ޑޮކްޓަރުން ދީފައިވާ މެޑިކަލް ރިޕޯޓްތަކުގައި ސޮއި ކުރަން ބާސެލޯނާގެ ކެޕްޓަން އަދި ގޯލްކީޕަރު މާކް އަންދްރޭ ޓާސްޓެގަން ދެކޮޅު ހަދައިފިއެވެ.
މިއާއެކު އޭނާއާ ދެކޮޅަށް ޑިސިޕްލިނަރީ ފިޔަވަޅު އަޅަން ބާސެލޯނާއިން މިހާރު ވަނީ މަސައްކަތް ފަށައިފަ އެވެ. ކުލަބުން މި ގޮތަށް ނިންމީ ޓާސްޓެގަން މެޑިކަލް ރިޕޯޓްސް ތަކުގައި ސޮއިކުރަން ދެކޮޅު ހެދުމުގެ ސަބަބުން ކުލަބަށާއި އެހެން ކުޅުންތެރިންނަށް ގެއްލުންވާ ކަމަށް ބުނެ އެވެ.
ބާސެލޯނާއިން މަސައްކަތް ކުރީ ޓާސްޓެގަންގެ މެޑިކަލް ރިޕޯޓްތައް ހުށަހަޅައިގެން އޭނާގެ މުސާރައިގެ 80 ޕަސެންޓް އެހެން ކުޅުންތެރިން ރަޖިސްޓްރީ ކުރުމަށް ބޭނުން ކުރުމަށެވެ. އެކަމަކު އެކަން ކުރެވެން އޮތީ މަދުވެގެން ހަތަރު މަސް ދުވަހަށް ޓާސްޓެގަން ކުޅުމާ ދުރަށް ދާންޖެހޭ ނަމައެވެ.
އޭނާގެ އުނަގަނޑު އޮޕަރޭޝަން ކުރި ޑޮކްޓަރުން ރިޕޯޓްގައި ހިމަނާފައިވާ ގޮތުން ޓާސްޓެގަން އޮޕަރޭޝަން ކުރުމުން އަލުން ކުޅުމަށް އާދެވޭނީ މަދުވެގެން ހަތަރެއް ނުވަތަ ފަސް ދުވަހުން ކަމަށެވެ. ނަމަވެސް ޓާސްޓެގަން ބުނަނީ އޭނާ އަށް ތިން މަހުން ކުޅުމާ ބައިވެރިވެވޭނެ ކަމަށެވެ.
ބާސެލޯނާ އަށް ކުޅުންތެރިން ރަޖިސްޓަރީ ކޮށްދޭން އެހީވާން އޭނާ ބޭނުމެއް ނުވެއެވެ. ސަބަބަކީ ކުރިއަށް އޮތް ސީޒަނުގެ ފުރަތަމަ 11 އިން އޭނާ އަށް ޖާގަ ނުދޭން ކުލަބުން ނިންމާފައިވާތީ އެވެ. އަދި އޭނާގެ ބަދަލުގައި ފުރަތަމަ 11ގައި ކުޅުވަން އެސްޕަނިޔޯލްގެ ކީޕަރު ޖޯން ގާސިއާ ލައްވައި ސޮއި ކުރުވުމުންނެވެ.
އަނިޔާގެ ސަބަބުން ޓާސްޓެގަން ހުސްވި ސީޒަނުގައި އެއްގޮތަކަށް ވެސް ނުކުޅެވެއެވެ. މިހެންވެ ބާސެލޯނާއިން ދެކެނީ އުމުރުން 33 އަހަރުގެ ކީޕަރު ދެން ކުރީގެ ފޯމަށް ނާންނާނެ ކަމަށެވެ. ނަމަވެސް ޖަރުމަނުގެ ގައުމީ ކީޕަރު ވިސްނުމަކީ ފާއިތުވެދިޔަ 10 އަހަރު އޭނާ ކުޅުނު ބާސެލޯނާގެ މަގާމު ހޯދަން ވާދަ ކުރަން ކުލަބުގައި މަޑު ކުރުމެވެ. ނަމަވެސް ބާސެލޯނާއިން ބޭނުންވަނީ އޭނާ އެހެން ކުލަބަކަށް ދިއުމަށެވެ.