ޚަބަރު

"ބީމް އިނިޝިއޭޓިވްއާއެކު މީޑިއާގެ ދާއިރާގައި ބާރުވެރި، ޤާބިލު މުވައްޒަފުންތަކެއް ބިނާކުރެވޭނެ"


  • ބީމް އިނިޝިއޭޓިވްއަށް އެހީ ފޯރުކޮށްދިނުމަށް 4 ފަރާތަކާއެކު އެއްބަސްވުންތަކެއް އެކުލަވާލާފައިވޭ

  • ބީމް އިނިޝިއޭޓިވްގެ ދަށުން މީޑިއާގައި މަސައްކަތްކުރާ މީހުން ތަމްރީންކުރެވޭނެ

ބިލްޑް، އެޑިއުކޭޓް، އެޑްވާންސް، މޯޓިވޭޓް، ބީމް ޓްރެއިނިން އިނިޝިއޭޓިވްއާއެކު މީޑިއާގެ ދާއިރާގައި ބާރުވެރި، ޤާބިލު މުވައްޒަފުންތަކެއް ބިނާކުރެވޭނެކަމަށް މި ޕްރޮޖެކްޓުގައި ބައިވެރިވާ ކޮލެޖުތަކުން ބުނެފިއެވެ.

ބީމް ޓްރެއިނިން އިނިޝިއޭޓިވްއަކީ މީޑިއާގެ ދާއިރާއިން ޕަބްލިކް ސަރވިސް މީޑިޔާގެ މުވައްޒަފުންނާއި މިދާއިރާއިން މީހުން ތަމްރީންކުރުމަށް މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް، އެމްއެމްއައިގެ ދަށުން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓަށް އެހީ ފޯރުކޮށްދިނުމުގެ ގޮތުން އެކި ކޮލެޖުތަކާއެކު ވަނީ އެއްބަސްވުންތައް އެކުލަވާލާފައެވެ.

ބީމް އިނިޝިއޭޓިވް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ވިދާޅުވީ އެއްބަސްވުމުގެ ދަށުން ޕީއެސްއެމް މުވައްޒަފުންނަށް އަމާޒުކޮށް ތަފާތު ޓްރެއިނިން ޕްރޮގުރާމްތައް ކުރިއަށްގެންދެވޭނެ ކަމަށެވެ. އަދި ޔުނިވަރސިޓީއަށްވެސް ޕީއެސްއެމްގެ ފަރާތުން އެކި އެހީތައް ލިބޭނެކަމަށް ޢަލީ ޒާހިރު ވިދާޅުވިއެވެ.

"އުންމީދުކުރަނީ އެމްއޯޔޫގެ ތެރެއިން މެނޭޖްމެންޓާއި ލީޑަރޝިޕާއި ކޮމިޔުނިކޭޝަން ސްކިލްސްއާ ގުޅޭ ޕްރޮގުރާމްތައް ފުރިހަމަކުރުމުގެ ފުރުޞަތު ފަހިވާނެކަމަށް. މި އެމްއޯޔޫގެ ސަބަބުން ފަހި މަގުތަކެއް ޔުނިވަސިޓީއަށް ހުޅުވިގެންދާނެ" ޑރ. ޢަލީ ޒާހިރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އެވިޑް ކޮލެޖުގެ ފަރާތުން ވާހަކަދައްކަވަމުން ޗެއަރމަން ޢަބްދުﷲ މުޝްތާޤު ރަޝާދު ވިދާޅުވީ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ މީޑިއާއަށް އިތުރު ކުރިއެރުމެއް ގެނެސްދިނުމަށްޓަކައި މަސައްކަތްކުރެވޭނެ ކަމަށެވެ. އަދި ޕީއެސްއެމްގެ މުވައްޒަފުންނަށް އަމާޒުކޮށް މޯޓިވޭޝަނަލް ޕްރޮގުރާމްތަކެއް އެވިޑް ކޮލެޖުން ކުރިއަށްގެންދާނެކަމަށް ރަޝާދު ވިދާޅުވިއެވެ.

