އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އެންމެ ފަހުން ނެރެފައިވާ ޑެއިލީ އަޕްޑޭޓް ރިޕޯޓުގައިވާގޮތުން މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން ރާއްޖެއަށް ވަނީ 205،130 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު %15.1 އިތުރު އަދަދެކެވެ.
ތަފާސްހިސާބުތައް ދައްކާގޮތުގައި މިމަހުގެ ފުރަތަމަ 10 ދުވަސްތެރޭ ރާއްޖެއަށް ވަނީ 66،418 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އަދި އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ މުޅި ޖުމްލަ 1.3 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 1.2 މިލިޔަން ފަތުރުވެރިންނާ އަޅާ ބަލާއިރު %9.1 އިތުރު އަދަދެކެވެ.
ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމަކީ ޗައިނާއެވެ. އަދި ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމަކީ ރަޝިއާއެވެ.
* ޗައިނާ: 205،130 ފަތުރުވެރިން
* ރަޝިއާ: 161،290 ފަތުރުވެރިން
* އިނގިރޭސިވިލާތް: 126،111ފަތުރުވެރިން
ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 6،642 ފަތުރުވެރިން އާދެއެވެ. މިދިޔަ އަހަރު ރާއްޖެއަށް 2 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ. އަދި މިއަހަރު ނިމުމުގެ ކުރިން 2.3 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް ސަރުކާރުންވަނީ އަމާޒު ހިފާފައެވެ. މި އަމާޒު ހާސިލްކުރުމަށް ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްޤީކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.