ޚަބަރު

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ހުދު ސަމާލު


  • ސަމާލު ނެރެފައިވަނީ ށ އަތޮޅުން ފެށިގެން ގދ އަތޮޅަށް

  • މިއަދު 10:20 އިން 16:20 އަށް

ށ އަތޮޅުން ފެށިގެން ގދ އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.

ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ މިއަދު 10:20 އިން 16:20 އަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެށް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ. އެ އިދާރާއިން ވިދާޅުވީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ އަސަރު މިހަފުތާ ބަންދަށް ދެމިގެން ދާނެ ކަމަށެވެ.

މެޓު އޮފީހުން ލަފާކުރާ ގޮތުގައި މިއަދު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވައި ޖެހެމުންދާނީ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލު ބާރުމިނަށް ވައި ގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ލަފާކުރެއެވެ.


މިހާރު ކުރަމުންދާ ވިއްސާރާގައި ރާއްޖޭގެ ހުރިހާ ހިސާބުތަކަށް ކަނޑުތައް ގަދަވާނެ ކަމަށާއި ވިލާގަނޑުގައި އިތުރަށް ކަނޑުތައް ގަދަވާނެކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކަނޑުތައް ގަދަވާނެކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

މޫސުން ގޯސްވެ ބޯކޮށް ވާރޭވެހި ވިލާގަނޑުގައި ވައިގަދަވާނެ ކަމަށް ލަފާކުރެވޭތީ، މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.