ޚަބަރު

ތުޅާދޫގައި ޤާއިމްކުރާ ކަލްޗަރަލް ސެންޓަރުން ސަޤާފީ ފަންނުތައް ދަސްކޮށްދޭނެ


  • މިމަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ

  • މިއީ 24.4 މިލިޔަން ރުފިޔާގެ މަޝްރޫއެއް

ތުޅާދޫ ކަލްޗަރަލް ސެންޓަރަކީ ސަޤާފީ ހުނަރުގެ ފަންނުތަށް ދަސްކޮށްދޭ ގޮތަށް ތަރައްޤީ ކުރާ ތަނެއް ކަމުގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާޅޮސްމަޑުލު ދެކުނުބުރީގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ތުޅާދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއާ ވަނީ ބައްދަލުކުރައްވާފައެވެ.

އެ ރަށު ރައްޔިތުންނާއި އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން ތުޅާދޫގައި ކަލްޗަރަލް ސެންޓަރެއް ޤާއިމްކުރުމަށް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ. އިޤްތިޞާދީ ވުޒާރާގެ ބެއްލެވުމުގެ ދަށުން ކުރިއަށްދާ މިމަސައްކަތަކީ، ދިވެހިރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ޤާއިމްކުރުމާއި، ދިވެހިންގެ އުފެއްދުންތެރިކަން އިތުރުކޮށް ޘަޤާފީ މަސައްކަތްތައް ދިރުވައި އާލާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތު އަދި އެމަނިކުފާނުގެ ތަޞައްވުރުގެ ތެރެއިން ކުރިއަށް ގެންދެވޭ މަސައްކަތެއް ކަމަށް އެވުޒާރާއިން ވިދާޅުވިއެވެ. މިތަން ނިމުމުން މި މަރުކަޒުގައި ލިޔެލާޖެހުމާއި، އަތްތެރި މަސައްކަތާއި، ގެތުން އަދި ލަކުޑީގެ މަސައްކަތް ފަދަ ސަގާފީ ހުނަރުވެރި ފަންނުތަކަށް ތަމްރީނު ދެވޭނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

ތުޅާދޫ ކަލްޗަރަލް ސެންޓަރު މަސައްކަތުގެ އެއްބަސްވުމުގައި އިޤްތިޞާދީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ، އަލްއުސްތާޛު ޢަބްދު ޝިޔާޒެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، އަޙްމަދު ސަޢުދީއެވެ.

މިމަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ، 24.4 މިލިޔަން ރުފިޔާއަށް 420 ދުވަސްތެރޭ ނިންމާގޮތަށެވެ. 2 ފަންގިފިލާއަަކަށް ތަރައްޤީކުރާ މި ސެންޓަރުގައި ކެފޭއެއް އަދި ހިތްފަސޭހަކޮށްލުމަށް ޖާގަ ހުންނާނެ ކަމަށް އެމްޓީސީސީން ވަނީ ވިދާޅުވެފައެވެ.

ލިޔެލާ ޖެހުމާއި އެހެނިހެން ދިވެހިވަންތަ މަސައްކަތްކުރުމަށް ޤައުމީ ފެންވަރުގެ މަރުކަޒެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން ދިވެހިރާއްޖޭގެ ތާރީޚާއި ޘަޤާފަތާ ގުޅިފައިވާ ލިޔެލާ ޖެހުމާއި އަތްތެރި މަސައްކަތް ދަސްކޮށްދޭ މަރުކަޒެއް ބ. ތުޅާދޫގައި ޤާއިމްކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ނިންމުމާއި އެއްގޮތަށެވެ.