ޚަބަރު

ރާއްޖޭގެ 60 ވަނަ މިނިވަންދުވަހާއި ގުޅިގެން 60 ރުއް އިންދުމުގެ ހަރަކާތެއް


  • މި ހަރަކާތުގެ ތެރެއިން ދަނޑުވެރިކަމާއިބެހޭ ވަޒީރު ވަނީ ރުކެއް އިންދަވާފަ

  • މިއީ ދަނޑުވެރިކަމާއިބެހޭ ވުޒާރާއާއި އެޗްޑީސީ ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެއް

ދިވެހިރާއްޖޭގެ 60 ވަނަ މިނިވަންދުވަހާއި ގުޅިގެން 60 ރުއް އިންދުމުގެ ހަރަކާތެއް ހުޅުމާލޭ ފޭސް 2 ގައި ކުރިއަށްގެންގޮސްފިއެވެ.

މި ހަރަކާތަކީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާއިބެހޭ ވުޒާރާއާއި ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީ ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

ދިވެހިރާއްޖޭގެ 60 ވަނަ މިނިވަންދުވަހާއި ގުޅިގެން 60 ރުއް އިންދުމުގެ ހަރަކާތް ޝަރަފްވެރިކޮށްދެއްވީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާއިބެހޭ ވަޒީރު މަރިޔަމް މާރިޔާއެވެ.

މި ހަރަކާތް ފެއްޓެވުމުގެ ގޮތުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާއިބެހޭ ވަޒީރު މަރިޔަމް މާރިޔާ ވަނީ ރުކެއް އިންދަވާފައެވެ. އެކަމަނާގެ އިތުުރުން މި ހަރަކާތުގައި ދިވެހިބަހާއި ސަޤާފަތާއި ތަރިކައާއިބެހޭ ވުޒާރާގެ އިސްވެރިންނާއި ފަތުރުވެރިކަމާއި ތިމާވެއްޓާއިބެހޭ ވުޒާރާގެ އިސްވެރިންގެ އިތުރުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާ އަދި އެޗްޑީސީގެ އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ. މީގެއިތުުރުން، ސްކޫލްކުދިންނާއި އިސްރަށްވެހިންވެސް މިހަރަކާތުގައި ބައިވެރިވެ، ރުއް އިންދާފައިވެއެވެ.

މި ހަރަކާތުގެ ތެރެއިން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާއިބެހޭ ވަޒީރު މަރިޔަމް މާރިޔާ ވަނީ ރުއް އިންދުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ރަށްރަށުގައި ރުއް އިންދާ، ރުއް އާލާކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެކަމަނާ އަލިއަޅުއްވާލެއްވިއެވެ.

" ހުރިހާ އަތޮޅަކުންވެސް އަޅުިގަނޑުމެންނާއި އެކީގައި ބައިވެރިވެގެން ހަމަ ރުއް އިންދަމާ އުޅޭށޭ. ރުކަކަކީ އަޅުގަނޑުމެންގެ ޤައުމީ އަދި މާދަރީ ރުއް. އަޅުގަނޑުމެން އެބަ އިތުރުވެސް ކުރަންޖެހޭ އަޅުގަނޑުމެން އޭގެން މަންފާވެސް ހޯދަންޖެހޭ، އެހެންމަ އަޅުގަނޑު ވަރަށް އުފާކޮށްފިން މިކަންތައް މިއަދު ކުރެވުނީތީ. އަޅުގަނޑު އުއްމީދުކުރަނީ އަތޮޅުތަކުންވެސް ވަރަށް ޝައުޤުވެރިކަމާއެކު ރުއް އިންދާ ރުއް އާލާކޮށް އަޅުގަނޑުމެންނަށް ކާއްޓައި ކުރުނބާއާއި މިކަހަލަ މަންފާތައް އިތުރަށް ލިބުން". ވަޒީރު މަރިޔަމް މާރިޔާ ވިފދާޅުވިއެވެ.

ހުޅުމާލޭގައި ކުރިއަށްގެންދިޔަ 60 ރުއް އިންދުމުގެ ހަރަކާތަކީ ސަރުކާރުން ފައްޓަވާފައިވާ 5 މިލިޔަން ގަސް އިންދުމުގެ ހަރަކާތުގެ ތެރެއިން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. ސަރުކާރުން ފައްޓަވާފައިވާ ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް ހަ ލައްކައާއި ގާތްކުރާ އަދަދަކަށް ގަސް ވަނީ އިންދާފައިވެއެވެ.