ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ކަމަދޫގައި އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވައިފި


  • މިއީ އޭޓީއެމް މަޝްރޫޢުގެ ދަށުން އޭޓީއެމް ޚިދުމަތް ޤާއިމް ކުރާ 38 ވަނަ ރަށް

ބ. ކަމަދޫގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވައިދެއްވައިފިއެވެ.

އެމަނިކުފާނު މި އޭޓީއެމް ހުޅުއްވައި ދެއްވީ މާޅޮސްމަޑުލު ދެކުނުބުރީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކަމަދޫއަށް ވަޑައިގެންނެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މި ނިނެމެވުމާ އެއްގޮތަށް ކަމަދޫގައި އޭޓީއެމް ޚިދުމަތް މިވަނީ ޤާއިމްކޮށްފައެވެ. މި އޭޓީއެމްގެ ޚިދުމަތް ފަށްޓަވައި ދެއްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އެމަނިކުފާނުގެ އަރިހުގައި ބޭންކް އޮފް މޯލްޑިވްސް ސީއީއޯ މުހައްމަދު ޝަރީފް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އަދި އޭޓީއެމް ޚިދުމަތް ފެއްޓެވުމަށް ފަހު ހަނދާނީ ބޭންކް ކާޑެއް ރަށު ކައުންސިލާއި ވަނީ ހަވާލުކުރައްވާފައެވެ. ކަމަދޫ ކައުންސިލުގެ ފަރާތުން މިކާޑާއި ހަވާލުވެވަޑައިގެންނެވީ ކައުންސިލުގެ ރައީސް، ޙަސަން ޒަރީރުއެވެ.

ކަމަދޫ ބަހައްޓާފައިވަނީ 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމަޢު ކުރުމުގެ ޚިދުމަތް ލިބޭ ސެލްފް ސާވިސް އޭޓީއެމްއެކެވެ. މީގެ އިތުރުން ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ޚިދުމަތް އޭޓީއެމް މެދުވެރިކޮށް ލިބޭނެކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ދިނުމަށް ބޭންކް އޮފް މޯލްޑިވްސް އަދި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މިމަޝްރޫޢުގެ ތެރެއިން މިހާތަނަށް ޖުމްލަ 6 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ވަނީ ފަށާފައެވެ. މިހާތަނަށް ހުރިހާ ރަށެއްގައި މި ޚިދުމަތް ޤާއިމްކުރެވުނު އަތޮޅުތަކަކީ ހއ. އަތޮޅާއި، ށ. އަތޮޅާއި ދ. އަތޮޅާއި ނ. އަތޮޅާއި މ. އަތޮޅުގެ އިތުރުން ކ. އަތޮޅެވެ. ބޭންކް އޮފް މޯލްޑިވްސް އިން ވަނީ މިއަހަރު ނިމޭއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 250 އަށް ވުރެ ގިނަ އޭޓީއެމްއިން ޚިދުމަތް ދެމުންދާނެ ކަމަށް ވިދާޅުވެފައެވެ.