ކޮންމެ އަހަރެއްގެ އޮގަސްޓްމަހުގެ އެއްވަނަ ދުވަހުން ފެށިގެން ހަތްވަނަ ދުވަހުގެ ނިޔަލަށް ހިނގާ ހަފްތާ ފާހަގަކުރަނީ "ދުނިޔޭގެ ގާތުން ކިރުދިނުމުގެ ހަފްތާ" ގެ ގޮތުގައެވެ. މި ހަފްތާގެ ދުނިޔޭގެ ސަތޭކަ ވިހި ޤައުމެއްގައި އިސްކަންދީގެން ފާހަގަކުރެއެވެ. މިކަމުގެ ސަބަބުތައް ވަރަށްވެސް ގިނައެވެ. ގާތުން ކިރުދިނުމަކީ، ކޮންމެ ތުއްތު ކުއްޖެއް ދުޅަހެޔޮކަންމަތީ ހެދި ބޮޑުވުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ކަންތައްތަކެވެ. އަދި މައިމީގާގެ ގާތުންދޭ ކިރަކީ، ތުއްތު ކުއްޖާގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ދެމެހެއްޓުމާއި، ކުއްޖާގެ ހެދިބޮޑުވުމަށް އޮތް އެންމެ ރަނގަޅު، އަދި ފައިދާ ކުރަނިވި ކާނާއެވެ.
ގާތުން ކިރުދިނުމުގެ މުހިއްމުކަމާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން "ދުނިޔޭގެ، ގާތުން ކިރުދިނުމުގެ ހަފްތާ" އެއް ފާހަގަކުރަން ފަށާފައިވަނީ 1992 ވަނަ އަހަރުއެވެ. މި މަސައްކަތް ފަށާފައިވަނީ ވާރލްޑް އެލަޔަންސް ފޯރ ބްރެސްޓްފީޑިންގ އެކްޝަން ކިޔާ ޖަމްޢިއްޔާއެއްގެ އިސްނެގުމުގެ ދަށުންނެވެ.
img:http://s1.psmnews.mv/images/660x400/14705818737857.jpg|ގާތުން ކިރުދިނުމުގެ ދުވަސް ފާހަގަކުރުމަށް ޗައިނާގައި ބޭއްވި ޙަރަކާތެއްގެ ތެރެއިން- ފޮޓޯ: ޒިންހުއާ
"ދުނިޔޭގެ، ގާތުން ކިރުދިނުމުގެ ހަފްތާ" ގެ މި އަހަރުގެ ޝިޢާރަކީ "ގާތުން ކިރުދިނުން: ދެމެހެއްޓެނިވި ތަރައްޤީގެ އެއް އަސާސް"އެވެ. މިއަހަރުގެ ޝިޢާރު ގުޅުވާފައި މިވަނީ މިދިޔަ އަހަރު ޤައުމުތަކުން ފާސްކުރި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާއެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު ފާސްކޮށްފައިވާ މި 17 ލަނޑުދަނޑީގެ މައިގަނޑު ޢަމާޒަކީ ފަޤީރުކަން ނައްތާލައި، ދުނިޔޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި، ތަރައްޤީއަށް މަގުފަހިކުރުމެވެ. މި އަހަރުގެ "ދުނިޔޭގެ، ގާތުން ކިރުދިނުމުގެ ހަފްތާ" ގެ ޝިޢާރު، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާ ގުޅުވާފައި މިވަނީ، ގާތުން ކިރުދިނުމާއި، ދެމެހެއްޓެނިވި ތަރައްޤީއާ ހުރި ގުޅުމާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައެވެ.
"ދުނިޔޭގެ، ގާތުން ކިރުދިނުމުގެ ހަފްތާ" އާ ގުޅިގެން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް މާގްރެޓް ޗެން އަދި ޔުނިސެފްގެ އެގްޒެކެޓިވް ޑިރެކްޓަރ އެންތޮނީ ލޭކްގެ މެސެޖްގައި ފާހަގަކުރައްވާފައިވާ ގޮތަށް، ޅަފަތުގައި ކުދިން މަރުވާ ނިސްބަތް މަދުކުރުމާއި، މައިމީހާ އަދި ކުޑަދަރިފުޅުގެ ޞިއްޙަތު ކަށަވަރުކުރުން މިއީ ހަމަ ކޮންމެ ޤައުމެއްގެ ކޮންމެ ރައްޔިތެއްގެވެސް އެންމެ ބޮޑު އެއް އުންމީދަށްވާނެއެވެ.
