ކައުންސިލްތަކުގެ މާލީ ބާރުވެރިކަން އިތުރުކޮށް، މާލީ ބާރުވެރިކަމުގެ ބޭނުން ކައުންސިލްތަކުން ކުރަނީ ޒިންމާދާރުކަމާއެކުގައިކަން ކަށަވަރުކުރުމަކީ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާވެ، ކައުންސިލްތަކަށް ރައްޔިތުންގެ އިތުބާރު ބޮޑުވާނެކަމެއް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު އާދަމް ޝަރީފް މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިސްލާޙުތަކެއް ގެނައުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ސިޓީތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމު ވަރުގަދަކުރުމަށް، އަދި ވަކިން ޚާއްސަކޮށް ކައުންސިލްތަކުގެ މާލީ ބާރުވެރިކަން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ.
ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު @MMuizzu ގެންދަވަނީ ހަރުދަނާ މަސައްކަތްތަކެއް ކުރައްވަމުން.
— Adam Shareef Umar (@Adamshareefz) August 6, 2025
ކައުންސިލްތަކަަށް ފަޅުރަށްތައް ދެއްވުމާއި ރަށްރަށަށް ވަޑައިގެން ކައުންސިލްތަކާ ބައްދަލު…
ކައުންސިލްތަކަށް ފަޅުރަށްތައް ދޫކުރެއްވުމާއި، ރަށްރަށަށް ވަޑައިގެން ކައުންސިލްތަކާއި ބައްދަލުކުރެއްވުމާއި، ކައުންސިލުން ހުށަހަޅުއްވާ ގޮތަށް ކަންކަން ނިންމަވައިދެއްވުމާއި، މަޝްރޫޢުތަކަށް ކައުންސިލްތަކުން ހުށަހަޅުއްވާ ބަދަލުތައް ގެނެސްދެއްވުމަކީ ކައުންސިލްތައް ޙަޤީޤީ މާނައިގައި ބާރުވެރިކޮށް، ރައްޔިތުންގެ އިތުބާރު ކައުންސިލްތަކަށް ލިބިގެންދާނެކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވީރާނާ ވެފައިހުރި 105 ކައުންސިލް އިދާރާ އިމާރާތްކޮށްދެއްވުމަކީ ސީދާ ރައީސް ޑރ. މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ކުރަމުންދާކަމެއް ކަމަށްވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
ހަމަމިއާއެކު، ކައުންސިލްތަކުގެ މާލީ ބާރުވެރިކަން އިތުރުކޮށް، އެ މާލީ ބާރުވެރިކަމުގެ ބޭނުން ކައުންސިލްތަކުން ޒިންމާދާރުކަމާއެކުގައި ކުރާކަން ކަށަވަރު ކުރުމަކީ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާވެ، ރައްޔިތުންގެ އިތުބާރު ކައުންސިލްތަކަށް ބޮޑުވާނެ ކަމެއް ކަމަށް ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.
ކައުންސިލްތަކުގެ މާލީ ޚަރަދުތައް ބެލެހެއްޓުން ހަރުދަނާކުރުމަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިސްލާޙުތަކެއް ގެނެސް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ބިލެއް ފާސްކޮށްފައެވެ. މި ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 51 މެންބަރުންގެ ތާޢިދާއެކުއެވެ.
މި ޤާނޫނަށް ގެނެސްފައިވާ އިސްލާހުތަކުގެ ތެރޭގައި، އަސާސީ ޚިދުމަތް ދިނުމަށް ދޫކޮށްފައިވާ ބިންތަކުން ކުލި ނުނެގޭނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ކައުންސިލްތަކުގެ މާލީ ކަންކަން ހަރުދަނާ ކުރުމަށް ބޭންކް އެކައުންޓެއް ހުޅުވާ ނަމަ އޭގެ ތަފްސީލްތައް މާލީ ވުޒާރާއާއި ހިއްސާކުރުމަށް، ދައުލަތުގެ އިދާރާއަކަށް ދައްކަންޖެހޭ ފައިސާއެއް އޮވެ 6 މަސް ދުވަސް ވެފައިވާނަމަ، ދައުލަތުން ކައުންސިލްތަކަށް ދޭ ގްރާންޓް ދޫކުރަން ވާނީ އެފައިސާ އުނިކުރުމަށް ފަހު ކަމަށް ބިލުގައިއެވެ.
މީގެ އިތުރުން، ކައުންސިލުގެ ދައުރުގެ ފަހު އަހަރު، ކައުންސިލުން އެކައަޅާފައިވާ ތަރައްޤީގެ ޕްލޭންގައި ނުހިމެނޭ ކަންކަން ނުފެށުމަށާއި، މުވައްޒަފުން ނެގުމާއި ބިމާއި ފަޅު އަދި ފަރު ސަރަހައްދު ކުއްޔަށް ދިނުމުގައި ލޯކަލް ގަވަމެންޓް އޮތޯރިޓީން ކަނޑައަޅާ އުސޫލަކުން އެކަންކަން ކުރިއަށް ގެންދިއުމަށްވެސް މި ޤާނޫނުގައި ވަނީ ހިމަނާފައެވެ.