ބ. މާޅޮހު ސްކޫލަށް ޖާގަ އިތުރުކުރުމަށް ސްކޫލުގެ ގޯތީގައި ޖާގަ ނެތުމުން، ރައްޔިތުން އެދޭނަމަ އައު ސްކޫލެއް އަޅައިދިނުމަށް ސަރުކާރު އޮތީ ތައްޔާރަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މާޅޮހު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. އެ މަޝްރޫޢު ހިންގުމަށް ބަޖެޓުވެސް ހަމަޖެހިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި މާޅޮހަށް ވަޑައިގަނެ، ރައްޔިތުންނަށް ދަތިވާ ވަރަށް ގިނަ ކަންކަމަށް ހައްލު ހޯދައިދޭނެކަމަށް ވަޢުދުވެވަޑައިގެންފައިވާނެކަމަށާއި، އެކަންކަން އިޚްލާސްތެރިކަމާއެކު ފުއްދަދިނުމަށް މަސައްކަތްކުރައްވާކަމަށެވެ.
އެގޮތުން މާޅޮހުގެ ބަނދަރުގެ މަޝްރޫޢުއަކީ އެންމެ އިސްކަންދެއްވައިގެން ހައްލު ހޯދައިދޭނެކަމަށް ވިދާޅުވި މަޝްރޫޢުކަމަށާއި، އެ މަޝްރޫޢު އިތުރަށް ހަލުވިކޮށް އަވަހަށް ނިންމައިދޭނެކަމަށް ރައީސް ވިދާޅުވިއެވެ. އެ މަޝްރޫޢާ ގުޅިގެން ވަރަށް ގިނަ މަޝްރޫޢުތައް ކުރިއަށް ގެންދަން ޖެހޭ ކަމަށާއި، އެގޮތުން ރަށް ގިރުމުގެ މައްސަލަ ހައްލުކުރަމަށް ތައްޔާރުވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެރަށުގެ ބަނދަރާއެކު އިންޖީނުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުންވެސް ކުރިއަށް ގެންދަވާނެކަމަށެވެ.
އިންޖީނުގެ ބަދަލުކުރުމާއި، ރައްޔިތުން އެދޭގޮތަށް ފުޓުބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަސައްކަތް ހިންގަމުންދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ދަނޑުގައި ހުރިހާ ވަސީލަތްތައް ޤާއިމްކޮށްދޭނެކަމަށެވެ.
“މިއަހަރު ތެރޭގައި ބިން ހަމަޖެހިފައި އޮތީ. ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު އެޅުމަށް، އެ މަސައްކަތް މިއަހަރު ފެށޭނެ. އައުޓްޑޯ ޖިމުގެ މަސައްކަތްވެސް މިއަހަރު ފެށޭނެ.”ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
މާޅޮހަށް އޮތް އަނެއް ދައްޗަކީ އެރަށް އަޑިކޮށް އޮތުމުން ފެންހެދުމުގެ މައްސަލައެއްކަމަށާއި، އެއީ ޓެކްނިކަލް ދިރާސާއެއްކުރަންޖެހޭކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. އެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ޕަމްޕިން ނިޒާމެއް ޤާއިމްކޮށް، މުޅި މައްސަލައަށް ހައްލު ހޯދައިދޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ މާޅޮހުގައި ފުލުހުންގެ މަރުކަޒު ޤާއިމްކުރުމުގެ އަމަލީ މަސައްކަތް ފެށިފައިވާކަން ފާހަގަކުރައްވާ މިއަހަރު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ މަސައްކަތް ފެށި ބައެއް ރަށްރަށުގައި ނިމޭނެކަމަށްވެސް ވިދާޅުވެފައެވެ. މިއީ ކުދި ރަށްރަށަށް ކުރިން އިސްކަން ނުދިނުމުގެ ސަބަބުން ނުކުރެވިހުރި މަސައްކަތްކަމަށާއި، އެމަނިކުފާނަށް އާބާދީ ކުޑަނަމަވެސް ހުރިހާ ރައްޔިތުން ހަމަހަމަކަމަށް ރައީސް ވިދާޅުވިއެވެ.
މާޅޮހުގެ ސިއްޙީ މަރުކަޒުގެ މަސައްކަތްވެސް މިހާރު ބަޔަކާ ހަވާލުކޮށްފައިވާއިރު، ހުރިހާ ޚިދުމަތަކާއެކު އެ މަސައްކަތްވެސް ވަރަށް އަވަހަށް އަމަލީގޮތުން ފެށޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާލުވީ މާޅޮހު ސްކޫލަށް މަލްޓިޕާޕަސް ހޯލާއި، ކްލާސްރޫމާއި، ސްޓާފް ރޫމާއި ސައިންސްލެބްފަދަ ވަސީލަތް ބޭޏުންވާކަމށެވެ. ނަމަވެސް ސްކޫލަށް ޖާގައިގެ ދަތިކަން ގޯތިތެރޭގައި އޮތްކަން ސްކޫލުން ފާހަގަކޮށްފައިވާތީ، ސްކޫލާ ރައްޔިތުން ހުށައަޅާގޮތަށް ކުރިއަށްދާނެކަމަށް ވިދާޅުވިއެވެ.
“ބިން ދެއްކުމުން ވަކި ސްކޫލެއް އައު ސްކޫލެއްގޮތަށް ހޫށައެޅުއްވިޔަސް، ތައުލީމީގޮތުން އަޅާންޖެހޭ އިމާރާތް އަޅައި، ވަސީލަތް ޤާއިމްކުރުމަށް ސަރުކާރު އޮތީ ތައްޔާރަށް. ރައްޔިތުން ބޭނުންވާ ގޮތް ހުށައެޅުމުން އެކަން ފަށާނަން.”
މި މަސައްކަތަށް ބަޖެޓުގެ ދަތިކަމެއްވެސް ނެތްކަމަށް ރައީސް ވިދާޅުވިއެވެ. އަދި މާޅޮހު ރައްޔިތުން އެދޭގޮތަށް މަގު ހެދުންވެސް ކުރިއަށްގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
މާޅޮހުގެ ރައްޔިތުންގެ ތަރައޤީއަށް ވަރަށް އިސްކަންދީގެން އަދި އިތުރު ކަންކަން ފުރިހަމަކުރުމަށްވެސް ސަރުކާރުން އޮންނާނީ ރައްޔިތުންނާ އެކުކަމަށާއި، ހުރިހާކަމެއް ފުރިހަމަކޮށްދޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވިއެވެ.