ޚަބަރު

މިދިޔަ މަހު ކުޑަކުދިންނާއި އަންހެނުންނާ ގުޅުންހުރި 231 މައްސަލަ


  • ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ގުޅޭ 88 މައްސަލަ

  • ގެވެށި އަނިޔާގެ 51 މައްސަލަ

މިދިޔަ މަހު ކުޑަކުދިންނާއި އަންހެނުންނާއި ގުޅުންހުރި 231 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ގުޅޭ 88 މައްސަލަ ވަނީ ރިޕޯޓްކޮށްފައެވެ.

މީގެތެރޭގައި ހިމެނެނީ:

* ގެވެށި އަނިޔާ ފެނުން: 12 މައްސަލަ
* ކުޑަކުދިންނަށް އަޅާނުލުން: 16 މައްސަލަ
* ނަފްސާނީ އަނިޔާ: 8 މައްސަލަ
* ޖިސްމާނީ އަނިޔާ: 29 މައްސަލަ
* ޖިންސީ ގޯނާ: 15 މައްސަލަ
* ބްލެކްމެއިލް ކުރުން: 1 މައްސަލަ
* ގަނާކުރުން (ބުލީކުރުން): 5 މައްސަލަ
* އެހެނިހެން މައްސަލަތައް: 1 މައްސަލަ

ކުޑަކުދިންގެ އުޅުމާއި ގުޅޭގޮތުން ޖުމުލަ 16 މައްސަލައެއްވެސް މިދިޔަ މަހުގެ ތެރޭގައި ވަނީ ހުށަހަޅާފައެވެ. މީގެ ތެރޭގައި ހިމެނެނީ:

* ރުޅިގަދަވުމުގެ 6 މައްސަލަ
* ގެއިން ފިލައިގެން ދިއުމުގެ 2 މައްސަލަ
* ސުކޫލަށް ދާން އިންކާރުކުރުމުގެ 1 މައްސަލަ
* އެހެނިހެން ސުލޫކީ 7 މައްސަލަ

މި ތަފާސްހިސާބުތަކުގައި ވާގޮތުން މިދިޔަ މަހު ވަކި ޖިންސަކަށް ވިތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ ޖުމުލަ 51 މައްސަލަ ވަނީ ހުށަހަޅާފައެވެ. މީގެ ތެރޭގައި ހިމެނެނީ 10 ފިރިހެނުންނާއި، 41 އަންހެނުންނެވެ.

މިދިޔަ މަހު ކުޑަކުދިންގެ ހެލްޕްލައިން (1412) އަށް ޖުމްލަ 1,662 ކޯލު ލިބިފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ، 760 ކުޑަކުދިން، 617 ބޮޑެތި މީހުން، އަދި 285 ނޭނގޭ ފަރާތްތަކެވެ. މި މުއްދަތުގައި އިޖުތިމާއީ އެހީގެ ހެލްޕްލައިން (1421) އަށް 511 ކޯލު ލިބިފައިވެއެވެ. އެއީ، 254 ކުޑަަކުދިންނާއި، 167 ބޮޑެތި މީހުން އަދި ނޭނގޭ 90 ފަރާތެކެވެ.

ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އިޖުތިމާއީ ރައްކާތެރިކަމާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މިފަދަ މައްސަލަތައް ރިޕޯޓްކުރެވޭ މިންވަރު އަންނަނީ އިތުރުވަމުންނެވެ. މިއީ މުޖުތަމައުގެ ހޭލުންތެރިކަން އިތުރުވެ، އެހީތެރިކަން ހޯދުމަށް މީހުން އިސްނަގާކަމުގެ ނިޝާނެކެވެ. އެހެންކަމުން ކަމާބެހޭ މުއައްސަސާތަކުން ދަނީ، މިފަދަ މައްސަލަތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.