"މި ޕްރޮގުރާމްގެ ތެރެއިން އެއްބައިވަންތަކަމާއި ލީޑަރޝިޕް ކޮލިޓީސް އެކުލެވުމަށްޓަކައި މަސައްކަތްކުރާނަން." ރަޝާދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިއާންޒް، އެމްއައި ކޮލެޖްގެ ފައުންޑަރ އަދި ޗެއަރމަން އަޙްމަދު މޮއްޓަކީ ވިދާޅުވީ ޕީއެސްއެމްގެ މުވައްޒަފުން ތަމްރީންކުރުމުގެ ފުރުޞަތު ލިބުމުން އުފާކުރާ ކަމަށެވެ. އަދި ތަފާތު ގިނަ ޕްރޮގުރާމްތަކެއް ކޮލެޖުން މިހާތަނަށް އައިރު ލޯންޗުކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"ބެޗްލަރ އޮފް ސައިންސް އިން އާޓިފިޝަލް އިންޓަލެޖެންސް އެންޑް މެޗިން ލާނިން ވަނީ ތަޢާރަފުކޮށްފައި. މިނޫނަސް މީޑިއާގެ ދާއިރާއިން މީހުން ތަމްރީންކުރެވޭނެ ގިނަ ޕްރޮގުރާމްތަކެއް ކޮލެޖުގައި އެވަހުރި." މޮއްޓަކީ ވިދާޅުވިއެވެ.

ބީމް އިނިޝިއޭޓިވްގެ ދަށުން ޕީއެސްއެމްއިން ވަނީ އޮސްޓްރޭލިއަން ބްރޯޑްކާސްޓިން ކޯޕަރޭޝަން، އޭބީސީއާއެކުވެސް އެއްބަސްވުމެއްގައި ސޮއިކުރުމަށް ނިންމާފައެވެ. މިކަމާ ގުޅޭގޮތުން އޮސްޓްރޭލިޔާގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖެސަޕް ވިދާޅުވީ މީޑިއާ ބާރުގވެރިކުރުވުމާއި ވަރުގަކުރުމަށް ކުރިއަށް އޮތްތަނުގައި އޭބީސީއާއެކު ޕީއެސްއެމްއިން ގާތުން މަސައްކަތްކުރުމުގެ މަގުފަހިވާނެ ކަމަށެވެ. އަދި ތަމްރީންވުމުގެ ޚަރަދުތައް އޮސްޓްރޭލިޔާގެ ސަރުކާރުން ހަމަޖެއްސުމަށް މަސައްކަތްކުރައްވާނެކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

"އޭބީސީ މެދުވެރިކޮށް، އޮސްޓްރޭލިއަންގެ ކޮންޓެންޓްތައް ފޯރުކޮށްދިނުމާއި އެކި ފުރުޞަތުތައް ފަހިވެގެންދާނެ." ސަފީރު ވިދާޅުވިއެވެ.

ބީމް ޓްރެއިނިން އިނިޝިއޭޓިވްގެ ދަށުން ޕީއެސްއެމްގެ އިތުރުން މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ތަމްރީންވުމުގެ ފުރުޞަތުތައް ފަހިވާނެއެވެ. މި އިނިޝިއޭޓިވްގެ ދަށުން ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދޭނެއެވެ. މިއީ ރާއްޖޭގެ މީޑިއާގެ ދާއިރާ ކުރިއެރުވުމަށް ޕީއެސްއެމްއިން ފެށި މަސައްކަތެކެވެ. މި ރަސްމިއްޔާތުގައި ޕީއެސްއެމުން ވަނީ ޔޫތު މިނިސްޓްރީއާއި އިސްލާމީ ޔުނިވަރސިޓީއާއި އެވިޑް ކޮލެޖް އަދި އެމްއައި ކޮލެޖާއިއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ބީމް ޓްރެއިނިން އިނިޝިއޭޓިވް ރަސްމީކޮށް ލޯންޗްކުރިނަމަވެސް މި އަހަރުގެ އޭޕްރީލު މަހުން ފެށިގެން ތަމްރީންތައް ދަނީ ކުރިއަށްގެންދަމުންނެވެ.