މިދިޔަ މަހު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ވައްކަމުގެ މައްސަލަތަކުގެތެރެއިން ގެއްލިގެން ރިޕޯޓުކުރި 69 ސައިކަލު އަނބުރާ ހޯދާފައިވާ ކަމަށާއި، މީއެ ސައިކަލުތަކުގެ އަގު 3.4 މިލިޔަނަށް އަރާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ޢާންމުކޮށްފައިވާ ތަފާސް ހިސާބުތަކުގައި ވާގޮތުން މިދިޔަ ޖުލައި މަހު ގެއްލިގެން ރިޕޯޓުކުރި ތަކެތީގެތެއިން ޖުމްލަ 202 އެއްޗެއް ފުލުހުން ހޯދާފައިވެއެވެ. ފުލުހުން ހޯދި ތަކެތީގެ ތެރޭގައި މޯބައިލް ފޯނާއި ސައިކަލާއި ފައިސާ ހިމެނެއެވެ. އެގޮތުން އެންމެ ގިނައިން ހޯދީ ސައިކަލެވެ. 69 ސައިކަލު ހޯދާފައިވާއިރު، އެސައިކަލުތަކުގެ އަގު 3،412،530 (ތިން މިލިޔަން ހަތަރު ސަތޭކަ ބާރަ ހާސް ފައްސަތޭކަ ތިރީސް) ރުފިޔާއަށް އަރައެވެ.
• 22 މޯބައިލް ފޯނު: 213،932.80 ރުފިޔާ
• 69 ސައިކަލު: 3،412،530 ރުފިޔާ
• ފައިސާގެ 43 މައްސަލަ: 935،972 ރުފިޔާ
• 12 އިލެކްޓްރޯނިކްސް: 168،850 ރުފިޔާ
• 56 އެހެނިހެން ތަކެތި: 179،225.80 ރުފިޔާ
..މާލޭގެ މަގުތަކަކީ އަމާން ރައްކާތެރި މަގުތަކަކަށް ހެދުމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް މާލެ ޕޮލިސް ކޮމާންޑުގެ ޑިޕާރޓްމަންޓުތަކުން ކުރަމުންދާ މަސައްކަތްތަކުގެ ޖުލައި މަހުގެ ތަފާސް ހިސާބު pic.twitter.com/Oj8eQcevXF
— Maldives Police (@PoliceMv) August 5, 2025
މިދިޔަ މަހު މާލެ ފްރޮންޓް ލައިންގައި ހަރަކާތްތެރިވި ފުލުހުންގެ މަސައްކަތާ ގުޅޭ ބައެއް ތަފާސްހިސާބުވެސް ފުލުހުން ވަނީ ހިއްސާކޮށްފައެވެ. އެގޮތުން މިދިޔަ މަހު ފުލުހުން ވަނީ މާލެ ސަރަހައްދުގެ 41574 ސަރަހައްދެއް ބަލައި ފާސްކޮށްފައެވެ. އަދި 1196 ގަޑިއިރާއި 6 މިނެޓު ވަންދެން މާލެ ތެރެ ފައި މަގުގައި ޕެޓްރޯލްކޮށްފައިވެއެވެ.
މީގެ އިތުރުން 6389 މީހަކު ހުއްޓުވައި ފުލުހުން ވަނީ ސުވާލުކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ ކުށުގެ ރިކޯޑު އޮތް 6145 މީހުންނާއި ރިކޯޑު ނެތް 244 މީހުންނެވެ. އަދި ބިދޭސީންނާ ގުޅޭގޮތުން ކުރިއަށްގެންދިޔަ އޮޕަރޭޝަންތަކުގައި 7 ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކޮށްފައިވެއެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން އަބަދުވެސް ގިނަ މަސައްކަތްތަކެއް ކުރައްވައެވެ. އެގޮތުން މަގުމަތީގެ ޓްރެފިކް ބެލެހެއްޓުމަށް އެކި އޮޕަރޭޝަންތައް ކުރިއަށްގެންދިއުމާއި ކުށްކުރާ ގުރޫޕުތަކުގެ ހަރަކާތްތައް މަދުކުރުމަށް އޮޕަރޭޝަންތައް ކުރިއަށްގެންދިއުން ފާހަގަކޮށްލެވެއެވެ.