ޓެކްސް ނެގުމާބެހޭ ޤާނޫނަށް ގެންނަ އިސްލާހުތަކުގެ ސަބަބުން މުސްތަޤިއްލު މަޤާމުތަކުގައި ތިބި މީހުން ހޯދާ ނުހައްޤު މުއްސަންދިކަން ހުއްޓުވުމަށް މަގުފަހިވެގެންދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވަނީ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާޢީލެވެ. މި ބިލުގެ މަޤްޞަދަކީ ޓެކްސް ދައްކަންޖެހޭ ފަރާތްތަކުން ހުށައަޅަންޖެހޭ ޓެކްސް ބަޔާން ހުށަނާޅާ ހާލަތުގައި އެ ފަރާތްތަކުން ދައްކަންޖެހޭ ޓެކުހުގެ މިންވަރު ބިނާކުރުމުގެ އިޚުތިޔާރު މީރާއަށް ލިބިދިނުމާއި، އެކަމާ ބެހޭ އުޞޫލުތައް ޤާނޫނުގައި ހިމެނުމެވެ.
ބިލުގެ އިބްތިދާޢީ ބަހުސްގައި ބިލާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ނާޒިމް ވަނީ، ޤާނޫނަށް ގެންނަ އިސްލާހުތަކުގެ ސަބަބުން މީރާގެ މަސައްކަތްތަށް ދެފުށް ފެންނަ ގޮތަށް ބައްޓަން ވެގެންދާނެ ކަމަށް ވިދާޅުވެފައެވެ. ނާޒިމްގެ ވާހަކަފުޅުގައި ވަނީ މީގެ ކުރިންވެސް ޓެކުހާ ގުޅޭ ބަދަލު ދީފައިވާއިރު، އެކަން ކޮށްފައިވަނީ ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ނޫންކަން ފާހަގަކުރައްވާފައެވެ. ކުރީ ސަރުކާރުގައި ފެނިގެން ދިޔައީ އަމިއްލަ މަސްލަހަތު އޮތް ފަރާތްތަކަށް ކަންކަން ފަހިވާގޮތަށް މަސައްކަތްކުރިތަންކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވަނީ ޤާނޫނަށް މިހާރު ހުށައަޅާފައިވާ އިޞްލާހުގެ ސަބަބުން މިނިވަން މުސްތަޤިއްލު މުޢައްސަސާތަކުގެ ވެރިން ހޯދާ ނުހައްޤު މުއްސަންދިކަން ހުއްޓުވުމަށް މަގުފަހިވާނެކަމަށްވެސް ވިދާޅުވެފައެވެ.
"މިނިވަން މުއައްސާސާތަކުގެ ބޭފުޅުންނާއި މުސްތަޤިއްލު މަޤާމުތަކުގައި ބޭފުޅުން ނުހައްޤު މުސަންދިކަން ހޯދާ އެ މުއްސަނދިކަން ފަތުރާތަން އެބަފެނޭ. އެޕާޓްމެންޓް ގަނެ އެ ފޯރުވާތަން ފެނޭ. އެހެންވީމަ މިކަމަކީ ވަރަށް ރަނގަޅު ދިމާލަކަށް އެޅޭ ފިޔަވަޅެއް" ނާޒިމް ވިދާޅުވިއެވެ.
ބިލުގައި ހުރި އިސްލާހުތަކަށް ތާއިދުކުރައްވާ ވެރިކަން ކުރާ ޕީއެންސީގެ ޕީޖީ ގްރޫޕުގެ ލީޑަރ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙު ވަނީ ބިލުގައި މީރާގެ މުވައްޒަފުން ސިއްރު ހިފެހައްޓަން ޖެހޭ ގޮތަށް އޮވެ އެކަން ނުކުރާނަމަ ޖޫރިމަނާ ކުރެވޭ ގޮތަށް އޮތުމުން އެކަން ފާހަގަކުރައްވާފައެވެ. އޭނާ ވަނީ ކޮމެޓީ މަރުހަލާގައި ޖޫރިމަނާތައް ބޮޑުކުރަން ހުށަހަޅަން ފެންނަކަމަށް ވިދާޅުވެފައެވެ.
ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ގެންނަ ނިންމާފައިވާ އިސްލާހުތަކަށް ރައްޔިތުން މަޖިލީހުގައި ތިއްބެވި އިދިކޮޅު މެންބަރުންވެސް ވަނީ ތާޢިދުކުރައްވާފައެވެ. އެގޮތުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު އަދި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވަނީ މި ބިލުގައި ހުރި އިސްލާހުތަކަކީ މުހިންމު އިސްލާހުތަކެއްކަން ފާހަގަކުރައްވާ އެކަންކަން ތަންފީކުރަން ޖެހޭކަން ފާހަގަކުރައްވާފައެވެ.
ބިލުގެ ބަހުސް މަރުހަލާގައި ބިލާއި ގުޅޭ ގޮތުން ވާހަކަ ދެއްކެވި ހުރިހާމެންބަރުންވެސް ވަނީ ބިލުގެ މުހިންމުކަން ފާހަގަކުރައްވާ ބިލަށް ތާޢީދުކުރައްވާފައެވެ.