ޚަބަރު

ތުޅާދޫގައި 100 ފްލެޓު އެޅުމުގެ މަޝްރޫޢު މިއަހަރު ހިންގާނަން: ރައީސް


  • ތުޅާދޫގެ ތަރައްޤީއަށް ވެފައިވާ ހުރިހާ ވަޢުދެއް، ފުއްދުމަކީ އެންމެ އިސް ޒިންމާކަމަށް ވިދާޅުވި

  • ތުޅާދޫގެ މަގުހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށި ކާމިޔާބުކަމާއެކު ނިންމަވައިދެއްވާނެކަމަށް ވިދާޅުވި

  • 100 ފްލެޓުގެ އައު މަޝްރޫޢު ޓެންޑަރިންއަށް ހުޅުވާލައި ބަޔަކު ކުރިމަތިލާފައިވާކަމަށްވެސް ވިދާޅުވި

ތުޅާދޫގައި 100 ފްލެޓު އިމާރާތްކުރުމުގެ މަޝްރޫޢެއް މިއަހަރު ހިންގަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ތުޅާދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެރަށުގެ ތަރައްޤީއަށް މުހިންމު ވަޢުދުތަކެއް ވެފައިވާކަން ފާހަގަކުރައްވައި އެ ހުރިހާ ވަޢުދެއް، ފުއްދުމަކީ އެންމެ އިސް ޒިންމާކަމަށް ވިދާޅުވެފައެވެ. އަދި އެއީ މުޅި ސަރުކާރުން ސަމާލުކަން ދީގެން ކުރާކަމެއްކަމަށާއި، އެކި މަޝްރޫޢުތައް ކުރިއަށްދަނީ އެކި ދުވަސްވަރު ފަހިކުރެވޭ މަސައްކަތުންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ތުޅާދޫގެ މަގުހެދުން މިހާރު އާރުޑީސީއާ ހަވާލުކޮށްފައިވާކަން ފާހަގަކުރައްވަމުން ވިދާޅުވީ، އެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށި ކާމިޔާބުކަމާއެކު ނިންމަވައިދެއްވާނެކަމަށެވެ.

ރައީސްގެ އެއް ވަޢުދަކީ ގެދޮރު ބިނާކުރުންކަމަށާއި، މިދިޔަ ސަރުކާރުގައި ފެށި މަޝްރޫޢުގައި މައްސަލަތަކެއް ހުރެ ކޯޓުން ހުުކުމެއް ކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ވުމާއެކު އެއަށް ކުރެވޭނެ ކަމެއް ސަރުކާރުގައިވެސް ކައުންސިލުގައިވެސް ނެތްކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް 100 ފްލެޓުގެ އައު މަޝްރޫޢެއް ތުޅާދޫގައި ހިންގަވާނެކަމަށް ރައީސް ވިދާޅުވިއެވެ. މިހާރު އެ މަޝްރޫޢު ޓެންޑަރިންއަށް ހުޅުވާލައި ބަޔަކު ކުރިމަތިލާފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެ މަޝްރޫޢުގެ ޕޮއިންޓު ދިނުން ކުރިއަށްދާނީ ރައްޔިތުން އެދޭގޮތަށް ކައުންސިލުން ކަނޑައަޅާގޮތަށް ވުޒާރާއިން ފާސްކޮށްގެންކަމަށެވެ.

މީގެ އިތުރުން ތުޅާދޫގައި އަމިއްލައަށް ބައެއް ފަރާތްތަކުން ހިއްކާފައިވާ 119 ގޯތި އެބައޮތްކަމަށާއި، އެ ގޯތިތައް އަމިއްލަ ކުރުމަށް ހުށައަޅާފައިވާތީ އެކަންވެސް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

ރައީސް ވަނީ ސިއްޙީ ދާއިރާއިންނާއި ތަޢުލީމީ ދާއިރާއިން އަދި ކުޅިވަރުގެ ދާއިރާއިންވެސް ވެފައިވާ ވަޢުދުތައް ފުއްދާވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އޭގެތެރެއިން ގިނަ މަސައްކަތްތައް މިއަހަރު ފެށޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން އަންހެނުންގެ ބަލިތަކުގެ ޑޮކްޓަރަކާއި ކުޑަކުދިންގެ ބަލިތަކުގެ ޑޮކްޓަރެއް ވަރަށް އަވަހަށް ތުޅާދޫގައި ޤާއިމްވެތިބެ ޚިދުމަތް ދިނުން ހަމަޖެހޭނެކަމަށް ރައީސް ވިދާޅުވިއެވެ.

"ޖުމްލަކޮށް ސިއްޙީ ދާއިރާ ތަރައްޤީކުރުމަށް އަންނަ އަހަރު ބަޖެޓުގައި މުވައްޒަފުން ހޯދުމާއި ވަސީލަތް ހޯދުންވެސް އެބައޮތް" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެއިތުރުން ޕިކްނިކްދާ ރަށަކަށް އެނބޫދޫ ހަމަޖައްސަން ރައްޔިތުން އެދޭކަން ފާހަގަކުރައްވާ ރައީސް ވަނީ އެރަށް އޮތީ ޓޫރިޒަމަށް 21 އަހަރަށް ދީފައިކަމަށެވެ. ވުމާއެކު ދައުލަތަށް ގެއްލުން ނުވާގޮތަށް އެ ރަށް ޕިކްނިކް ރަށަކަށް ކަނޑައަަޅައިދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ތުޅާދޫގެ ތަރައްޤީއަށް ވެފައިވާ ހުރިހާ ވަޢުދެއް ފުރިހަމަކޮށް ރައްޔިތުންގެ އުންމީދު ހަގީގަތަކަށް ހައްދަވައިދެއްވާނެކަމަށް ވިދާޅުވެފައެވެ.