img:http://s2.psmnews.mv/images/660x400/14705819637387.jpg|މީހަކު ކުޑަކުއްޖަކަށް ގާތުން ކިރުދެނީ- ފޮޓޯ: ޒިންހުއާ
މިހާ ހިސާބުން، ގާތުން ކިރުދިނުމުގެ ސަބަބުން މައިމީހާއާއި ކުޑަދަރިފުޅުގެ ޞިއްޙަތަށް އެކަމުން ލިބޭ ފައިދާތަކަށް ބަލާލުން މުހިއްމެވެ. ގާތުންދޭ ކިރަކީ، ތުއްތު ކުއްޖާއަށް ލިބޭ އެންމެ ފުރަތަމަ އަދި އެންމެ މުހިއްމު ކާނާއެވެ. ފުރަތަމަ ހަ މަސްދުވަހު ގާތުން ކިރުދިނުމަކީ ތުއްތު ކުއްޖާގެ ޞިއްޙަތު ދުޅަހެޔޮކަންމަތީ ދެމެހެއްޓުމަށް އެޅޭ އެންމެ މުހިއްމު ފިޔަވަޅެވެ. އެއީ، ތުއްތު ކުއްޖާ ނުރައްކާތެރި ބަލިތަކުން ސަލާމަތްކޮށްދީ، ރައްކާތެރިކަން ފޯރުކޮށްދޭ އެންމެ މުހިއްމު ވަޞީލަތެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، ފުރަތަމަ ހަ މަސްދުވަހު ގާތުން ކިރުދިނުމުން، ނުރައްކާތެރި ވައިރަސްތަކާއި، އިންފެކްޝަންތައް، އަދި މެނިންޖައިޓިސް ފަދަ ނުރައްކާތެރި ބަލިތަކުން ތުއްތު ކުއްޖާ ސަލާމަތްކޮށްދެއެވެ. މީގެއިތުރުން ދުވަސްނުފުރާ ވިހާކުދީންނަށް ގާތުން ކިރުދިނުމުން، އެކުދިން ހެދިބޮޑުވުމަށް އެހީތެރިވެދީ އަދި ބޮޑުވަމުން އަންނައިރު ރަނގަޅު ޞިއްޙަތެއްގައި ދެމިހުރުމަށް މަގުފަހިކޮށްދެއެވެ. އަދި ގާތުން ކިރުދިނުމުގެ ސަބަބުން ތުއްތު ކުއްޖާއަށް ލިބޭ ނަފްސާނީ ފައިދާތައްވެސް ފާހަގަކޮށްލަންޖެހެއެވެ. މިއީ، މައިމީހާއާއި ތުއްތުކުއްޖާއާ ދެމެދު އޮންނަ މައިވަންތަކަމުގެ ގުޅުން އިތުރުކޮށްދޭ ވަރަށް މުހިއްމު ކަމެކެވެ. އަދި، މިއީ ތުއްތު ކުދިން ނަފްސާނީ ބަލިތަކުން ދުރުކޮށްދޭ، ތުއްތު ކުދިންގެ ހަށިގަނޑުގެ ދިފާޢީ ނިޒާމް ވަރުގަދަކޮށްދޭ އެންމެ ރަނގަޅު ކާނާވެސްމެއެވެ.
img:http://s1.psmnews.mv/images/660x400/14705819975128.jpg|ގާތުން ކިރުދިނުމުގެ ދުވަސް ފާހަގަކުރުމަށް ޗައިނާގައި ބޭއްވި ޙަރަކާތެއްގެ ތެރެއިން- ފޮޓޯ: ޒިންހުއާ
ގާތުން ކިރުދިނުމުގެ މުހިއްމުކަމާމެދު ހޭލުންތެރިކަން އިތުރުކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކި ނަންނަމުގައި ގިނަ ކެމްޕެއިންތަކެއް ކުރިއަށް ގެންދެއެވެ. ނަމަވެސް، ހިތާމައާއެކު ފާހަގަކޮށްލަންޖެހޭ ނުކުތާއަކީ، ފުރަތަމަ ހަމަސްދުވަހު ގާތުން ކިރުދެނީ އުފަންވާ ކުދިންގެ ތެރެއިން ތިރީސް ހަތަރެއް އިންސައްތަ ކުދީންނަށްކަމެވެ. މިކަމުގައި ވަރަށް ގިނަ ސަބަބުތަކެއްވެސް އެބަހުއްޓެވެ. އޭގެތެރޭގައި، ހޭލުންތެރިކަން ކުޑަވުމާއި، ޢާއިލާގެ މެމްބަރުންނާއި، މުޖުތަމަޢުން ލިބޭ އެއްބާރުލުން ކުޑަވުން ފާހަގަކޮށްލެވެއެވެ. ގާތުން ކިރުދިނުމާބެހޭ ޚާއްޞަ ހަފްތާއެއް ފާހަގަކުރަމުންދާ މިފަދަ ދަނޑިވަޅެއްގައި، މިކަމުގެ މުހިއްމުކަން ދެނެގަނެ، މިކަމުގައި މައިންނާއި ތުއްތު ކުދިންނަށް އެއްބާރުލުންދީ އެހީތެރިވުމަކީ ހަމަ ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއެކެވެ.