ޚަބަރު

ނޫ އިޤްތިޞާދުގެ ފައިނޭންސިން ފެސިލިޓީއެެއް ސީއެމްޑީއޭއިން ތައާރަފުކޮށްފި


  • މިފެސިލިޓީގެ ބޭނުމަކީ ވިޔަފާރިތަކަށް ފައިސާ ހޯދުމުގައި ހުރި ގޮންޖެހުންތައް ނައްތާލުން

  • މި ފެސިލިޓީ މެދުވެރިކޮށް ވިޔަފާރިތަކަށް ފަންޑު ފޯރުކޮށްދިނުމަށް މަގުފަހިކޮށްދޭނެ

ދިވެހިރާއްޖޭގެ ނޫ އިޤްތިޞާދަށް ހިތްވަރުދިނުމުގެ ގޮތުން "ބްލޫ އިކޮނޮމީ ފައިނޭންސިން ފެސިލިޓީ" ރާއްޖޭގައި ރަސްމީކޮށް ތައާރަފުކޮށްފިއެވެ.

މި ފެސިލިޓީ ތައާރަފުކޮށްފައިވަނީ ދިވެހިރާއްޖޭގެ އިޤްތިސާދަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ކަމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ސީއެމްޑީއޭއިން ވިދާޅުވެއެވެ.

ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް، ޔޫއެންޑީޕީއާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ސީއެމްޑީއޭއިން ގުޅިގެން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހިންގުމަށް ފައިސާ ހޯދުމަށް މަގުފަހިކުރުމުގެ މަގްސަދުގައި ތައާރަފުކުރެވުނު ފެސިލިޓީއެއް ކަމަށެވެ.

މީގެ އިތުރުން، އިނގިރޭސިވިލާތު ސަރުކާރުގެ އެހީތެރިކަމާއެކު ފަރުމާކުރެވިފައިވާ މި ފެސިލިޓީގެ މައިގަނޑު ބޭނުމަކީ، މަސްވެރިކަން، ޓޫރިޒަމް އަދި ކަނޑުފަޅުގެ ވިޔަފާރިތަކާއި ހިދުމަތްތަކުގެ ތެރެއިން "ވެލިއު އެޑެޑް އެންޑް ސަސްޓެއިނަބިލިޓީ އޮރިއެންޓެޑް" ވިޔަފާރިތަކަށް ފައިސާ ހޯދުމުގައި ހުރި ގޮންޖެހުންތައް ނައްތާލުން ކަމަށް ސީއެމްޑީއޭއިން ވިދާޅުވެއެވެ.

ސީއެމްޑީއޭއިން ވިދާޅުވީ، މި ފެސިލިޓީ މެދުވެރިކޮށް ބޭންކުތަކާއި ޕްރިންސިޕަލް އެޑްވައިޒަރުންނާއި މާލީ ހިދުމަތްދޭ ފަރާތްތަކުން ވިޔަފާރިތަކަށް ފަންޑު ފޯރުކޮށްދިނުމަށް މަގުފަހިކޮށްދޭނެ ކަމަށެވެ. އެގޮތުން، އެފަދަ ކުންފުނިތަކުގެ ހަރަދުން ކަނޑައެޅިފައިވާ މިންވަރެއް ކަށަވަރުކޮށްދީގެން ހެޔޮ އަގުތަކުގައި ވިޔަފާރިތަކަށް ފައިސާ ލިބޭނެ އިންތިޒާމު މި ފެސިލިޓީގެ ތެރެއިން ހަމަޖެހިގެންދާނެ ކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.

ސީއެމްޑީއޭއިން ވިދާޅުވީ، ރާއްޖެއަށް ޖޭއެފްއެފް ތައާރަފުކުރުމަކީ ރާއްޖޭގައި ވަރުގަދަ މާލީ އޮނިގަނޑެއް ބިނާކުރުމުގައި ކެޕިޓަލް މާކެޓުގެ ދައުރު ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މީގެ ސަބަބުން ބޭންކިން އާއި ކެޕިޓަލް މާކެޓުން ފަހިކުރެވޭ މަގުތަކުގެ ބޭނުން ހިފައި، ދެމެހެއްޓެނިވި އިންވެސްޓްމަންޓްތައް މެދުވެރިކޮށް "ބްލޫ އެންޑް އިންކްލޫސިވް" އިޤުތިސާދަކަށް ބަދަލުވުމަށް އެހީތެރިވެދޭނެ ކަމަށް ސީއެމްޑީއޭއިން ވަނީ ވިދާޅުވެއެވެ.

ސަރުކާރުގެ މުހިއްމު ސިޔާސަތެއްކަމަށްވާ ބްލޫ އިކޮނޮމީ ނުވަތަ ނޫ އިޤްތިޞާދަކީ އިޤްތިޞާދީ ކުރިއެރުމާއި، ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށް، ވަޒީފާތައް އިތުރުކުރުމަށްޓަކައި ކަނޑުފަޅުގެ ޤުދުރަތީ ވަސީލަތްތަކާއި މާހައުލީ ނިޒާމުތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް އިސްކަންދޭގޮތަށް އެކުލަވާލާފައިވާ ސިޔާސަތެކެވެ.