ޤައުމީ ނިއުސް އޭޖެންސީއާއެކު ރާއްޖޭގެ މީޑީއާތަކަށް ކޮންޓެންޓު އުފެއްދުމުގައި ލުއިތަކެއް ލިބި، އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަޙީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ޕަބްލިކް ސަރވިސް މީޑީއާ، ޕީއެސްއެމް މެދުވެރިކޮށް ރާއްޖޭގެ މީޑިއާތަކަށް ކޮންޓެންޓު ލިބޭނެ އިންތިޒާމު ހަމަޖެހިގެއްސުމަށް އުފައްދާ ޤައުމީ ނިއުސް އެޖެންސީ ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންންނެވެ.
މިއެއްބަސްވުމުގެ ދަށުން ގާއިމްކުރާ ނިއުސް އޭޖެންސީގެ ތެރެއިން މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ޚަބަރާއި މަޢުލޫމާތު ޑިޖިޓަލް ޕޯޓަލްއެއްގެ ތެރެއިން ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ. މި ޚިދުމަތަކީ، ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުން ޚަބަރާއި މައުލޫމާތު، އަދި އެކަމަކާ ގުޅޭ ފޮޓޯ އާއި ވީޑިއޯ ފަސޭހަކަމާއެކު ލިބިގެންދާނެ ޚިދުމަތެކެވެ.
ޤައުމީ ނިއުސް އޭޖެންސީ ޤާއިމުކުރުމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއާއި ޕަބްލިކް ސަރވިސް މީޑިއާއާއިން ސޮއިކުރުމަށްފަހު ވާހަކަފުޅު ދައްކަވަމުން ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަޙީދު ވިދާޅުވީ، ރާއްޖޭގައި މީޑިއާއެއް ފެށައި ކުރިއަށް ގެންދިއުމަށް ގިނަ ހުރަސްތަކެއް ކުރިމަތިވާކަމަށެވެ. އެގޮތުން މަދު މުވައްޒަފުންނާއެކު ކުޑަ ޢާމްދަނީއެއްގައި މީޑިއާއެއް ހިންގަންޖެހޭއިރު އެކަމުގައި ކުރިމަތިވާ ހުރަސްތަކަކީ މީޑިއާތައް ކުރިނާރާ މައިގަނޑު އެއް ސަބަބުކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން ޤައުމީ ނިއުސް އޭޖެންސީގެ އެހީތެރިކަން ލިބެން ފެށުމުން، މަދު މުވައްޒަފުންނާއެކު ރަނގަޅު ކޮންޓެންޓު އުފެއްދުމަށް އަލަށް ގާއިމްކުރެވޭ މީޑިއާތަކަށްވެސް ފުރުޞަތު ލިބިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"ނިއުސް އޭޖެންސީއާއެކު ގިނަ ކޮންޓެންޓު ހިލޭ ލިބޭނެ އިންތިޒާމު ހަމަޖެހޭނެ. އަޅުގަނޑު އުއްމީދުކުރަނީ ރާއްޖެއިން ބޭރުގެ ފަރާތްތަކަށްވެސް މިނިއުސް އޭޖެންސީ މެދުވެރިކޮށް ރާއްޖޭގެ ކޮންޓެންޓު ލިބޭނެ މަގުފަހިވެގެންދިޔުން" ވަޒީރު ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަސްރީން ވަނީ ޕީއެސްއެމްގައި ހުރި ގިނަ ވަޞީލަތްތައް ރާއްޖޭގެ މީޑިއާތައް ތަރައްޤީކުރުމަށް ބޭނުންކުރުމަކީ ކުންފުނީގެ މެނޭޖްމަންޓްގެ މައިގަނޑު ވިސްނުންކަން ފާހަގަކުރައްވާފައެވެ. އަދި މަސައްކަތްކުރާނީ ޤައުމީ ނިއުސް އޭޖެންސީއަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ މީޑިއާތަކާ ބޭނުންކުރެވޭނެ ކޮންޓެންޓު ފޯރުކޯށްދޭނެ ޕްލެޓްފޯމަކަށް ހެދުމަށް ކަމަށް ވިދާޅުވިއެވެ. މި ޕްލެޓްފޯމްގެ ތެރެއިން، ރާއްޖެއިން ބޭރުގެ އެކި ޕްލެޓްފޯމްތަކުގެ ކޮންޓެންޓު ޕީއެސްއެމްއަށް ލިބުމުން ރާއްޖޭގެ މީޑިއާތަކަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަޝްވަރާތައްވެސް ކުރައްވަމުން ގެންދަވާކަމަށް އެމްޑީ ވިދާޅުވިއެވެ.
"އެންމެން އެކުގައި މަސައްކަތްކުރުން އެއީ ޕީއެސްއެމްގެ ވިސްނުން. ޕީއެސްއެމްއަކީ ޕްރައިވެޓް މީޑިއާތަކުގެ ކޮމްޕެޓިޓަރއެއްގޮތަށް ދެކޭނެ ބައެއް ނޫން. މިހާރުގެ އަމާޒަކީ އަދި ވިސްނުމަކީ ރާއްޖޭގެ މީޑިއާ ތަރައްޤީކުރުމަށް ޕީއެސްއެމްގެ ވަޞީލަތްތައް ބޭނުންކުރުން" އެމްޑީ ވިދާޅުވިއެވެ.
ޤައުމީ ނިއުސް އޭޖެންސީގެ ދަށުން ޚަބަރާއި މަޢުލޫމާތު، އެއްތަނަކުން ލިބޭނެ ދައުލަތުގެ ޕްލެޓްފޯމެއް ޤާއިމުކުރެވިގެންދާނެއެވެ. މި އެއްބަސްވުމުގެ ދަށުން މިއޭޖެންސީގެ ޕޯޓަލް ޤާއިމުކުރުމާއި ހިންގައި ބެލެހެއްޓުމާއި، ކޮންޓެންޓް މޮނިޓަރިންގެ މަސައްކަތް ޕީއެސްއެމްއާއި ޒުވާނުން ބާރުވެރިކުރުވުމާއި ބެހޭ ވުޒާރާ ގުޅިގެން ކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި މިޕްލެޓްފޯމްގެ ޑިޒައިން އަދި އެނޫން މަސައްކަތް ނިމި މިހާރުދަނީ ޓެސްޓުކުރުމުގެ މަރުޙަލާގެ މަސައްކަތްތެވެ.
މި ޕްލެޓްފޯމް ޤާއިމުކުރެވުމުން ޕީއެސްއެމް މެދުވެރިކޮށް ރާއްޖޭގެ މީޑިއާތަކަށް ކޮންޓެންޓު ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. އަދި ހަމައެއާއެކު ބޭރުގެ ކޮންޓެންޓުތަކުގެ ތެރެއިން ޕީއެސްއެމްއިން ސަބްސްކްރިޕްޝަން ލިބިފައިވާ އޭވީއެން އަދި ރޮއިޓަރސް ފަދަ ތަންތަނުގެ ކޮންޓެންޓު ދިވެހި މީޑިއާތަކަށް ލިބޭނެ ގޮތް ހެދުމަށްވެސްވަނީ މަސައްކަތް ކުރަމުންނެވެ.