ޚަބަރު

ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން 55 ކައުންސިލް އިމާރާތްކުރުން އާރުސީސީއަށް


  • 55 ކައުންސިލެއްގެ އައު އިމާރާތުގެ މަސައްކަތް މި މަހު ފަށާނެ

  • 11 މަސް ދުވަހުގެ ތެރޭގައި ހުރިހާ ކައުންސިލެއްގެ މަސައްކަތް ނިންމާނެ

ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކައުންސިލް އިމާރާތް އެޅުމުގެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން، އާރުސީސީއާ ހަވާލުކޮށްފިއެވެ. އެ ކުންފުންޏާ ހަވާލުކުރީ 55 ކައުންސިލް އިމާރާތް އެޅުމަށެވެ.

އަތޮޅުތެރޭގެ 55 ކައުންސިލްގެ އައު އިމާރާތް އެޅުމުގެ މަސައްކަތް ސަރުކާރުން ފުރަތަމަ ހަވާލުކުރީ މެލޭޝިއާގެ ހެކްސްޓަރ ގްލޯބަލް ކުންފުންޏާއެވެ. ނަމަވެސް ކައުންސިލްތަކުން ހުށަހެޅި ބަދަލުތައް މަޝްރޫއަށް ގެނައުމަށް އެ ކުންފުނިން ބޭނުން ނުވުމުން އެ އެއްބަސްވުން ބާތިލުކޮށް ދިވެހި ކުންފުންޏަކާ ހަވާލުކުރުމުގެ މަސައްކަތް ފެށިކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވިޅުވީ ޖުލައި މަހުއެވެ.

މިއާއެކު ކައުންސިލް އިމާރާތްކުރުމުގެ މަސައްކަތް މިހާރު ވަނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށް ގެންދިއުމަށް އާރުސީސީއާ ޙަވާލުކޮށްފައެވެ. އެ މަސައްކަތް އާރުސީސީއާ ހަވާލުކުރީ 631 މިލިޔަން ރުފިޔާއަށެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މި ހިނގާ އޯގަސްޓް މަހުގެ ތެރޭގައި ފެށުމަށް އެއްބަސްވެފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް 11 ވަރަކަށް މަސްދުވަހުގެތެރޭގައި އެ މަޝްރޫއުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް ޢިމާރާތް ނިމޭއިރު، ގޯތީގެ ވަށާފާރު ރާނައި، އޮފީހަށް ބޭނުންވާ ފަރުނީޗަރުވެސް ހުންނާނެ ކަމަށްވެސް ސިޓީތަކާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ބާވެ ވީރާނާވެފައިވާ ކައުންސިލް ޢިމާރާތްތައް ތަރައްގީކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން 100އަށް ވުރެ ގިނަ ރަށުގައި މި ދައުރުގެ ތެރޭގައި ކައުންސިލް ޢިމާރާތް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

55 ކައުންސިލް އިމާރާތުގެ އިތުރުން، އިތުރު 50 ކައުންސިލްގެ އައު އިމާރާތުގެ މަސައްކަތްވެސް ކުރިއަށްގެންދިއުމަށް ވަނި ނިންމާފައެވެ. މި ކައުންސިލްތަކުގެ މަސައްކަތް ކުރިއަށްގެންދަނީ ޗައިނާގެ ހިލޭ އެހީގެ ދަށުންނެވެ. އެގޮތުން، އެ މަޝްރޫއުގެ ލެޓާ އޮފް އެކްސްޗޭންޖުގައި ޗައިނާގެ ސަރުކާރާއެކު ދިވެހި ސަރުކާރުން މިދިޔަ މެއި މަހު ވަނީ ސޮއިކޮށްފައެވެ.