ތައުލީމީ ދާއިރާއަކީ ގައުމެއްގެ ކުރިމަގު ބިނާވެގެންދާ އެންމެ މުހިންމު އެއް ދާއިރާއެވެ. ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދިނުމަކީ މުޅި މުޖުތަމައުގެ ޒިންމާއެކެވެ. ބޭންކް އޮފް މޯލްޑިވްސްއިން އަކީ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ތައުލީމު އުނގަންނައިދިނުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް އަބަދުވެސް ހާއްސަ އަހުމިއްޔަތުކަމެއް ދޭ މުއައްސަސާއެއްކަން ފާހަގަކުރެވެއެވެ.
މި އަހަރުގެ މިހާތަނަށް ބޭންކުން ދެ ސްކޫލެއްގެ ސެން ކްލާސްތައް ތަރައްގީކޮށްފައިވެއެވެ. އެގޮތުން ހުޅުމާލޭގައި ހުންނަ ޞަލާޙުއްދީން ސްކޫލާއި ހިރިޔާ ސްކޫލުގެ ސެން ކްލާސްރޫމްތައް ތަރައްގީ ކޮށްފައިވެއެވެ. މި ދެ މަޝްރޫއިން 200 އަށްވުރެ ގިނަ ދަރިވަރުންގެ އުނގެނުމުގެ މާހައުލު ތަރައްގީކޮށް، ވަސީލަތްތައް ފަހިކޮށްދޭފައިވާކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.
ބޭންކުގެ އެހީތެރިކަމާއެކު 2023 ވަނަ އަހަރު ޢިމާދުއްދީން ސްކޫލުގައި ގާއިމުކުރެވުނު ތެރަޕީ ރޫމަކީ އެ ސްކޫލުގެ ސެން ކްލާސްތަކުގައި ކިޔަވާ ދަރިވަރުންނަށް ލިބުނު މުހިންމު ވަސީލަތެކެވެ. މި ތެރަޕީ ރޫމުގައި ސްޕީޗް ތެރަޕީ އާއި އޮކިއުޕޭޝަނަލް ތެރަޕީގެ އިތުރުން ސެންސަރީ އެކްޓިވިޓީސް އަދި ކައުންސެލިންގ ޚިދުމަތްތައް ފޯރުކޮށްދެވޭނެ އިންތިޒާމުތައް ބޭންކުން ގައިމުކޮށްދިނެވެ.
ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ 40 ސްކޫލެއްގެ ސެން ކްލާސްތަކަށް ބޭނުންވާ އާލާތްތައް ބޭންކުން ވަނީ ހަދިޔާކޮށްފައެވެ. މީގެ އިތުރުން އަތޮޅުތެރޭގެ ސްކޫލުތަކުގެ ކޮމްޕިއުޓަރ ލެބްތައް ތަރައްގީކުރުމަށްވެސް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އެ ބޭންކުން ވިދާޅުވެއެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ވިދާޅުވީ ހިލޭސާބަހަށް ކުރާ މަސައްކަތްތަކުގެ ތެރޭގައި ތައުލީމީ ދާއިރާއަށް ހާއްސަ އިސްކަމެއް އެ ބޭންކުން ދޭކަމަށެވެ. އަދި ކުޅިވަރާއި ތިމާވެށްޓާ ގުޅުންހުރި ޕްރޮޖެކްޓްތަކަށްވެސް އިންވެސްޓްކުރަމުން ގެންދެއެވެ. މިފަދަ މަސައްކަތްތަކަކީ މުޖުތަމައުގެ ތަރައްގީއަށް ކޮންމެހެން ބޭނުންވާ ކަންކަމުގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.