ޚަބަރު

ރިސޯޓް ވޮލީ ޗެމްޕިއަންޝިޕްގެ ތަށި ރީތިރަށަށް


ރިސޯޓް ވޮލީބޯލް ޗެމްޕިއަންޝިޕް 2025 ގެ ފައިނަލްގައި ފޯސީޒަން ކުޑަހުރާ ބަލިކޮށް ވަން އެންޑް އޮންލީ ރީތި ރަށުން ޗެމްޕިއަންކަން ހޯދައިފިއެވެ.

ރީތިރަށުގެ އިތުރުން ޖޯލި ބީއިން، ފޯ ސީޒަން ކުޑަހުރާ، ކޮންރެޑް، ސަންސިޔާމް އޮޅުވެލި އަދި ވިލަމެންދޫ ވާދަކުރި ރިސޯޓް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފައިނަލްމެޗު، ރިސޯޓް ވޮލީ ލީގުގައި މުޅިން އަލަށް މިއަހަރު ބައިވެރިވި ރީތި ރަށުން ކާމިޔާބުކުރީ 3-1 ސެޓުން ފޯ ސީޒަން އެޓް ކުޑަހުރާ ރިސޯޓް ބަލިކޮށްގެންނެވެ.

ނޯތު މާލޭ ލީގުގެ ޗެމްޕިއަންކަންވެސް ހޯދި ރީތި ރަށުން މި މެޗުގެ ފުރަތަމަ ސެޓު ގެންދިޔައީ 27-15 ހުންނެވެ. ދެވަނަ ސެޓުގައި ކުޑަހުރާއިން ކުޅުން ރަނގަޅުކޮށް 25-22 ން އެ ސެޓް ކާމިޔާބުކުރިއެވެ. އެހެންނަމަވެސް ތިންވަނަ ސެޓު 25-18 ން ފަސޭހަކަމާއެކު ގެންދިޔައީ ރީތިރަށުންނެވެ. ދެޓިމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ ހަތަރުވަނަ ސެޓު ރީތިރަށުން ކާމިޔާބުކުރީ 26-24 ންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ރީތި ރަށުގެ ލަންކާގެ ކުޅުންތެރިޔާ ކަވިޝަކާއެވެ.

ހުކުރު ދުވަހު ހަވީރު ނިމިގެންދިޔަ ރިސޯޓް ވޮލީ ޗެމްޕިއަންޝިޕް 2025 ގެ ޑްރީމް ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ:
1. ކަވިޝްކަރ - ބެސް އައުޓްސައިޑް އެޓޭކަރ، ވަން އެންޑް އޮންލީ ރީތިރަށް
2. ހުސެއިން ޔޫސުފް- ބެސްޓް މިޑްލް ބްލޮކަރ، ފޯސީޒަން ކުޑަހުރާ
3. މުހައްމަދު އަގީލް - ބެސްޓް މިޑްލް ބްލޮކަރ، ވަން އެންޑް އޮންލީ ރީތިރަށް
4. ބެސްޓް ސެޓަރ - ހުސެއިން ނަސީރު، ފޯސީޒަން ކުޑަހުރާ
5. އަބުދުﷲ ހުސެއިން - ބެސްޓް އޮޕޮސިޓް ޕްލޭޔަރ، ފޯސީޒަން ކުޑަހުރާ
6. އަހުމަދު ނަބީލް - ބެސްޓް ލިބަރޯ، ވަން އެންޑް އޮންލީ ރީތިރަށް
7. ޔައިޝް މުހައްމަދު ޝިހާމް - މޯސްޓް ޕްރޮމިސިން ޕްލޭޔަރ، ވަން އެންޑް އޮންލީ ރީތިރަށް
8. މޯސްޓް ވެލިއުބަލް ކޯޗު: ސްމިތް ޖަޔަލާލް، ވަން އެންޑް އޮންލީ ރީތިރަށް
9. މޯސްޓް ވެލިއުބަލް ޕްލޭޔަރ - ކަވިޝްކަރ، ވަން އެންޑް އޮންލީ ރީތިރަށް

ރިސޯޓް ވޮލީ ލީގާއި ރިސޯޓް ވޮލީ ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާލާފަިއވާއިރު މިއީ މި މުބާރާތްތ ބާއްވާ ދެވަނަ އަހަރެވެ. އދ، ބ، އަދި ނޯތް މާލޭ ލީގާއި، ސައުތު މާލޭ ލީގުގައި ފޯރީގައި ކުރިޔަށް ގެންދިޔަ މި މުބާރާތްތަކަކީ ވޮލީބޯލް އެކަޑަމީ އޮފް މޯލްޑިވްސް އިން ރިސޯޓްތަކާއި ގުޅިގެން އިންތިޒާމުކުރި މުބާރާތެކެވެ.

ޗެމްޕިއަން ޓީމާއި، ރަނަރަޕް އަދި ތިންވަނައަށް ހޮވުނު ފަރާތްތަކަށްވެސް ބޮޑެތި ފައިސާގެ އިނާމުތައް ހުށަހެޅި މި މުބާރާތުގެ ކުޅުން ކުރިޔަށް ގެންދިޔައީ، ސަން ސިޔާމް އޮޅުވެލި ރިސޯޓާއި، ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގެ އިތުރުން އަމިއްލަ މޯލްޑިވްސް އަދި އދ، ދަނގެތީގައެވެ.