ޚަބަރު

ރާއްޖެ-ޕާކިސްތާނުގެ ވިޔަފާރި 200 މިލިޔަން ޑޮލަރަށް އިތުރުކުރަނީ


  • މިހާރު ވިޔަފާރީގެ މިންވަރު ހުރީ 13.9 މިލިޔަން ޑޮލަރުގައި

  • ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކުރެއްވި

ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި، ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކުގެ އަދަދު 200 މިލިޔަން ޑޮލަރަށް އިތުރުކުރައްވާނެކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު އެފަދައިން ވިދާޅުވީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު އެ ޤައުމަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން، އެ ދެ ބޭފުޅުން ދެއްވި ގުޅިފައިވާ ބަޔާނުގައި ވާހަކަދައްކަވަމުންނެވެ.

މިހާރު ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު ހުރީ 13.9 މިލިޔަން ޑޮލަރުގައެވެ.

ބޮޑުވަޒީރު ޝެހެބާޒްގެ ވާހަކަފުޅުގައި، ދެ ޤައުމުގެ ދެމެދުގައި ބޭއްވި މަޝްވަރާތަކުގައި މުހިންމު ކަންކަމާއި މެދު މަޝްވަރާކުރައްވާފައިވާކަމަށާއި، އޭގެ ތެރޭގައި ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ ކަންކަން ހިމެނޭކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ރާއްޖެ އާއި ޕާކިސްތާނާއި ދެމެދު އިޤްތިސާދީ ދާއިރާއިން ގުޅުން ބަދަހިކުރުމަށާއި، ދިފާއީ، ތަޢުލީމީ، ސިއްޙީ ދާއިރާއިން ދިވެހިން ތަމްރީންކުރުމަށް އެހީތެރިވެދިނުމަށް އެ ޤައުމުން އެހީތެރިވާނެކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ފާހަގަކުރައްވާފައިވެއެވެ.

ރާއްޖެ އާއި ޕާކިސްތާނާއި މެދު ސޮއިކުރި 20 އެމްއޯޔޫއަށް ޢަމަލުކުރާކަން ޔަޤީންކުރުމަށް ޚާއްސަ އިސްކަމެއްދެއްވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، ރައީސް ޑރ.މުޢިއްޒަށް މަރުޚަބާދެންނެވުމަކީ ޕާކިސްތާނަށް ލިބުނު ފަޚުރެއްކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ. ބޮޑުވަޒީރު ވިދާޅުވީ ދެ ޤައުމުގެ ގުޅުން ކުރިއަށް އޮތްތަނުގައި ވެސް އިތުރަށް ބަދަހިވެގެންދާނެކަމާމެދު ޝައްކު ނުކުރައްވާކަމަށެވެ.

މި ދެ ޤައުމަކީ، އެކުގައި މަސައްކަތްކުރުމުގެ ދިގު ތާރީޚެއް އޮތް ދެ ޤައުމުކަމަށް ވާއިރު ދެ ޤައުމުގެ އިޤްތިސާދީ ގުޅުމުން އެކަން އެންމެ ރަނގަޅަށް ތަޞައްވުރު ނުކުރެވޭކަމަށް ބޮޑުވަޒީރު ޝެހެބާޒް ވިދާޅުވިއެވެ. އެހެންކަމުން ވިޔަފާރީގެ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ފުޅާކުރުން މުހިންމުކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށާއި، އެމްއޯޔޫތައް ތަންފީޒުކުރުން އަވަސްކުރުމަށް މަސައްކަތްކުރާނަން. ރާއްޖެއިން ބޭނުންވާ ކަންކަން ފުރިހަމަކޮށްދިނުމަށް ވީ މިންވަރަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް." ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވިދާޅުވިއެވެ.

ރާއްޖެ އާއި ޕާކިސްތާނާއި މެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 60 އަހަރު ވެގެންދާއިރު ދެ ޤައުމުގެ ގުޅުން އެކި ދާއިރާތަކުން އިތުރަށް ބަދަހިވުމަށް އުއްމީދުކުރައްވާކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރާއްޖެ އާއި އެ ޤައުމާ ދެމެދު އޮތީ ވަރަށް ގާތް އުޙުވަތްތެރި ގުޅުމެއްކަމަށާއި، އެއީ ވަރަށް ޒަމާންވެފައިވާ ގުޅުމެއްކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.

ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ދަނޑުވެރިކަމާއި، ސިއްހީ، އުމްރާނީ އަދި އިސްތިރާޖީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމުގެ ދިގު ތާރީހެއް އޮތްކަން ފާހަގަކޮށްލެވެއެވެ.