ޚަބަރު

ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ އިންސެޕްޝަން ރިޕޯޓް ސްޓޭކްހޯލްޑަރުންނާ ހިއްސާކޮށްފި


  • މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ މެތޮޑޮލޮޖީ ހިއްސާކުރި

  • ސްޓޭކްހޯލްޑަރުންގެ ބައިވެރިވުން ހޯދުމުގެ މަސައްކަތް ރާވާފައިވާ ގޮތް ބައިވެރިންނާ ހިއްސާ ކުރި

  • މި ބައްދަލުވުމުގައި 7 ވުޒާރާއަކުން ބައިވެރިވި

ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާމުގުގެ މަސައްކަތް ފެށުމުގެ ގޮތުން އިންސެޕްޝަން ރިޕޯޓް ގުޅުންހުރި އިދާރާތަކާއި ހިއްސާކޮށް މަސައްކަތް ކުރިއަށް ދާނެ ގޮތް، އެމަސައްކަތް ކުރިއަށްގެންދާ ނެކްސިއާއިން ހިއްސާކޮށްފިއެވެ.

އުމަރު ޒާހިރު ބިލްޑިންގައި އޮތް މި ބައްދަލުވުމުގައި ނެޝަނަލް ޑެވެލޮޕްމަންޓް ޕްލޭން އެކުލަވާލުމަށް މަސައްކަތް ރާވާފައިވާ ގޮތާއި ސްޓޭކްހޯލްޑާރ އެންގޭޖްމަންޓް ސްޓްރެޓެޖީ ހުށަހަޅާ ދެއްވީ ނެޝަނަލް ޑެވެލޮޕްމަންޓް ޕްލޭން ޕްރޮޖެކްޓްގެ ޓީމް ލީޑަރު ހާމިދު ޞާދިގުއެވެ.

އިންސެޕްޝަން ރިޕޯޓު ބައިވެރިންނާ ހިއްސާކުރުމާ އެކު މި މަޝްރޫއުގައި މަސައްކަތް ކުރައްވާ ކޯ ގުރޫޕް ތައަރާފުކޮށްދެއްވައި، މި މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ މެތޮޑޮލޮޖީ އަދި ސްޓޭކްހޯލްޑަރުންގެ ބައިވެރިވުން ހޯދުމުގެ މަސައްކަތް ރާވާފައިވާ ގޮތް ބައިވެރިންނާ ހިއްސާ ކުރިއެވެ. މި ބައްދަލުވުމުގައި ސިއްޙީ ވުޒާރާއާއި ދަތުރުފަތުރާ ބެހޭ ވުޒާރާއާއި އިޖުތިމާޢީ އަދި އާޢިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބައިވެރިވެވަޑައިގެތެވެ. މީގެ އިތުރުން އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރައާއި މާލީ ވުޒާރާއާއި ޚާރިޖީ ވުޒާރާގެ އިތުރުން އިދާރީ ދާއިރަތައް ހިންގުމާ ބެހޭ ވުޒާރާއިން ބައިވެރިވެވަޑައިގަތެވެ. މި ބައްދަލުވުމުގައި ބައިވެރިންނަށް ވަނީ އިންސެޕްޝަން ވޯކްޝޮޕުގެ ގޮތުގައި ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.

ނެކްސިއާއިން ބުނީ އިންސެޕްޝަން ރިޕޯޓަށްފަހު ގައުމީ ތަރައްގީގެ ޕްލޭންގެ އެކުލަވާލުމުގެ މަސައްކަތުގެ ދެވަނަ މަރުހަލާގެ ގޮތުގައި ކުރިއަށް ދާނީ މި ޕްލޭން އެކުލަވާލުމަށް ބޭނުންވާ މައުލޫމާތު އެއްކުރުންކަމަށެވެ. މި ޕްލޭނަކީ ރައްޔިތުންނާ ގާތުން އެމީހުންގެ ހިޔާލާއި މަޝްވަރާގެ މަތިން އެކުލަވާލާ ޕްލޭނެއްކަން ނެކްސިއާއިން ފާހަގަކުރެއެވެ.

އެހެންކަމުން މި ޕްލޭން އެކުލަވާލުމަށް ފަންނީ ބޭފުޅުންގެ ލަފާ, އާއްމުންގެ ހިޔާލު، ފޯކަސް ގުރޫޕް ޑިސްކަޝަންތައް އަދި ސްޓޭކްހޯލްޑާ ބައްދަލުވުންތައް ބާއްވާ މައުލޫމާތު އެއްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މައުލޫމާތުގެ އަލީގައި ޑޭޓާ ޕްރޮސެސް އަދި އެނަލިސިސް ހަދާ ފުރަތަމަ ޑްރާފްޓެއް އެކުލަަވާލާނެއެވެ. އޭގެ ފަހުން ތަޖުރިބާކާރުންގެ ލަފާ ހޯދައި މި ޕްލޭންގެ މަސައްކަތް ނިންމާލާ އިދާރާއަށް ހުށަހަޅާނެއެވެ.

ދިވެހިރާއްޖޭގެ 20 އަހަރުގެ "ޤައުމީ ތަރައްޤީގެ ޕްލޭން" އެކުލަވާލުމަށް ނެކްސިއާއަށް ހަވާލުކުރީ މިމަހުގެ ތެރޭގައެވެ. ޤައުމީ ތަރައްޤީގެ ޕްލޭންގެ މައިގަނޑު މަޤްސަދަކީ ދެމެހެއްޓެނިވި ތަރައްޤީއަށް ރިއާޔަތްކޮށް ޤައުމުގެ ބަދަލުވަމުންދާ އިގްތިޞާދީ، އިޖުތިމާޢީ، ތިމާވެށި އަދި ޢުމްރާނީ ބޭނުންތަކަށް އަމާޒުކޮށް، ޤައުމީ ފެންވަރުގައި އެންމެ އިސްކަންދޭ ދާއިރާތަކުގެ ދުރުރާސްތާގެ ޕްލޭނެއް އެކުލަވާލުމެވެ. މިގޮތުން، ކުރިއަށްއޮތް 20 އަހަރުތެރޭގައި ސަރުކާރުގެ ސިޔާސަތުތަކާއި، އިންވެސްޓްމަންޓްތައް އަދި ޤައުމީ ތަރައްޤީގެ ރޭވުންތަކަށް މަގުދައްކައިދޭނެ އިސްތިރާޖީ އޮނިގަނޑަކަށް މިޕްލޭން ވެގެންދާނެކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

އިޤްތިޞާދީ، އިޖުތިމާޢީ އަދި ތިމާވެށީގެ ގޮތުން ރާއްޖެއަށް އެކި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު، މިކަމަށް އިސްކަމެއްދިނުމަކީ މި ޕްލޭން އެކުލަވައިލުމުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ އެއް ކަމެކެވެ. މިގޮތުން ސަރުކާރުގެ އިންވެސްޓްމަންޓްތަކާއި، ސިޔާސަތުތަށް އިސްލާހުކުރުމާއި، ޤައުމީ ފެންވަރުގެ ނިންމުންތަކަށް މަގުދައްކައިދޭނެ ފުރިހަމަ ދިގު މުއްދަތުގެ އިސްތިރާޖެއް މި ޕްލޭންގައި ހިމަނާނެއެވެ.