މިހާރު ކުރިއަށްދާ ޤައުމީ ވޮލީބޯޅަ ލީގުގައި ކުލަބް ވެމްކޯއިން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް ފެށުން ރަނގަޅުކުރިއިރު، ޕޮލިސް ކުލަބް ބަލިކޮށް ކުލަބް އެމްޓީސީސީ ޤައުމީ މުބާރާތާ ކައިރިއަށް ޖެހިލައިފިއެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި އަންގާރަ ދުވަހު ހަވީރު ކުޅުނު މެޗު ވެމްކޯއިން ކާމިޔާބުކުރީ ފަސޭހަކަމާއެކު ސީދާ 3 ސެޓުންނެވެ.
މިދިޔަ އަހަރުގެ ރަނަރަޕް ވެމްކޯއިން މިފަހަރުގެ މުބާރާތައްވެސް ނުކުތީ ވަރުގަދަ ސްކޮޑަކާއެކުގައެވެ. މި މެޗުގެ ސެޓުތައް ވެމްކޯއިން ގެންދިޔައީ، 25-18، 25-21 އަދި 25-16 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ވެމްކޯގެ ބިދޭސީ ކުޅުންތެރިޔާ ވަރަންޏާ ސިރިލައޯންގ އެވެ.
މީގެ އިތުރުން އަންގާރަ ދުވަހުގެރޭ ޕޮލިސް ކުލަބްގެ މައްޗަށް އެމްޓީސީސީ ކުރިހޯދީވެސް ސީދާ 3 ސެޓުންނެވެ.
މި މެޗުގެ ފުރަތަމަ ސެޓުގައި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓުގައި ދެ ޓީމަށްވެސް މާބޮޑު ލީޑެއްގައި އޮވެ، ކުޅެވޭ ގޮތެއް ނުވިއެވެ. އެކަމަކު ސެޓުގެ ފަހުކޮޅު ޕޮލިހުން ހެދި ގޯސްތަކުގެ ފައިދާ ނަގައި މި ސެޓު އެމްޓީސީސީން ކާމިޔާބުކުރީ 26-24 އިންނެވެ.
ޖެހިގެން އައި ދެ ސެޓުގައި ވެސް ޕޮލިސް ފެނިގެންދިޔައީ ދަށްކޮށެވެ. އޭގެ ފައިދާ ނަގައި، އެމްޓީސީސީން މި ދެ ސެޓު ގެންދިޔައީ 25-18، އަދި 25-20 އިންނެވެ.
މި މުބާރާތުގެ އަންހެން ޑިވިޝަނުގެ މެޗެއް ދެން ކުޅޭނީ ބުރާސްފަތި ދުވަހުއެވެ.
ބުރާސްފަތި ދުވަހު ހަވީރު ހުރާ ކޮމިއުނިޓީ ކުލަބުން ނުކުންނާނީ ވެމްކޯއާ ދެކޮޅަށެވެ. ހުރާ ވަނީ ކުޅުނު ފުރަތަމަ މެޗުގައި ޕޮލިސް އަތުން ބަލިވެފައެވެ.
ދެވަނަ މެޗުގައި ޕޮލިހުން ނުކުންނާނީ ސިޓީ ފްރެންޑްސް ކުލަބާ ދެކޮޅަށެވެ. ސިޓީ ވަނީ ފުރަތަމަ މެޗުގައި ޕޮލިސް އަތުން އަދި ދެވަނަ މެޗުގައި ވެމްކޯ އަތުން ބަލިވެފައެވެ.