ޚަބަރު

ފަޤީރު ހާލަތުގައި އެކަނި ދަރިން ބަލަހައްޓާ ފަރާތްތަކަށް ޖުލައިމަހު 4 މިލިޔަން ރުފިޔާ


  • ފަގީރު ހާލަތުގައި އުޅޭ 697 ފަރާތަކަށް ކާބޯތަކެތި ގަތުމަށް 25600 ރުފިޔާ ދޫކޮށްފައިވޭ

ފަޤީރު ހާލަތުގައި އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް މިދިޔަ ޖުލައިމަހު 4 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެންސްޕާއިން އާންމުކޮށްފައިވާ ޖުލައިމަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ފަޤީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ 2863 މައިން ނުވަތަ ބަފައިންނަށް މިދިޔަ ޖުލައިމަހު މާލީ އެހީ ދީފައިވެއެވެ. އަދި މިއެހީ ހޯދުމަށް އެދި 35 މީހަކު އަލަށް ރަޖިސްޓްރީކޮށްފައިވާއިރު 68 ކުޑަކުދިންވެސް މިއެހީ ހޯދުމަށް އެދި އަލަށް ރަޖިސްޓްރީކޮށްފައިވެއެވެ.

އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 4898 ކުއްޖަކަށް މާލީ އެހީ ލިބޭއިރު ހުސްވި ޖުލައިމަހި އެކަނިވެސް މިފަދަ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 4908000 (ހަތަރު މިލިޔަން ނުވަ ލައްކަ އަށްހާސް ރުފިޔާ) ވަނީ ދޫކޮށްފައެވެ.

ފަޤީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަަކު ބަލަހައްޓާ ކުދިންނަށާއި އެކުދިން ބަލަހައްޓާ ބެލެނިވެރިންނަށްވެސް ހުސްވި ޖުލައިމަހުވަނީ 172500 ރުފިޔާ ދޫކޮށްފައެވެ. އެންސްޕާއިން ހާމަކުރައްވާފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން ފަޤީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހެއްގެ ދަރިން ބަލަހައްޓާ 93 ބެލެނިވެރިއަކަށް މާލީ އެހީ ލިބޭއިރު މިއެހީ 162 ކުޑަކުއްޖަކަށްވެސްވަނީ ދީފައެވެ. އަދި މިއެހީއަށް އެދި 3 ބެލެނިވެރިއަކުވަނީ އަލަށް ރަޖިސްޓްރީކޮށްފައެވެ.

މީގެއިތުރުން ފަޤީރު ހާލަތުގައި ދިރިއުޅޭ 697 ފަރާތްތަކަށް ކާބޯތަކެތި ގަތުމަށް މިދިޔަ ޖުލައިމަހު ވަނީ 25600 ރުފިޔާ ޚަރަދުކޮށްފައެވެ.

އެންސްޕާއިން އަންނަނީ އެކި ކަންކަމުގައި މާލީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީދިނުމުގެ ގޮތުން ތަފާތު އެކި ޕްރޮގްރާމްތައް ހިންގަމުންނެއެވެ.

މީގެތެރޭގައި ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމްގެ އިތުރުން ފަޤީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމް، ފަޤީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެކުދިން ބަލަހައްޓާ ފަރާތަށް ދެވޭ އެހީގެ ޕްރޮގްރާމް ހިމެނެއެވެ. އަދި ފަޤީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމްގެ އިތުރުން އިޖުތިމާޢީ ސިއްހީ އިންޝުއަރެންސް ސްކީމްވެސް ހިމެނެއެވެ.