ޚަބަރު

ޒަކާތު ޤާނޫނާއެކު ޒަކާތު ފަންޑުން އިންވެސްޓްކުރެވޭނެ: ވަޒީރު ޝަހީމް


  • ޒަކާތު ބިލުން ޒަކާތް ދައްކަންޖެހޭ ފަރާތްތައް ޤާނޫނުން ކަނޑައެޅޭނެ

  • ޒަކާތު ފަންޑުން ޝަރުޢީ ހަމަތަކުގެ މަތިން އިންވެސްޓްކުރަން ފުރުސަތު ލިބޭނެ

ޒަކާތު ބިލް ފާސްވުމުން ޒަކާތު ފަންޑުން ޝަރޫޢީ ހަމަތަކާއި އެއްގޮތަށް އިންވެސްޓްކޮށް، ޒަކާތް ހައްޤުވާ ފަރާތްތަކަށް ދައުލަތުން ކުރަން ޖެހޭ ޚަރަދުތަކަށް ލުޔެއް ލިބިގެންދާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ޒަކާތު ބިލާއި ގުޅޭގޮތުން މީޑިއާތަކާއި ހިއްސާ ކުރެއްވި މެސެޖެއްގައެވެ.

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ޒަކާތުގެ ބިލަކީ، އިސްލާމްދީނުގައި ޒަކާތް ޝަރުޢުކޮށްފައިވާ މަޤުޞަދުތައް ޙާސިލުކުރެވޭނެ ގޮތެއްގެ މަތިން ޒަކާތުގެ ކަންކަމާ ގުޅޭ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމާއި ޤާނޫނުގެ ދަށުން ދައްކަންޖެހޭ ޒަކާތުގެ ބާވަތްތަކާއި ޒަކާތް ދެއްކުން ލާޒިމުވާ ފަރާތްތަކާއި ޒަކާތް ދެއްކުން ލާޒިމުވާ މުދަލުގެ ބާވަތްތައް ކަނޑައެޅުމުގެ މަގުސަދުގައި އެކުލަވާލާފައިވާ ބިލެކެވެ. މީގެ އިތުރުން ދިރިއުޅުމުގެ ހަމަހަމަކަމާއި އިޖުތިމާޢީ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާގެ ބޭނުން ފުރިހަމަގޮތުގައި ހިފޭނެ ގޮތެއްގައި މަތިން ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމާއި އެ ފައިސާ ބޭނުންކުރުމާ ގުޅޭ ޢާންމު އުޞޫލުތައް ކަނޑައެޅުމަކީވެސް ބިލުގެ މަޤުޞަދެކެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، މި ބިލް ފާސްވުމުން ދައުލަތަށް ލުޔެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ޝަރުޢީ ހަމަތަކުގެ މަތިން ޒަކާތު ފަންޑުން އިންވެސްޓްކުރުމަކީ ހުއްދަކަމެއްކަން ފާހަގަކުރައްވާ ވަޒީރު ޝަހީމް ވަނީ، އެގޮތަށް އިންވެސްޓްކުރުމުން ޒަކާތް ހައްޤުވާ ފަރާތްތަކުގެ އެންމެހާ ކަމެއް ވެސް ހިލޭ ފޯރުކޮށްދެވޭނެކަމަށް ވިދާޅުވެފައެވެ.
މިގޮތުން ފަޤީރުންގެ ދަފްތަރުގައިވާ ފަރާތްތަކުގެ ބޯހިޔާވަހިކަމާއި ބޭސްފަރުވާ ފޯރުކޮށްދިނުމަށް ފަސޭހަވެގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިފަންޑު ޒަމާނާއި އެއްގޮތަށް ތަރައްޤީވެ، ރާއްޖެއިން ފަޤީރުކަން ނައްތާލައި އިޖްތިމާޢީ ތަނަވަސްކަމަށް ފަންޑު މަގުފަހިކޮށްދޭނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ވިދާޅުވިއެވެ.

މި ބިލު ޤާނޫނަކަށް ވުމުން ރާއްޖޭގެ ޒަކާތުގެ ނިޒާމަށް ޤާނޫނީ އޮނިގަނޑެއް ލިބޭނެ ކަމަށް ވިދާޅުވެ، ވަޒީރު ވަނީ މި ބިލް އެކުލަވައިލާފައިވަނީ ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތަށް ކަމަށް ވިދާޅުވެފައެވެ. އަދި ދާއިރާގައި ކުރިއަރާފައިވާ އިސްލާމީ ޤައުމުތައް ކަމަށްވާ މެލޭޝިޔާއާއި ކުވައިތު، ޔޫއޭއީ މިޞްރު ފަދަ ޤައުމުތައް ނަމޫނާއަކަށް ބަލައިގެން ޤާނޫނު ފަރުމާކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ޒަކާތުގެ ބިލުގައި ފިޠުރު ޒަކާތާއި މުދަލު ޒަކާތް ދެއްކުން ލާޒިމުވުމުގެ ޝަރުތުތައް އެ މީހެއްގެ ކިބައިގައި ފުރިހަމަވެއްޖެ ކޮންމެ މީހަކު ޤާނޫނާއި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ބަޔާންކުރާ ގޮތުގެ މަތިން ޒަކާތް ދައްކަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ޒަކާތުގެ ނިސާބު ކަނޑައަޅަންޖެހޭ ގޮތްތަކާއި ޒަކާތް ދައްކާ މީހާގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކާއި ޒަކާތް ލިބޭ މީހުންނަކީ ކޮބައިކަންވެސް ބިލުގައި ކަނޑައަޅާފައިވެއެވެ.

މި ބިލް މަޖިލީހަށް ބަލައިގަނެ ބިލް ދިރާސާ ކުރުމަށް މިހާރު ވަނީ ކޮމެޓީއަށް ފޮނުވާފައެވެ.