާމެއް ޤާއިމްކޮށްފައިވާކަމަށެވެ. މި އިންތިޒާމުގެ ދަށުން، މާލެ ޕޯޓު ސަރަހައްދުން ފެށިގެން 30 ނޯޓިކަލް މޭލު ސަރަހައްދުގައި ދުއްވާ ހުރިހާ ކަނޑު އުޅަނދުފަހަރުގެ ހަރަކާތްތައް ރިއަލްޓައިމްކޮށް ދެނެގަތުމުގެ ޤާބިލުކަން މިހާރު ލިބިފައިވާކަަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.

އިމިގްރޭޝަނުން ވިދާޅުވީ މި ނިޒާމް ޤާއިމްކުރުމުން އެ އިދާރާގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ލުއި ލިބޭނެކަމަށެވެ. މީގެކުރިން ބޯޓު ފަހަރުތައް ރާއްޖެއަށް އަންނާނެކަމަށް ލަފާކުރެވޭ ވަގުތައް ހޯދަނީ ގުޅުން ހުރި މުއައްސަސާތައް މެދުވެރިކޮށްކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ. އެގޮތުން ކަސްޓަމްސްއާއި އެމްޕީއެލް މެދުވެރިކޮށް އެފަދަ މަޢުލޫމާތުތައް ހޯދުމަށްފަހު އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ޚާއްސަ ވިނަމަވެސް، އައު ނިޒާމާއެކު މިކަންކަން ފަސޭހަވެގެންދާނެކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ. މިގޮތުން ކަނޑު އުޅަނދުތައް އޮންނަ ހިސާބާއި އެ އުޅަނދުރައް ރާއްޖެ އައިސް އެނބުރި ދާ ގަޑިތައްވެސް މިހާރު ދެނެގަނެވޭކަމަށް ވިދާޅުވިއެވެ.

މި ނިޒާމަކީ ބައިނަލްއަޤްވާމީ ފެންވަރުގެ ޕޯޓުތަކުގައިވެސް އެތަންތަނުގެ ހިންގުން ހަރުދަނާކުރުމަށާއި، ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ބޭނުންކުރަމުން އަންނަ ޒަމާނީ ނިޒާމެކެވެ. މި ނިޒާމުގެ ސަބަބުން ސީޕޯޓު ޑިވިޜަނުން ދޭ ކްލިއަރެންސްތައް އިތުރަށް ހަލުވިވެެ، ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެކަމަށްވެސް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވިއެވެ.