204 ބައިވެރިންނާއެކު ގައުމީ އެތުލެޓިކްސް މުބާރާތް ފަށައިފިއެވެ. މިއީ މިގޮތަށް ބާއްވާ 34 ވަނަ މުބާރާތެވެ.
މިއަދުން ފެށިގެން ހޮނިހިރު ދުވަހާ ހަމައަށް މިމުބާރާތް ކުރިއަށްދާނީ މާފަންނު ކުޅިވަރު އެކުވެނީގައެވެ. މި މުބާރާތުގައި ކުރިއަށްދާ އިވެންޓުތަކުގެ ތެރޭގައި ސްޕްރިންޓު އިވެންޓުތަކާއި، މިޑްލް ޑިސްޓެންސް އިވެންޓުތަކުގެ އިތުރުން ޖަމްޕު އަދި ތުރޯ އިވެންޓުތައްވެސް ކުރިއަށްދާނެކަމަށް މޯލްޑިވްސް އެތުލެޓިކްސް އެސޯސިއޭޝަންގެ ސެކްރެޓެރީ ޖެނެރަލް އަހުމަދު މުންތަގިމްވަނީ ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވާފައެވެ.
"މިމުބާރާތުގައި އެތުލެޓިކްސްގަ ހަމަ އާންމުކޮށް މިބާއްވާ ހަމަ ހުރިހާ އިވެންޓްސްތަކެއް ކުރިއަށްދާނެ، ދެން އޭގެ ތެރޭގައި ސްޕްރިންޓްސް އިވެންޓްސްތަކާއި، މިޑްލް ޑިސްޓެންސް އަދި ޖަމްޕު، ތުރޯވެސް ހަމަ ހިމެނިގެންދާނެ" މުންތަގިމް ވިދާޅުވިއެވެ.
ގައުމީ އެތުލެޓިކްސް މުބާރާތް ކުރިއަށްދާނީ މިއަދުން ފެށިގެން ހޮނިހިރު ދުވަހާ ހަމައަށެވެ. އެގޮތުން ހެނދުނާ ހަވީރު ހިމެނޭހެން ދެ ދަންފަޅިއަކަށް މުބާރާތް ކުރިއަށްދާއިރު، ކޮންމެ ދަންފަޅިއެއްގެ ދެ ގަޑިއެއްހާއިރަށް ދިގު ދެމިގެންދާނެކަމަށް މުންތަގިމު ފާހަގަކުރެއްވިއެވެ.
34 ވަނަ ގައުމީ އެތުލެޓިކްސް މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވިފައިވަނީ މޯލްޑިވްސް އެތުލެޓިކްސް އެސޯސިއޭޝަންގެ މެމްބަރު ކުލަބުތަކަށް އެކަންޏެވެ. އެގޮތުން މިމުބާރާތުގައި އެއެސޯސިއޭޝަނުގެ 20 ކުލަބަކުން އަންނަނީ ވާދަކުރަމުންނެވެ. މުބާރާތް ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 07:00 އިން 09:30 އަށް އަދި ހަވީރު 04:00 އިން 06:00 އަށް މާފަންނު ކުޅިވަރު އެކުވެނީގައެވެ.