މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ޕްރޮގްރާމު އޮޑިޓު ނުހަދައި، ގްރެޖުއޭޝަންގައި ދަރިވަރުންނަށް ސަނަދު ދެމުންދިޔަ 2 މަރުކަޒަކަށް އެކަން ހުއްޓާލަން އަންގައި ނަސޭޙަތުގެ ނޯޓިސް ފޮނުވައިފިއެވެ.
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވިދާޅުވީ އެމްކިއުއޭގެ ޕްރޮގްރާމު އޮޑިޓު ފުރިހަމަނުކޮށް، ބައެއް މަރުކަޒުތަކުން ގްރެޖުއޭޝަން ބާއްވައި، ދަރިވަރުންނަށް ސަނަދު ދެމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ. އަދި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާ ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާގެ ހުއްދައާއި އެމްކިއުއޭގެ ޕްރޮގްރާމު އޮޑިޓު ނުހަދައި، މޮބައިލްކޮށް ރަށްރަށުގައި ކުރިން އެޕްރޫވްކޮށްފައި ހުރި ޕްރޮގްރާމުތައް ހިންގައި، ސަނަދު ދޭކަންވެސް ސަމާލުކަމަށް އައިސްފައިވާކަމަށްވެސް އެ އޮތޯރިޓީން ވިދާޅުވިއެވެ. އަދި މިހާތަނަށް މިފަދަ 2 މަރުކަޒަކަށް ނަސޭޙަތުގެ ނޯޓިސް ދީފައިވާކަމަށްވެސް އެމްކިއުއޭއިން ވިދާޅުވެއެވެ.
އެފަދަ ސަނަދުތަކަކީ އެމްކިއުއޭއިން ގަބޫލުކުރާނެ ސަނަދުތަކެއް ނޫން ކަމަށާއި އެކަން ނުކުރުމަށް އެފަދަ މަރުކަޒުތަކަށް ނަސޭހަތްތެރިވެފައިވާކަން އެ އޮތޯރިޓީން ފާހަގަކުރައްވައެވެ. އަދި، ފަހުން އެމްކިއުއޭގެ ޕްރޮގްރާމް އޮޑިޓަށް އެ ސަނަދުތައް ހުށަހެޅި ނަމަވެސް، ބަލައިނުގަންނާނެ ކަމަށްވެސް އެ އޮތޯރިޓީން ވިދާޅުވެއެވެ. މީގެ އިތުރުން މުސްތަގުބަލުގައި އެފަދަ އަމަލުތައް ތަކުރާރުކުރާ މަރުކަޒުތަކަށް ފިޔަވަޅު އަޅާނެކަންވެސް އެމްކިއުއޭއިން ވަނީ ހަނދާންކޮށްދީފައެވެ.
މީގެކުރިން ވެސް މިފަދަ މައްސަލަތެއް ފެންމަތިވެފައިވާއިރު މަތީ ތައުލީމާއި ތަމްރީންދޭ 101 މަރުކަޒަކުން ރީ-ރަޖިސްޓްރީ ނުކުރާތީ، އެ ތަންތަނުން ހިންގާ ކޯސްތަކުގެ ސަނަދުތައް ބަލައިނުގަތުމަށް އެ އޮތޯރިޓީން ވަނީ ނިންމަވާފައެވެ.