ޚަބަރު

އޫރާއި ވަލުއޫރަށް ޖެހޭ ނުރައްކާތެރި ބައްޔެއް ވިއެޓްނާމްގައި ޢާންމުވެއްޖެ


އޫރާއި ވަލުއޫރަށް ޖެހޭ ނުރައްކާތެރި ބައްޔެއް ކަމުގައިވާ 'އެފްރިކަން ސްވައިން ފީވަރ' ވިއެޓްނާމުގައި ހަލުކަމާ އެކު ފެތުރެމުންދާ ކަން އެ ޤައުމުގެ ކަމާ ގުޅޭ އިދާރާތަކުން ހާމަކޮށްފިއެވެ. ވިއެޓްނާމްގެ ދައުލަތުގެ މީޑިޔާއިން ބުނީ، އެފްރިކަން ސްވައިން ފީވަރ، ނުވަތަ އޭއެސްއެފްގެ އަސަރު ކޮށްފައިވާ އޫރުގެ އަދަދު ފާއިތުވި ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ތިންގުނައަށް އިތުރުވެފައިވާ ކަމުގައެވެ.

މި އަހަރުގެ ޖަނަވަރީން ފެށިގެން ޖުލައި މަހުގެ މެދާ ހަމައަށް 514 ސަރަޙައްދެއްގައި މި ބަލި ފެތުރެމުންދާ ކަމުގައި ވަނީ ދެނެގަނެވިފައެވެ. އަދި، ފާއިތުވި ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ އަދަދު ވަނީ 972އަށް އުފުލިފައެވެ. ޖަނަވަރީއާއި ޖުލައި 15އާ ދެމެދު 30,000 ޖަނަވާރަށް (އޫރަށް) މި ބަލި ޖެހިފައިވާ ކަން ކަށަވަރު ކުރެވިފައިވާއިރު، މިހާރު އެ އަދަދު ވަނީ 100,000އަށްވުރެ މައްޗަށް އުފުލިފައެވެ. ވިއެޓްނާމްގެ ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ ބަލީގެ އަސަރު ކޮށްފައިވާ އޫރުތައް މަރައި، ނައްތައިލަމުންދާ ކަމުގައެވެ.

އޫރު މަހަކީ މުސްލިމުންނަށް ކެއުން ޙަރާމު ކުރައްވާފައިވާ އެއްޗެއް ނަމަވެސް، އެހެން ދީންތަކުގެ މީހުން ގިނައިން ކައިއުޅޭ މަހެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އޭސެއެފް ބަލި ފެތުރެން ފެށުމާ އެކު ބާޒާރުގައި ވިއްކާ އޫރު މަހުގެ ސްޓޮކަށް ނުވަތަ އަދަދަށް ވަނީ ބަދަލުތަކެއް އައިސްފައެވެ. ފަހުގެ ތާރީޚެއްގައި މި ބަލި އެންމެ ހަލުވިކަމާ އެކު ފެތުރިގެން ގޮސްފައި ވަނީ 2018އާއި 2019ވަނަ އަހަރުގެ ތެރޭގައެވެ.

އެ ފަހަރު ޗައިނާގައި ނައަމްސޫފީގެ ގޮތުގައި ބޭނުން ކުރާ އޫރުގެ ތެރެއިން ދެބައިކުޅަ އެއްބައި މަރައިލައި، ނައްތައިލަން ޖެހުނެވެ. ދުނިޔޭގެ ބާޒާރަށް އެންމެ ގިނައިން އޫރު މަސް ނެރޭ ޗައިނާގައި އޭއެސްއެފް ފެތުރެން ފެށުމާ އެކު، އެ ޤައުމަށް ލިބުނު މާލީ ގެއްލުމުގެ އަގު 100 ބިލިޔަން އެމެރިކާ ޑޮލަރަށް އެރި ކަމުގައި އިޤުތިޞާދީ ދާއިރާގެ މާހިރުން އަންދާޒާ ކުރިއެވެ.

އޭއެފްއެސަކީ އިންސާނުންގެ ހަށިގަނޑަށް އަރާ ބައްޔެއް ނޫނެވެ. އަދި، 2023ވަނަ އަހަރު ވިއެޓްނާމުން ވަނީ އޫރާއި ވަލުއޫރަށް ޖެހޭ މި ބައްޔަށް ފަރުވާ ކުރުމަށް ޚާއްޞަ ވެކްސިނެއް އުފައްދާފައެވެ. ނަމަވެސް، އެ ޤައުމުގައި ހަލުވިކަމާ އެކު ބަލި ފެތުރެމުން ދަނީ ވެކްސިން ބޭނުން ކުރާ މިންވަރު ދަށްވުމާ ގުޅިގެން ކަމުގައި މާހިރުން ބުންޏެވެ. އެ ކަމުގެ ފަހަތުގައި އޮތީ ވެކްސިންގެ އަގު ބޮޑުވުމާއި، ވެކްސިނަށް އޮތް އިތުބާރު ކުޑަވުމެވެ.