ކުރިއަށް އޮތް މަހެއްހާ ދުވަހުގެތެރޭގައި ސީދާ އައްޑޫއިން މަސް އެކްޕޯޓު ކުރަން ފަށޭނެކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޓެޑް، މިފްކޯއިން ވިދާޅުވެއްޖެވެ. ދެކުނުގެ މަސްވެރިކަމުގެ ހަބުކަމުގައިވާ އައްޑޫ ފިޝަރީޒް ކޮމްޕެލްކްސް ތަރައްޤީކޮށް ނަފާ އިތުރުކުރުމަށް މަސައްކަތް މިފްކޯއިން ދަނީ ކުރަމުންނެއެވެ. މިހާރު އައްޑޫ މަސް ކާރުޚާނާއަށް ގަންނަ މަސް، އެކްސްޕޯޓުކުރުމަށް ގެންދަނީ ހުވަދު އަތޮޅު ކޫއްޑޫ ކާރުޚާނާއަށެވެ.
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް މިފްކޯގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ގޮންޖެހުންތަކެއް ހުރި ނަމަވެސް އެކުންފުނިން ދަނީ މެދުކެނޑުމެއްނެތ،ި މަސައްކަތް ކުރަމުންނެވެ. މިގޮތުން ދިގު މުއްދަތަކަށް ފަސްކުރެވިފައިވާ އަސާސީ މަރާމާތުތަކާއި ބެލެހެއްޓުމުގެ މަސައްކަތްތަކަށް ތައްޔާރުވުމާއެކު މިފްކޯގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރުމަށް މިހާރު ވަނީ ފަށާފައެވެ.
މަސް ގަތުމާއި ރައްކާކުރުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައ،ި ސަރުކާރުގެ އެހީތެރިކަމާއެކު މަލްޓި ލެޓެރަލް ޑިވޮލޮޕްމަންޓް ފައިނޭންސްގެ އެހީގައި ކެޕޭސިޓީ އިތުރުކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް މިފްކޯއިން ދަނީ ކުރިއަށް ގެންދަމުންކަމަށް އެކުންފުނިން ވިދާޅުވިއެވެ.
މަސް ގަތުމާއި ރައްކާކުރުމުގެ ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތްތައް ކުރިއަށްދާއިރ،ު ގަންނަ މަހަށް ރާއްޖޭގައި ވެލިޔު އެޑްކުރުމުގެ ޤާބިލުކަން ކުރިއެރުވުމަކީ ދައުލަތާއި މިފްކޯގެ އެންމެ މުހިންމު އެއް އަމާޒު ކަމުގައިވެސް މިފްކޯއިން ވިދާޅުވެއެވެ.
މިގޮތުން އައްޑޫއަތޮޅުން ގަންނަ މަސ،ް ހުވަދުއަތޮޅަށް މިހާރު ގެންދިޔުމުގެ ބަދަލުގައ،ި ސީދާ އައްޑޫއަތޮޅުން އެކްސްޕޯރޓް ކުރުމުގެ މަސައްކަތް ކުރިޔަށް އޮތް މަހެއްހާ ދުވަހުގެތެރޭގައި ފެށުމަށް ތައްޔާރުވަމުންދާކަމަށް މިފްކޯއިން ވިދާޅުވިއެވެ. އެކުންފުނިން ވިދާޅުވީ އައްޑޫގައި މަހަށް އަގު އެއްކުރުމުގެ މަސައްކަތްތައް މި އަހަރުގެ ތެރޭގައި ފެށުމަށްވެސް މަސައްކަތް ކުރަމުންދާކަމަށެވެ.
އައްޑޫ ފިޝަރީޒް ކޮމްޕެލްކްސް އަކީ މަސްވެރިންނަށް ނަފާވާ، ރައްޔިތުންނަށް ފައިދާވާ ތަނެއްގެ ގޮތުގައި ހަދައި މަސްވެރިން އަތުން މަސް ގަނެ، މަސް ފިނިކޮށް، ރައްކާކުރުމަށް އުފައްދާފައިވާ ކާރުޚާނާއެކެވެ. 1500 ޓަނުގެ މަސް މި ކާރުޚާނާގައި ރައްކާކުރެވޭނެއެވެ.
މިފްކޯއިން ވިދާޅުވީ މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މަސް ގަތުމަށް ބޭނުންކުރާ އުޅަނދުފަަހަރާއި ހިންގުމަށް ބޭނުންކުރާ އިންފްރާސްޓްރަކްޗާ މެޝިނަރީ އަދި އެހެނިހެން އާލާތްތަކަށް މަޖުބޫރު ރިޕެއާ އެންޑް މެއިންޓެއިނަންސް ވަރަށް ބޮޑަށް ލަސްވުމުގެ ސަބަބުން ކުރިމަތިވެފައިވާ ހުރަސްތައް ކަމަށެެވެ. އެހެންކަމުން ކޮންމެހެން ކުރަންޖެހޭ އަސާސީ މަރާމާތުތަކާއި ބަދަލުކުރަންޖެހޭ ތަކެތި ބަދަލުކުރުމަށް މިފްކޯއިން އިސްކަންދޭ ކަމަށް ވިދާޅުވިއެވެ.
މިފްކޯއިން ވިދާޅުވީ، ގދ. ތިނަދޫގައި މިހާރު ހަދަމުން އަންނަ މަސް ގަންނަ މަރުކަޒު އަންނަ އަހަރު ހުޅުވާ އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތްކުރަމުން އަންނަކަމަށެވެ. އަދި ރާއްޖޭގެ އުތުރާއި ދެކުނުގެ ސަރަހައްދުގައި ބާނާ ބޮޑުކަންނެލި މިފްކޯއިން ގަތުމުގެ މަސައްކަތް ފެށުމަށްވެސް މިހާރު ތައްޔާރުވަމުން އަންނަކަމަށް ސަރުކާރުގެ މަސްކުންފުނި މިފްކޯއިން ވިދާޅުވިއެވެ.
ކުންފުނީގެ ޖުމްލަ އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި މެނޭޖްމަންޓުން އެކި ދާއިރާތަކުން މަސައްކަތްތައް ކުރަމުންދާކަމަށް މިފްކޯއިން ވިދާޅުވިއެވެ.