ރަށްރަށުގެ މަގުތައް ތާރުއަޅައިގެން ތަރައްޤީކުރުމަށް ސަރުކާރުން މަޖުބޫރުނުކުރާނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި އެއަތޮޅު ދޮންފަނަށް ވަޑައިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުގައެވެ.
ވަޒީރު ވިދާޅުވީ ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި ކައުންސިލްތަކާ ބައްދަލުކުރައްވާ ރައްޔިތުން ބޭނުންވާ މައްސަލަތައް ހައްލުކުރަމަށް ސަރުކާރުން އިސްކަން ދެއްވާނެކަމަށާއި ރައްޔިތުން ބޭނުންވާ ގޮތަށް މަޝްރޫޢުތައް ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވާކަމަށެވެ.
އެގޮތުން މިފަދަ ބައްދަލުވުންތަކުގައި ލޯކަލް ޓުއަރިޒަމް ހިންގަމުންދާ ރަށްތަކުގައި ވެލި މަގުތައް ބޭއްވުމަށްފަހު ފެންބޮޑުވުން ފަދަ މައްސަލަތައް ހައްލުކުރުމަށް ބޭނުންވާ ވެހިކަލްތަކާއި މަގު މެއިންޓެއިން ކުރުމަށް ބޭނުންވާ އާލާތްތައް ހޯދައިދިނުމަށް ހުށަހަޅުއްވާކަމަށެވެ. ނަމަވެސް އޭރު އެއްވެސް ކައުންސިލްއަކުން އެކަމަށް ސީދާ އެއްބަސްވެފައެއް ނެތްކަމަށާއި އެހެންކަމުން ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދިޔައީ ރައްޔިތުން އެގޮތަށް ބޭނުން ނުވާކަމަށް ބަލައި މަގުތައް ތާރު އަޅައިގެން ތަރައްޤީކުރުމަށްކަމަށެވެ.
ނަމަވެސް މިހާރު ބައެއް ކައުންސިލްތަކުން އެރަށްރަށުގެ މަގުތައް ހެދުމުގެ ބަދަލުގައި މަގު ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލްތައް ހޯދައިދިނުމަށް އެދެމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މިހާތަނަށް 3 ކައުންސިލުން އެގޮތަށް އެދިފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"ޚަރަދުވެސް ކުޑަ އަދި ރަށުގެ ރައްޔިތުންނަށްވެސް އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ބޭނުންވާ ކަންކަން ހާސިލްކުރުމަށް މަގުފަހިވާގޮތަކަށް ކުރަން ރައްޔިތުން ބޭނުންވާކަމުގައި ވަނީނަމަ އަޅުގަނޑުމެން ޓެކްނިކަލީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ކޮށްފައި ފެންބޮޑުވާ މައްސަަލަ ހައްލުކޮށް އަދި މަގުތައް މެއިންޓެއިންކުރުމަށް ބޭނުންވާ އާލަތްތައް ހޯދައިގެން ކުރިއަށްގެންދެވޭނެ ގޮތްތައް ހޯދައިދެވޭނެ. އެއީ ނިސްބަތުން ޚަރަދުވެސް ކުޑަގޮތަކަށް އަދި ރަށު ރައްޔިތުންނަށް ރަށުގެ ހިތްގައިމުކަން ބޭއްވުމަށްފަސޭހަވެގެންދާނެކަމެއް." އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރަށްރަށުގެ މަގުތައް ތާރުއަޅައިގެން ތަރައްޤީކުރުމަށް ސަރުކާރުން މަޖުބޫރު ނުކުރާނެކަމަށެވެ. އޭގެ ބަދަލުގައި ރަށަށް އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ފައިދާވާނެ ގޮތަކަށް ކަންކަން ކުރިއަށްގެންދަވާނެކަމަށެވެ. އެގޮތުން މަގުތައް ތާރު އަޅައިގެން ތަރައްޤީ ކުރުމުގެ ބަދަލުގައި ރައްޔިތުންނަށް ބޭނުންވާ ކަންކަން ކައުންސިލް މެދުވެރިކޮށް މަގުތައް ބެލެހެއްޓުމުގެ ކަންކަން ކުރިއަށް ގެންދާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.